އެމެރިކާއިން ރާއްޖެއަށް ދޭ އެހީ މެދުކަނޑައިލަން އެގައުމުގެ ކޮންގުރެސްއަށް ހުށަހަޅަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަޑީގައި ހުރެގެން ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިް މުހައްމަދު ތުހުމަތު ކުރެއްވުމަކީ ފަލަސްތީނުގެ މުސްލިމުންނަށް އިސްލާއީލުން ދޭ އަނިޔާތަކަށް ހިތްވަރުދިނުން ކަމަށް ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމެރިކާއިންއެ ގައުމުގެ ކޮންގްރެސްމަނަކު އުޅެނީ އިސްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ދިވެހި ނޫހެއްގައި އެ ހަބަރު ގެނެސްދީފައިވާ އެކްސް ޕޯސްޓަށް ރިޕްލައި ކުރައްވައި އިބްރާހިމް ތުހުމަތު ކުރެއްވީ، "މީގެ ފަހަތުގައި ތިބީ އެމްޑީޕީން އަބްދުﷲ ޝާހިދު ކަމަށް މައުލޫމާތު ލިބޭ؟ އިތުރަށް ބަލަންޖެހޭ،" ކަމަށެވެ.
އެވާހަކަތަކަށް ރައްދުދެއްވައި ޝާހިދު "އަދަދު" އަށް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އިބްރާހިމް އުޅުއްވަނީ ފަލަސްތީނުގެ މައްސަލަ ބޭނުން ކުރައްވައިގެން ސިޔާސީ މަގުސަދެއް ހާސިލު ކުރައްވަން ކަމަށެވެ.
"ކަނޑައެޅިގެން ދޮގު ވާހަކައެއް. ފަލަސްތީނުގެ މައްސަލަ ފަދަ، ދިވެހިންގެ ހިތްތަކާ ގުޅިފައިވާ ހައްސާސް މައްސަލައެއް ބޭނުންކުރައްވައިގެން އަމިއްލަފުޅު ސިޔާސީ މަގްސަދެއް ހާސިލްކުރައްވަން އުޅުއްވުމަކީ، ފަލަސްތީނުގެ މުސްލިމް އަޚުންނަށް އިސްރާއީލުން އެދޭ އަނިޔާތަކަށް ހިތްވަރުދިނުން،" ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި އިބްރާހިމް ކުރެއްވީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ސިފަކުރައްވައި ޝާހިދު ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

"ފަލަސްތީނުގެ ދިފާއުގައި މުޅި ގައުމު އެކަތިގަނޑަކަށްވެފައިވާ މިދަނޑިވަޅުގައި މަޖިލިސް މެމްބަރަކަށްވެ ހުންނަވައި އެހައްދަވާ ފިތުނަ އާއި ދޮގު އަޅުގަނޑު ކުށްވެރިކުރަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދުއަށް އިބްރާހިމް ކުރެއްވި ތުހުމަތާ ގުޅިގެން ކޮމެންޓެއް ހޯދުމަށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވާތީ ޝާހިދުއަށް ތުހުމަތު ކުރެއްވީ ކޮން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާފެއް ނުވެ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް ސަރުކާރުން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ގުޅިގެންނެވެ. މިއީ ދިވެހި އާންމުން ވޭތުވެދިޔަ ހަ މަހެއްހާ ދުވަހު ގޮވާލަމުންދިޔަ ކަމެކެވެ.
އެ ނިންމުމާ ގުޅިގެން އެމެރިކާގެ ކޮންގްރެސްގެ ތިރިގެއަށް ބިލެއް ހުށަހަޅަން ނިންމާފައިވަނީ ވެރިކަންކުރާ ޑިމޮކްރެޓުންގެ ރެޕްރެސެންޓޭޓިވް ޖޯޝް ގޮޓްހެއިމާ އެވެ. އޭނާ އަކީ އިޒްރޭލުގެ ގަތުލުއާންމަށް ތާއީދުކޮށް، އެމެރިކާގެ ކޮންގްރެސްގައި އިޒްރޭލު ދިފާއުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކެވެ.
ގޮޓްހެއިމާ އާ ހަވާލާދީ އެމެރިކާގެ އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، "ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ" ގެ ނަމުގައި ހުށަހަޅާ މި ބިލުގެ މަސައްކަތުގައި ވެރިކަންކުރާ ޑިމޮކްރެޓުންގެ އިތުރުން މެންބަރުން ވެސް ގޮޓްހެއިމާ އާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.
"އިޒްރޭލުގެ ރައްޔިތުން ވަނުން މަނާކުރާ ގައުމަކަށް އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާ ދެވިގެން ނުވާނެ، އިޒްރޭލަކީ އަހަރުމެންގެ އެންމެ ގާތް އެއް ގައުމު، ދިވެހިރާއްޖޭގެ މި ނިންމުމަކީ ޔަހޫދީންނާ ދެކޮޅަށް ނިންމި ނިންމުމެއް،" ގޮޓްހެއިމާ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ނިންމުމާއެކު އިޒްރޭލުން ވަނީ މި ވަގުތު ރާއްޖޭގައި ތިބި އިޒްރޭލުގެ އެންމެން މިތަން ދޫކޮށް ދިޔުމަށާއި، ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ދަ ޓައިމްސް އޮފް އިޒްރޭލްގައި ބުނެފައި ވަނީ މި ވަގުތު ރާއްޖޭގައި ތިބި އިޒްރޭލު މީހުން ފުރައިގެން ދިޔުމަށް އެދެނީ ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއްގައި އެހީތެރިވުމަށް ދަތިވާނެތީ ކަމަށެވެ.












