ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 448 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދެވަނަ ކުއާޓަރުގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިން ޕަސަންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބީއެމްއެލްއިން ވަނީ 2.8 ބިލިއަން ރުފިޔާގެ އައު ލޯނު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފަ އެވެ.
އެގޮތުން ދެވަނަ ކުއާޓަރުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބި، ބޭންކުގެ ރައުސްމާލް ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފަ އެވެ. އަދި ޖުމްލަ އެސެޓް ވަނީ 44.9 ބިލިއަން ރުފިޔާއަށް އަރައި، ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 29.5 ބިލިއަން ރުފިޔާ ލިބުނެވެ.
އިންފްލޭޝަންއާ ގުޅިގެން އަންނަ ޕްރެޝަރުތަކާއެކު ވެސް ހިންގުމުގެ ހަރަދުތައް ހިފަހައްޓައި، ދެވަނަ ކުއާޓަރުގައި ޕްރޮވިޝަން ކަވާ ހުރީ ހަރުދަނާކަމާއެކު 100 އިންސައްތައިގަ އެވެ.
ބީއެމްއެލްއިން ވަނީ ރާއްޖޭގެ ޝަރުއީ ހަމަތަކަށްފެތޭ ފުރަތަމަ ކްރެޑިޓް ކާޑު ދެވަނަ ކުއާޓާއަށް އަމާޒުކޮށް ތައާރަފްކޮށްފަ އެވެ.
އޭގެއިތުރުން ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ހޯމް ބިލްޑް އަދި ހޯމް އިކުއިޓީ ލޯނު ވަނީ ތައާރަފްކޮށް، ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކުގެ ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ނިމިދިޔަ ކުއާޓަރުގައި ވަނީ "ބޭންކް ފަންޑް" އަށް އެދި ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 38 ބްރާންޗާއި ސާވިސް ސެންޓަރު، 86 ސެލްފް ސާވިސް ބޭންކިން ސެންޓާ، 144 އޭޓީއެމް، ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.










