ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް އެންޑް ކަލްޗާ އެންޑް ހެރިޓޭޖަށް 35 ސިޔާސީ މުވައްޒަފުން އައްޔަނު ކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ.
ގައުމިއްޔަތު މިނިސްޓްރީން ވަނީ އެ މުއްދަތުގައި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ތަފުސީލު ދީފަ އެވެ.
ގައުމިއްޔަތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ
- އެއް މިނިސްޓަރު - 58,500ރ.
- ތިން ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
- ނުވަ ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
- 16 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ.
- ފަސް ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 20,500ރ.
- އެއް އެސިސްޓަންޓު ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 18،000ރ.
މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1,001,000 ރ. (އެއް މިލިއަން އެއްހާސް ރުފިޔާ) ހޭދަވެ އެވެ. އެއީ، އަހަރެއްގެ މައްޗަށް 12،012،000ރ. (ބާރަ މިލިއަން ބާރަ ހާސް ރުފިޔާ) އެވެ.
ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ އަދަދު 60 މިލިއަން ރުފިޔާ ފަހަނައަޅައި ދާނެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަަދަދު މިހާރު 2,000 އާ ގާތްކުރާނެ އެވެ.
ވަކިވަކި މިނިސްޓްރީތަކުން އާރުޓީއައިއަށް ޖަވާބު ދެމުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރި ނަމަވެސް ހުރިހާ މިނިސްޓްރީތަކުން އެ މައުލޫމާތު ނުލިބޭތީ އެ އަދަދު ކަށަވަރު ކުރެވިފައި ނުވެ އެވެ.












