ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު އަޅަން އެމްއޯޔޫގައި ސޮއި ކުރުމުން، ކުންފުނީގެ މައްސަލަތަކެއް ފެންމަތިވި ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން އިންވެސްޓް މޯލްޑިވްސްއަށް ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ޕޭން ޕެސިފިކްއިން އިންވެސްޓް މޯލްޑިވްސްއަށް ހުށަހެޅި ޕްރޮޕޯސަލް އިނީޝިއަލް އިވެލިއުއޭޝަނެއް އިންވެސްޓް މޯލްޑިވްސްއިން ހަދާނެ ކަމަށެވެ.
މިގޮތުން އެ ކުންފުންޏާ މަޝްރޫއު ކުރިއަށްގެންދަން ހަވާލުކުރާނީ އެ ކުންފުނީގައި މާލީ އަދި މަސައްކަތްކުރުމުގެ ގާބިލުކަން ހުރިތޯ ކަށަވަރުކޮށްފައި ކަމަށާއި، އެކަން ނިންމާނީ އިކޮނޮމިކް ކައުންސިލުގައި ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެކަންތައް ބަލާފައި އޭރުގައި ވެސް ބުނީ ޕްރޮޖެކްޓު ކުރިއަށްގެންދާނީ. އެބޭފުޅުން އެބައޮތް އެ އޮންނަ އުސޫލުގެ ތެރެއިން އިންވެސްޓް މޯލްޑިވްސްއަށް ޕްރޮޕޯޒަލް ލާފައި. ދެން އެ ޕްރޮޕޯޒަލްގެ އިނީޝިއަލް އިވެލުއޭޝަން ހަދާނެ އިންވެސްޓް މޯލްޑިވްސްއިން،" މުއްތަލިބު ވިދާޅުވި އެވެ.
ތިނަދޫ ފަޅު ހިއްކައިގެން އެއާޕޯޓު އަޅަން ޕޭން ޕެސިފިކްއާ ހަވާލުކުރީ ފެބްރުއަރީ 20، ގަ އެވެ. އަދި އެ އަތޮޅުން 12 ރަށެއް ޓޫރިޒަމްއަށް ތަރައްގީކުރުން ވެސް އެ މަޝްރޫގައި ހިމަނާފައިވެ އެވެ.

މި މަޝްރޫއު ޕޭން ޕެސިފިކްއާ ހަވާލުކުރީ 600 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެ ކުންފުނީގެ ގާބިލުކަމާމެދު ސުވާލު އުފެދޭ ގިނަ ކަންކަމެއް އޭރު ވަނީ ފެންމަތިވެފަ އެވެ.
މިގޮތުން އެ ކުންފުންޏަކީ އަމަލީ ގޮތުން ވިޔަފާރިއެއް ނުކުރާ، އަދި ބިޔަ ޕްރޮޖެކްޓެއް ހިންގާފައިވާ ކުންފުންޏެއް ނޫނެވެ. އެއީ އަންނައުނު ވިއްކާ ތައިލޭންޑްގެ ޕޭޕަރު ކުންފުންޏެއްކަން ވަނީ އެނގިފަ އެވެ.













