މި ފެށުނު ހަފްތާގެ ތެރޭގައި މަސް ގަތުމަށް ސަރުކާރުގެ މަސް ކުންފުނި, މިފްކޯއިން ކަނޑައަޅާފައިވާ އަގުތައް ދާދި ދެންމެއަކު ހާމަކޮށްފި އެވެ.
މާދަމާއިން ފެށިގެން ކޮންމެ ހަފްތާއަކު މަސް ގަންނަ އަގު މުރާޖާ ކުރުމަށް ނިންމާފައިވާއިރު މިއީ މިފްކޯއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތައް ހައްލު ކުރުމަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގަނޑުކުރި މަސް ގަންނަ އަގު
- 1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 16ރ.
- 1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 7ރ.
ގަނޑު ނުކުރާ މަސް ގަންނަ އަގު
- 1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 14ރ.
- 1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 5ރ.
މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް މި ބަދަލާއެކު ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.
މިފްކޯއިން މީގެކުރިން ބުނެފައިވާ ގޮތުގައި މަސް ގަނެވޭނެ އެންމެ ބޮޑު އަގަކީ 12ރ. ކަމަށާއި އެހެންކަމުން އެއަށްވުރެ ބޮޑު އަގެއް ކަނޑައަޅައިފިނަމަ ސަރުކާރުން ސަބްސިޑައިޒް ކުރާނެ އެވެ. މިރޭ އިއުލާން ކުރި އަގުތަކަށް ސަރުކާރުން ސަބްސިޑީ ދޭން ޖެހޭނެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ ކަނޑުމަހުގެ އަގު ކިލޯއަކަށް 20ރ. އަށްވުރެ ދަށަށްދިޔަ ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވައުދުވެވަޑައިގެންފަ އެވެ.











