ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ދަށްވުމުން މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް ހުސްވެއްޖެ އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯގެ މަސް ފިހާރަތަކުން މަސް ހުސްވެގެން އުޅޭތާ ދެ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. އަދި މާލޭގެ އެހެން މަސް ފިހާރަތަކުން ވެސް މަހެއް ނުލިބެ އެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) "އަދަދު" އަށް ވިދާޅުވީ މަސްވެރިކަން ދަށްވެ މިފްކޯއަށް ކިރާ މަހުގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން މަސް ލިބުން ދަތިވެފައިވާ ކަމަށެވެ.
މަސް ނުލިބުމުގެ ސަބަބުން މިފްކޯއިން ވިއްކާ ރިހާކުރުފަދަ ޕްރޮޑަކްޓްތަކުގެ ސްޓޮކްވެސް ދަށްވެފައިވާ ކަމަށާއި ނަމަވެސް މަސްދަޅުގެ އެއްވެސް ޝޯޓޭޖެއް މިވަގުތު ނެތް ކަމަށް އިބްރާހިމް ސައީދު ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުން މިފްކޯއަށް ކިރާ މަހުގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައި. މަޑުމަޑުން އަދިވެސް ކިރާ. އެކަމަކު ވަރަށް ދަށް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މަސްވެރިކަން ރަނގަޅުވާނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައި ކަމަށް ތަޖުރިބާކާރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވޭތީ، މަސްވެރިން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި އިހުތިޖާޖުތަކެއް ވެސް ދާދި ފަހުން ކޮށްފަ އެވެ. ނަމަވެސް މިފްކޯއިން ވަނީ ޖޫން، 27 އާ ހަމައަށް މަސްވެރިންނަށް ދޭން ޖެހޭ 53 މިލިއަން ރުފިޔާ ޖުލައި، 1 ގައި ޖަމާކޮށްފަ އެވެ.
މިފްކޯއިން ވަނީ އެ ކުންފުންޏަށް ގަނޑުކުރި މަސް ކިލޯއެއް 16ރ. އަށް ގަނޑު ނުކުރާ މަސް ކިލޯއެއް 14ރ. އަށް ގަންނަން ފަށާފަ އެވެ. ސަރުކާރުގެ ވައުދަކީ އެ އަގު 20ރ. އަށްވުރެ ކުޑަވިޔަ ނުދިނުމެވެ.
ސަރުކާރުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި ކިރާފައިވާ މަހަށް ފައިސާ ނުދޭތީ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން ފައިސާ ދޫކުރަން މަސްވެރިން ދަނީ އެދެމުންނެވެ.










