ހުޅުމާލެއިން މާލެއަށް ދަތުރުކުރުމަށް އޮންނަ ހައިވޭގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އަނިޔާ ލިބުނު ސްރީ ލަންކާގެ ރައްޔިތަކު މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓުގައި ސައިކަލު ކަހާލައިގެން ގޮސް ފެންސުތަކުގައި ޖެހި އޭނާއަށް އަނިޔާ ލިބުނު ކަމަށެވެ. މިކަމެއް ހިނގީ މިއަދު ހެނދުނު 06:40 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އެ ފިރިހެން މީހާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެއަށް ފަހު އޭނާ ގެނައީ އޭޑީކޭ ހޮސްޕިޓަލަށެވެ. މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.












