ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕޭރޯލް އާއި ބަލްކް ޓްރާންސްފާ އިންޓަނެޓް ބޭންކިން އާއި ފަވަރަ މެދުވެރިކޮށް ހެދުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ބީއެމްއެލްއިން ބުނީ ބޮޑެތި އަދަދުތަކުން ކުރާ ޓްރާންސްފާތަކާއި އަދި ޕޭރޯލް ޕްރޮސެސްކުރަން payroll@bml.com.mv އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. މި ހިދުމަތްތައް މެދުކަނޑާލި ސަބަބެއް އެ ބޭންކުން ނުބުނެ އެވެ.
ނަމަވެސް، ކުރިން ހަފުތާގައި ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓަށް ބިލިއަނުން ޑޮލަރު ޖަމާވި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ފެންމަތިވި އެވެ.
އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ މީޑިއާ އޮފިޝަލަކު ބުނީ އެ ހާދިސާ ހިނގީ ޕޭމަންޓެއް ޕްރޮސެސް ކުރުމުގައި "ހިއުމަން އެރާ" އެއްގެ ސަބަބުން ކަމަށާއި އެކަން ދެނެގަނެވި އެކައުންޓުތަކުގައި ހުރި ފައިސާ ރިވާސް ކުރެވުނު ކަމަށެވެ.
ބޭންކުން އޭރު ބުނި ގޮތުގައި އެހެން ދިމާވީ މުސާރަތައް ޖަމާކުރާ ޕޭރޯލް ޕްރޮސެސިންގެ ބަލްކް ޕޭމަންޓަށް މިފަހުން ގެނައި ބަދަލަކާ ގުޅިގެންނެވެ.











