ރިޕޯޓުމަސްވެރިންގެ ރައީސް ތެދުވެވަޑައިގަތީ މަސްވެރިންނާ ދެކޮޅަށް!

މަސްވެރިންގެ ރައީސް ތެދުވެވަޑައިގަތީ މަސްވެރިންނާ ދެކޮޅަށް!

މަސް ގަނެ، އެއިން ވިޔަފާރި ކުރުމަށްފަހު ގަންނަ މީހާއަށް ފައިސާ ބިރު ދެއްކުމަކީ ރީތި ސިފައެއް ނޫނެވެ. ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭންޖެހޭނެ އެވެ. އެ ނޫން ހަމަ އެއްގޮތެއް ވެސް ނެތެވެ.

ރައީސް މުއިއްޒު ހިންގަވާއިރު ފަހަތުގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ބަލަހައްޓަވައިގެން. މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް މަސްވެރިން ބުނޭ --- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ހިންގަވާއިރު ފަހަތުގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ބަލަހައްޓަވައިގެން. މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް މަސްވެރިން ބުނޭ --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެން ރައީސް އޮފީހަށް ވަދެވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މަސްވެރިންގެ އެންމެ ގާތް އެކުވެރިޔާ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މަސްވެރިންގެ އެންމެ ހިތްހަމަޖެހޭ ގޮތަކަށް ސަރުކާރަކަށް މަސައްކަތެއް ނުކުރެވުނެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންގެ އެއިރުގެ އިހުސާސްތަކުގެ ބޭނުން ހިއްޕަވައި، މަސްވެރިން ބޭނުންވާ ހުރިހާ ކަމެއް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަމާއެކު އެވެ.

"އަޅުގަނޑު ޔަގީންކަން މި އަރުވަނ،ީ ތިޔަ ބޭފުޅުން އަޅުގަނޑަށް އިތުބާރުކުރައްވާ މަސްވެރިންނަށް ބޭނުންވާ ހުރިހާ ކަމެއްގައި އަޅުގަނޑު ތިޔަ ބޭފުޅުންނާއި މަޝްވަރާކޮށ،ް މިރަށުގެ ރައްޔިތުންނާއި މަސްވެރިންނަށް ބޭނުންވާ ހުރިހާ ކަމެއ،ް ރައްޔިތުންގެ ރުހުމާއި އެކީގައި ހާސިލްކޮށްދޭނެ ކަން،" ދ. މީދޫގައި ވާހަކަ ދައްކަވަމުން އޯގަސްޓު 17، 2023، ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރައްވަމުން މަސްވެރިންނަށް ރައީސް މުއިއްޒު ދެއްވި ޔަގީންކަމަކީ މަސްވެރިން ބޭނުންވާ ހުރިހާ ކަމެއްގައި އެމަނިކުފާނު "އިޖާބަ ދެއްވާނެ" ކަމެވެ.

"ލޮބުވެތި ރައްޔިތުންނަށް، ހުރިހާ މަސްވެރިންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ ތިޔަ ބޭފުޅުން އެދިލައްވާ ކަންކަމުގައި އަޅުގަނޑު ފުރިހަމައަށް އިޖާބަދޭނެ ވާހަކަ،" ހަމަ މީދުގައި އެ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ނަމަވެސް, ވެރިކަމަށް މާ ގިނަ ދުވަސްތަކެއް ނުވެ ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމައިނުން ވެސް ތެދުވި އެއް ބަޔަކަށްވީ މަސްވެރިންނެވެ. މިހާތަނަށް ތިން ބުރެއްގެ މަތިން މަސްވެރިން މުޒާހަރާކޮށްފި އެވެ. އެންމެ ފުރަތަމަ މުޒާހަރާ ކުރީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މި ހިނގާ ޖޫން މަހު މާލޭގައި އަދި މިވަގުތު އައްޑޫގައި ވެސް މަސްވެރިން އެބަ މުޒާހަރާ ކުރެ އެވެ.

އެންމެ ފުރަތަމަ ފެބްރުއަރީ މަހުގެ ތެރޭގައި މަސްވެރިން މުޒާހަރާ ކުރީ ކޫއްޑޫގަ އެވެ. އެ މުޒާހަރާ ކުރީ މަސްވެރިންނަށް ސަރުކާރުން ދަރާފައި އޮތް ފައިސާ ނުދީ ގިނަ ދުވަސްވެގެންނެވެ. މަސްވެރިންނަށް ގަވާއިދުން ފައިސާ ދިނުމާއި މަސް ގަންނަ އަގު ބޮޑު ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ.

ނަމަވެސް ފެބްރުއަރީ މަހު ކުރި މުޒާހަރާއަށް ސަަރުކާރުން އެދެވޭ ޖަވާބެއް ނުދިނެވެ. މަސްވެރިންނަށް ވީހާ ވެސް އަވަހަކަށް ފައިސާ ދޭނެ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ނަމަވެސް މިނިސްޓަރު އެދިވަޑައިގަތީ މަސްވެރިން މަހަށް ދިޔުމަށެވެ.

"އާދެ، [މަސްވެރިން] މުޒާހަރާގައި އެބަތިބި، ކޫއްޑޫގައި ވެސް އެބަ ތިބި، އައްޑޫ ސިޓީގައި ވެސް މުޒާހަރާގައި މަސްވެރިން ތިބީ. އަޅުގަނޑުމެން މި އެދެނީ އެންމެ ދުވަހެއްގެ އާމްދަނީ ވެސް މަޑުނުކޮށް، މުޒާހަރާ ހުއްޓާލާފައި މަސްވެރިން ހަމަ އާމްދަނީ ހޯދުމަށް ޓަކައި މަހަށް ވަޑައިގަންނަވާށޭ،" ޝިޔާމް ވިދާޅުވި އެވެ.

އޭގެ ފަހުން މަސްވެރިން މިފަހުން މާލޭގައި މުޒާހަރާ ކުރީ ލޭނުގެ މަސްވެރިކަން ކުރަން ބޭރުގެ ކުންފުނިތަކަށް ހުއްދަ ދޭން ނިންމުމާއި އަނެއްކާ ވެސް މަސްވެރިންނަށް ފައިސާ ނުދިނުމުގެ ސަބަބުންނެވެ. އެކަމަކު، އެ ދުވަހު ވެސް މަސްވެރިންނަށް މިނިސްޓަރު ދެއްވީ މާޔޫސްކަމެވެ.

"މި އަހަރަކު އަޅުގަނޑުމެންނަކަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށެއް. މިފްކޯ އޮތީ އެ ހާލަތަކު ނޫން. މިފްކޯ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، ދައުރުގެ ވަރަށް ކުރީކޮޅު ވައުދުތައް ފުއްދަމުންނޭ މި ދަނީ، އެ ކަން ވެސް ސަރުކާރުގެ ވައުދާ އެއް ގޮތަށް ހިނގަމުންދާނެ،" ޖޫން 12، ގައި މަސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިންގެ އެންމެ ބޮޑު މުޒާހަރާ މިހާތަނަށް މި ކުރަނީ އައްޑޫގަ އެވެ. އެއީ މަސްވެރިންގެ އަތުން މަސް ގަތުމަށް ފަހު ދޭންޖެހޭ ފައިސާ ނުދީގެން ކުރަމުންދާ މުޒާހަރާއެކެވެ. އައްޑޫ ސިޓީގެ ހުޅުދޫގައި ހިންގާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހިންގާ މުޒާހަރާއަށް މިއަދަށް މިހާރު ފަސް ދުވަސް ހަމަވީ އެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގެ ޑިމާންޑު ހަގީގަތުގައި ބޮޑުވީ، މަސްވެރިން އެކަމަށް ނޭދެނީސް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދަކާ ގުޅިގެންނެވެ. އެއީ މަސް ގަތުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް އަގު އަދާ ކުރައްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރެއިން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ލިބޭ ނިޒާމު ގާއިމުކުރާނަމޭ. އަޅުގަނޑަކީ ވައުދުވާ ގޮތަށް ކަން ކުރާނެ މީހެއް. ޓާގެޓަށް ދާން ކުރާ މަސައްކަތް މިކުރަނީ. އެ ޓާގެޓަށް ދާނަން," މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގދ. ފަރެސްމާތޮޑާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރައީސްގެ ވައުދު މިހާތަނަށް ވެސް ފުއްދިފައެއް ނުވެ އެވެ. އައްޑޫގެ މަސްވެރިންނަށް އެކަނި ވެސް ސަރުކާރުން މަދުވެގެން 13 މިލިއަން ރުފިޔާ ދޭންޖެހެ އެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މުޒާހަރާ ކުރަމުން ދަނިކޮށް ދެން އަނެއްކާ މަސްވެރިންނަށް ސަރުކާރުގެ ފަރާތުން ކުރިމަތިލާންޖެހުނީ އެހެން ބިރުވެރިކަމަކާއ އެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުދަލަށް ގެއްލުން ދިން ކަމަށް ބުނެ މަސްވެރިން ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ ދީފަ އެވެ. މަސްވެރިން ބުނަނީ އެއީ ސަރުކާރުން ހަދާ ދޮގެއް ކަމަށެވެ. ގެއްލުން ދިން ކަމަށް ބުނަނީ ފިޝަރީޒް ކޮމްޕްލެކްސްގެ ކެންޓީނަށެވެ. އެފަދަ ކުޑަ ތުހުމަތެއް އަޅުވައި ސަރުކާރުން ނިންމީ އިންތިހާ ބޮޑު ނިންމުމެކެވެ.

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓު ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މިދަނީ މަސައްކަތް ކުރަމުން. އަދި ތަން އޮޕަރޭޝަނަށް ގެނެސް އާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރެވޭނޭ ވާހަކަ ދެންނެވިން،" މިފްކޯއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.

މީގެ ކުރިން އޭޕްރީލް 12، 2022، ގައި މަސްވެރިން ކުރި މުޒާހަރާއެއްގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ވެސް ހުއްޓުނެވެ. އެ މުޒާހަރާ ކުރީ ކޫއްޑޫގެ ކެޕޭސިޓީ ހަމަވެގެން މަސް ނުކިރިގެންނެވެ. ނަމަވެސް އެއިރު ސަރުކާރުން މަސްވެރިންނަށް އިންޒާރު ދިން ތަނެއް ނުފެނެ އެވެ. މަސް ގަތުން ހުއްޓާލައި، އެތައް މިލިއަން ރުފިޔާގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލާނެކަމުގެ އިންޒާރެއް އެއިރު ސަރުކާރުން ނުދެ އެވެ.

-

ބައެއްގެ އެއްޗެއް ގަނެފަ ފައިސާ ނުދައްކައި ހުރުމަކީ ލަދުވެތި ކަމެކެވެ. މިފްކޯއަކީ ކުންފުންޏެކެވެ. މަސް ނުގަތުމަށް ވެސް ނޫން ނަމަ ކުޑަ އަގެއްގައި މަސް ގަތުމަށް ވެސް މިފްކޯއަށް ނިންމިދާނެ އެވެ. އެކަމަކު، މަސް ގަނެ، އެއިން ވިޔަފާރި ކުރުމަށްފަހު ގަންނަ މީހާއަށް ފައިސާ ބިރު ދެއްކުމަކީ ރީތި ސިފައެއް ނޫނެވެ. ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭންޖެހޭނެ އެވެ. އެ ނޫން ހަމަ އެއްގޮތެއް ވެސް ނެތެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox