ބަންގްލަދޭޝްގައި ވަޒީފާގެ ކޯޓާއާ ގުޅިގެން ކޮލެޖު ދަރިވަރުން ކުރަމުންދާ މުޒާހަރާގައި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އިސްތިއުފާއަށް ގޮވާލައިފި އެވެ.
އެ މުޒާހަރާތައް ފެށީ 1971 ގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަކުރި އެ ގައުމުގެ އަސްކަރިއްޔާގެ މީހުންނަށް ސަރުކާރުން ދޭ 30 ޕަސަންޓުގެ ވަޒީފާގެ ކޯޓާއާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، ބަންގްލަދޭޝްގެ ސުޕްރިމް ކޯޓުން ވަނީ ފަސް ޕަސަންޓަށް ކޯޓާގެ އަދަދު ކުޑަކޮށްފަ އެވެ.
ހަސީނާގެ އިސްތިއުފާއަށް ދަރިވަރުން ގޮވައިލަމުން ދަނީ މުޒާހަރާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެންނާއި މުޒާހަރާތަކާއި ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ހައްޔަރުކުރުމާ ގުޅިގެންނެވެ.

"ހަސީނާ މަގާމުން އިސްތިއުފާ ދޭން ޖެހޭ. އެއަށްފަހު މިނިވަން އިންސާފުވެރި ޝަރީއަތަކާ ވެސް ކުރިމަތިލާން ޖެހޭ. ކުރި ކުށްތަކަށް އަދަބު ލިބެން ޖެހޭ،" ދަރިވަރުންގެ މުޒާހަރާ ލީޑްކުރާ ނާހިދު އިސްލާމް ބުންޏެވެ.
މުޒާހަރާތަކާ ގުޅިގެން ހަސީނާ ވަނީ މުޒާހަރާ ލީޑްކުރާ މީހުންނަށް ބައްދަލު ކުރުމަށް ފުރުސަތު އޮތް ކަމަށް ބުނެ، އިތުރު ހަމަ ނުޖެހުމެއް ގައުމުގައި ދިމާވާން އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެއިތުރުން ހަސީނާ ވަނީ މުޒާހަރާ ލީޑްކުރާ މީހުންނާ މަޝްވަރާ ކުރުމަށް ސަރުކާރުގެ އިސް ތިން އޮފިޝަލަކު ހަމަޖައްސާފަ އެވެ.
ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅަށް ހިންގަމުންދާ ހަރަކާތްތަކާ ގުޅިގެން އެ ގައުމުގެ މަސްރަހު ވަނީ ހޫނުވެފަ އެވެ. އެގޮތުން މަގުމައްޗަށް ސިފައިން ނެރެ އަންނަނީ ފޯރި މަރަމުންނެވެ.










