ވިޔަފާރިތައް ކުރި އެރުވުމާއި ވިޔަފާރިތަކަށް ފަސޭހައިން ބޭންކިން މުއާމަލާތް ކުރުވޭނެ ގޮތުގެ މައުލޫމާތު ހިއްސާކުރަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހާއްސަ އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.
އެ އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި 18, ގެ ހެނދުނު 09:00 އިން ހަވީރު 5:00 އަށް މީރުމާ އިމާރާތުގެ ދެ ވަނަ ފަންގިފިލާގަ އެވެ.
އެމްއައިބީން ބުނީ އެ އިވެންޓުގައި ވިޔަފާރިއަކާއި އެކަށޭނެ ފައިނޭންސިން ފެސިލިޓީއާއި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކިން ހިދުމަތް ހޯދުމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ދީ، އެމްއައިބީގައި އެކައުންޓު ހުޅުވަން ބޭނުންވާ ވިޔަފާރިތަކަށް އެކަމާއި ބެހޭ މައުލޫމާތު ދޭނެ ކަމަށެވެ.
އެ އޯޕަންޑޭގައި މައުލޫމާތު ހޯދަން ބޭނުންވާ ވިޔަފާރިތަކަށް ލިންކެއް މެދުވެރިކޮށް ބުކިން ހެދޭނެ އިންތިޒާމު އެ ބޭންކުން ވަނީ ފަހިކޮށްދީފަ އެވެ.
މީގެ ކުރިންވެސް އެމްއައިބީއިން ވަނީ އެފަދަ ހަރަކާތްތަށް ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންގޮސްފަ އެވެ. އެ ހަރަކާތްތަކަށް ވަނީ ބޮޑު ތަރުހީބެއް ވެސް ލިބިފަ އެވެ.
ވިޔަފާރިތަކަށް ފަހި އެމްއައިބީން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކަށް ނުގޮސް ވިޔަފާރިތަކަށް ގިނަ ހިދުމަތްތަކެއް ލިބެއެވެ.










