ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. މާފުށި ބްރާންޗުގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.
ބީއެމްއެލްއިން ބުނީ މި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މިއީ މާލެ ސިޓީ އިން ބޭރުގައި ބެހެއްޓުނު ފުރަތަމަ ޔޫއެސް ޑޮލަރު އޭޓީއެމްކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ މި އޭޓީއެމް އަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބެހެއްޓިފައި ހުރި އޭޓީއެމް ނެޓްވޯކް އަށް އިތުރުވެގެންދާ އެޓީއެމްއެއް ކަމަށެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ މި ދަނޑިވަޅު އެ ރަށު ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުން -- ފޮޓޯ: ބީއެމްއެލް
"އިގްތިސާދީ ގޮތުން މާފުށި ކުރިއަރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން މިތިބީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެހީތެރިވާން،" ނިމާލް ބުންޏެވެ.
ބީއެމްއެލްއިން ދާދި ފަހުން ވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށްފަ އެވެ.
މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންއަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބެ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިން ސެންޓާ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.










