އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ސްރީލަންކާގެ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު 21، ގައި ބާއްވަން ނިންމައި އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން އިއްޔެ އެކަން އިއުލާންކޮށްފި އެވެ.
ލަންކާގެ އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އޯގަސްޓު، 15 ގެ ނިޔަލަށް ކަމަށެވެ.
އިންތިހާބުގައި ވާދަކުރައްވަން ކެންޑިޑެންސީ ހުށަހެޅުއްވިކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހުކަން އިލެކްޝަން ކޮމިޝަނުން ވަނީ ހާމަަކޮށްފަ އެވެ.

"އިންތިހާބު މިފަހަރު ހޮނިހިރު ދުވަހެއްގައި ބާއްވަން ނިންމާފައި ވަނީ ގިނަ ބަޔަކަށް ވޯޓުލުމަށް ފުރުސަތު ދިނުމުގެ ގޮތުން،" އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
ލަންކާގެ ވެރިކަމާ 2022 ގައި ރަނިލް ހަވާލުވެވަޑައިގެންނެވީ އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ، ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ގައުމު ދޫކޮށް ފިއްލަވައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިންތިހާބުގައި ލަންކާގެ އާބާދީގެ 22 މިލިއަން މީހުންގެ ތެރެއިން 17 މިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ.










