ލިޒްބަން (ޖޫން 12) - އަންނަ ހުކުރު ދުވަހުގެރޭ ޖަރުމަނުގައި ފަށާ ޔޫރޯ މުބާރާތުގެ ކުރިން ޕޯޗުގަލުން ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި، އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާ އެކު، 3-0 އިން އަޔަލަންޑް ބަލިކޮށްފި އެވެ.
މި މެޗުގެ 13 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. އޭރިއާ ތެރޭގައި މުޅިން ހުހަށްހުރެ ޖާއޯ ފީލިކްސް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. މި ގޯލަށް ފަހު ވެސް ފުރަތަމަ ހާފުގައި ޕޯޗުގަލް އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ރޮނާލްޑޯ ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑި އަށެވެ.
ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އަޔަލަންޑްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ރޮނާލްޑޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އަދި އޭގެ 10 މިނެޓު ފަހުން ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ޖަހާ ޕޯޗުގަލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ގައުމީ ޓީމަށް ރޮނާލްޑޯ ކާމިޔާބުކުރި 130 ވަނަ ގޯލެވެ. ރޮނާލްޑޯ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮންނަ ކުޅުންތެރިޔާ އެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލް ލައްވާލީ ގްރޫޕް އެފްގަ އެވެ. ޕޯޗުގަލްގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނެނީ, ތުރުކީ, ޖޯޖިއާ އަދި ޗެކް ރިޕަބްލިކް އެވެ.











