ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ބޮޗަމްގައި ހުންނަ ކެފޭއެއްގައި ދިން އެސިޑް ހަމަލާއެއްގައި ނުވަ މީހުން ޒަހަމްވެއްޖެ އެވެ.
ޖަރުމަނުގެ ފުލުހުން ބުނީ މި ހަމަލާ ދިނީ ކެފޭގެ އައުޓްޑޯގެ މޭޒެއްގައި ހުރި މީހަކަށް އަމާޒުކޮށް ކަމަށާއި ހަމަލާގައި އޭނާއަށް ބޮޑެތި ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށެވެ.
ހަމަލާގައި ކެފޭ ބޭރުގައި ހުރި އިތުރު މީހަކު ވެސް ޒަހަމްވެފައިވާ ކަމަށެވެ. އަދި އެސިޑާ ކޮންޓެކްޓުވި ހަތަރު ފުލުހުންނާއި ދެ ފަޔާ ފައިޓަރުންނަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ.

ހަމަލާދިން މީހާ އެ ސަރަހައްދުން ފިލި ނަމަވެސް، ޖަރުމަނު ފުލުހުން އޭނާ ފަހުން ދެނެގަނެ ވަނީ ހައްޔަރު ކޮށްފަ އެވެ.
ހައްޔަރުކުރި މީހާގެ ތަފްސީލު އަދި ހަމަލާދިން ސަބަބެއް މިހާތަނަށް ޖަރުމަން ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
ޖަރުމަނުގައި މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް އަންނަނީ ކުޅެމުންނެވެ. ނަމަވެސް ބޮޗަމްގައި ޔޫރޯގެ އެއްވެސް މެޗެއް ނުކުޅެ އެވެ.










