މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގީ ގަސްތުގައި ރޯކޮށްލުމުން ކަމަށް މިހާތަނަށް ލިބުނު ހެކިތަކުން ނުދައްކާ ކަމަށް ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވި ނަމަވެސް އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއްކަން އެނގިއްޖެ އެވެ.
ރޭގެ ހާދިސާގައި، ހެންވޭރު މެހެލިގޯޅީގައި (ހެންވޭރުގައި ހުންނަ ފިއުލް ސަޕްލައިގެ ޝެޑު ކުރިމަތީގައި އޮންނަ ގޯޅި) ޕާކުކޮށްފައި ހުރި ފަސް ސައިކަލެއް ވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދައިފަ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ސައިކަލުތަކުގައި ރޯކޮށްލީ ގެއެއްގެ މަތީ ބުރިއެއްގައި ތިބި ބަޔަކު އެއްޗެއްގައި ރޯކޮށްލުމަށްފަހު ތިރިއަށް ވައްޓާލައިގެންނެވެ. އެ މަންޒަރު ހުރީ އެ ހިސާބުގެ ބައެއް ސީސީޓީވީ ފުޓޭޖަށް ވެސް އަރައިފަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، މިއީ ގަސްތުގައި ކުރި ކަމެއްކަމަށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މީހުން ޝުއޫރުފާޅުކޮށްފައިވެ އެވެ.
ގިނަ ބަޔަކު މިކަން ގުޅުވާލީ މި މަހު ކުރީކޮޅު ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައާ އެވެ. އަދި މިއީ ސިލްސިލާކޮށް މާލޭގައި ބަޔަކު ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ނަމަވެސް ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް ހޯދުނު ގޮތުގައި ބެލެވެނީ މިއީ ބަޔެއްގެ ބައިވެރިވުމެއް ނެތި ހިނގި ހާދިސާއެއް ކަމަށެވެ.












