މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އައްޔަނުކޮށްފި އެވެ.
ޝިއުރީ ވަނީ އޭނާ އެ މަގާމަށް މިއަދު އައްޔަނުކުރިކަން "އަދަދު" ނޫހަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ އަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް ވެސް މެ އެވެ. އަދި އޭނާ އަންނަނީ ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވިއިރު، އެކުގައި މަސައްކަތް ކުރައްވަމުންނެވެ.
އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމު ހުސްވީ ފާތިމަތު ތައުފީގު (ކުޑީ) ވަކިކުރުމުންނެވެ. އޭގެ 24 ގަޑިއިރު ކުރިން އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުރި އަައިޝާ ނޫރައިން ނަޖާހު އިސްތިއުފާ ދެއްވި އެވެ. އެ ކުންފުނި ވަގުތީ ގޮތުން ހިންގަމުން ދިޔައީ ޑީއެމްޑީ މުހައްމަދު ބައްސާމު އެވެ.
ޝިއުރީ އަކީ ރާއްޖޭގެ ޓީޓީގައި ފާހަގަކުރެވޭ މޮޅު ކުޅުންތެރިޔެއް އަދި ކޯޗެކެވެ. އޭނާ ވަނީ ގައުމީ ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިފަ އެވެ. އަދި ބައިނަލްއަގުވާމީ ގިނަ ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވެ އެވެ.
މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމުން ތިން ރަން މެޑަލް ހޯދިއިރު ކޯޗެއްގެ ގޮތުގައި ޝިއުރީ ހަރަކާތްތެރިވި އެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމުތަކުން ބޮޑެތި ކުރިއެެރުންތަކެއް ހޯދިއިރު އޭނާ ހުރީ ޓީޓީ އެސޯސިއޭޝަންގެ އިސް މަގާމެއްގަ އެވެ.











