ކުރިއަށް އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު، އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށައިފި އެވެ.
ތިރީސް ކުޅުންތެރިން ހިމެނޭ ޕްރިލިމިނަރީ ސްކޮޑަކާ އެކު، ފަރިތަކުރުންތައް ފަށާފައިވާއިރު، މި ފަހަރުގެ ސްކޮޑުގައި، ދާދި ފަހުން ނިމުނު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިން ހިމެނެ އެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތް އޮތީ އޮގަސްޓް މަހު، 16-28 އަށެވެ. ނޭޕާލުގައި ކުރިއަށްދާ، އެ މުބާރާތުގައި ރާއްޖެ ހިމެނެނީ، އިންޑިއާ އާއި ބޫޓާނާ އެކު ގްރޫޕް ބީގަ އެވެ. އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ބުރު މި އަހަރު ކުރިއަށްދާއިރު، ކޮލިފައިން މެޗުތައް ކުޅެން ޖެހެނީ ސެޕްޓެމްބަރު 21-29 އަށެވެ. އެ ގޮތުން ރާއްޖެ ހިމެނިފައިވަނީ، ގްރޫޕް އެފްގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، އިންޑޮނީޝިއާ، ޓިމޯ ލެސްޓޭ އަދި ޔަމަން އެވެ.

20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕެރްކްޓިހުގެ ތެރެއިން.-- ފޮޓޯ: އަތޫފް އާތިފް / އަދަދު
ޝާކިއްޓެ، "އަދަދު" އަށް ބުނީ، ޕްރިލިމިނަރީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، މީގެ ކުރިން ސާފް އާއި އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފައިވާ ކުޅުންތެރިން ހިމެނޭ ކަމަށެވެ.
އެ ގޮތުން، ސާފްގެ އެއް އުމުރުފުރާ މުބާރާތެއްގައި އެއް ފަހަރު ކުޅެފައިވާ ކުޅުންތެރިއަކަށް ދެ ވަނަ ފަހަރު އެ އުމުރުފުރާއެއްގެ މުބާރާތެއްގައި ނުކުޅެވެ އެވެ. އެހެން ނަމަވެސް، އޭޝިއަން ކަޕް ކޮލިފައިންގައި އުމުރުފުރާގެ ގަވާއިދުގެ ތެރެއިން ކުޅެވޭ ގޮތަށް އޮވެ އެވެ.
އެހެންކަމުން، މިހާރު ވެސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެވޭނެ ކުޅުންތެރިންގެ ތިން ކުޅުންތެރިއަކު ސްކޮޑުގައި ގެންގުޅޭ ކަމަށް ޝާކިއްޓެ ވަނީ ބުނެފަ އެވެ.
މިހާރު ޕްރެކްޓިސް ކުރަމުން އަންނަ، 30 ކުޅުންތެރިންގެ ސްކޮޑު ފައިނަލް ކުރާނީ، ސާފް ޗެމްޕިއަންޝިޕާ ގާތްކޮށްފަ އެެވެ. ޕްރެކްޓިސްގައި ހިމެނޭ ބައެއް ކުޅުންތެރިންނަކީ، މީގެ ކުރިން ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށްފައިނުވާ ކުޅުންތެރިންނެވެ.
އެހެންކަމުން، މި ފަހަރުގެ ސާފް އާއި އޭޝިއަން ކަޕް ކޮލިފައިންގައި އިންޓަނޭޝަނަލް ލެވަލްގައި އާ ކުޅުންތެރިންނަށް ފުރުސަތު ލިބި، މުހިންމު ތަޖުރިބާތަކެއް ހާސިލްކުރެވޭނެ އެެވެ.












