ޒިއުރިކް (ޖޫން 1) - އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް އާއިލީ ޒިންމާ އަދާކުރެވޭ ގޮތަށް އެކުލަވާލައިފައިވާ ގަވާއިދަށް އިތުރު ބަދަލުތަކެއް ގެނެސް، އެ އަށް އަމަލުކުރަން ފަށަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ތައްޔާރުވެއްޖެ އެވެ.
އެ ގޮތުން، ފީފާ ކައުންސިލުން މިދިޔަ މަހު ބޭއްވި، ބައްދަލުވުމުގައި، ގިނަ ކަންތައްތަކެއް އަލުން މުރާޖާކޮށް، އަންހެން ފުޓްބޯޅައިގައި އުޅޭ ފަރާތްތަކުގެ ކެރިއަރަށް ވިސްނައި، ރަނގަޅު ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ.
ފީފާ އިން ނިންމި އެންމެ މުހިންމު ކަމަކީ، ވިހެއުމުން މުސާރަ ލިބޭ ގޮތަށް ލިބޭ ޗުއްޓީގައި ކުޅުންތެރިންނާ އެއް ފަންތި އަކަށް ކޯޗުން ގެނައުމެވެ. އެ ގޮތުން، މީގެ ކުރިން، ޓީމެއްގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކު ވިހެއުމާ ގުޅިގެން، 14 ހަފްތާގެ ޗުއްޓީއެއް ލިބޭ ގޮތަށް އޮތް ގަވާއިދަށް، ކޯޗުންނާ މެދު ވެސް ކަންތައްތައް ހަމަޖައްސަން ޖެހޭނެ އެވެ.
ދެން ހަދާފައިވާ ގަވާއިދަކީ، އެޑޮޕްޝަން ލީވް އެވެ. އެ ގޮތުން، ޓީމެއްގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއެއް ނޫނީ ކޯޗެއް، އާއިލާއެއް ބިނާކުރަން، ކުއްޖެއް އެޑޮޕްޓްކޮށްފިނަމަ، އެ ކުއްޖެއްގެ އުމުރަށް ބެލުމަށް ފަހު ޗުއްޓީ ދޭން ޖެހޭނެ އެވެ.
އެ ގޮތުން، އެޑޮޕްޓްކުރާ ކުއްޖާ އަކީ، ދެ އަހަރަށް ވުރެ ހަގު އުމުރެއްގެ ކުުއްޖެއް ނަމަ މަދުވެގެން އަށް ހަފްތާގެ ޗުއްޓީ ލިބޭނެ އެވެ. އެޑޮޕްޓްކުރާ ކުއްޖާގެ އުމުރަކީ 2-4 އަހަރާ ދެމެދުނަމަ، ޗުއްޓީގެ ގޮތުގައި ލިބޭނީ، ހަތަރު ހަފްތާ އެވެ. އަދި އެޑޮޕްޓްކުރާ ކުއްޖާ އަކީ، ހަތަރު އަހަރަށް ވުރެ ބޮޑު ކުއްޖެއްނަމަ، ލިބޭނީ ދެ ހަފްތާގެ ޗުއްޓީއެކެވެ.
އައިލީ ޒިންމާ އަށް ކުޅުންތެރިއަކު ދާން ޖެހިއްޖެނަމަ، އެ ކުޅުންތެރިއެއްގެ ބަދަލުގައި، ޓްރާންސްފާ މާކެޓް މުއްދަތެއް ނޫން ކަމުގައި ވިޔަސް، އެ ޓީމަކަށް އާ ކުޅުންތެރިއަކު ރަޖިސްޓްރީ ކުރެވޭނެ އެވެ. އާއިލީ ޒިންމާގެ ބްރޭކަށް ފަހު، ކުޅުންތެރިއަކު އެނބުރި އަންނަނަމަ، ޓްރާންސްފާ މާކެޓް ނޫން ކަމުގައި ވިޔަސް ޓީމުގައި ރަޖިސްޓްރީ ކުރެވޭނެ އެވެ. މީގެ އިތުރުން، މައްސަރު ކަންތައް ދިމާވުމުން، ކޮންމެ ކޯޗެއް ނޫނީ ކުުޅުންތެރިއަކަށް ވެސް ކޮންޓްރެކްޓުގެ ތެެރެއިން މުސާރަ ލިބޭ ގޮތަށް ބްރޭކެއް ދޭން ލާޒިމުވާނެ އެވެ.
މިއީ ޕްރޮފެޝަނަލް ކުޅުންތެރިންގެ ޖަމިއްޔާ، ފިފްޕްރޯ މެދުވެރިކޮށް، ކުޅުންތެރިންގެ ހިޔާލު ހޯދުމަށް ފަހު، ގަވާއިދަށް ގެނައި ބަދަލުތަކެކެވެ. އެ ގޮތުން، ފީފާ ކައުންސިލުން މި ގަވާއިދު އެޕްރޫވްކޮށްފައިވާއިރު، މިއަދުން ފެށިގެން މި އަށް އަމަލުކުރަން ޓީމުތަކަށް މަޖުބޫރުވާނެ އެވެ.












