ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އަށް 31 ސިޔާސީ މުވައްޒަފުން އައްޔަންކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ވަނީ އެ މުއްދަތުގައި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ތަފުސީލު ދީފަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ
- އެއް މިނިސްޓަރު - 58,500ރ.
- ދެ ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
- ހަ ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
- 15 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ.
- ހަތް ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 20,500ރ.
މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 860،500 ރ. (އަށް ލައްކަ ފަސްދޮޅަސް ހާސް ފަސް ސަތޭކަ ރުފިޔާ) ހޭދަވެ އެވެ. އެއީ، އަހަރެއްގެ މައްޗަށް 10,326،000ރ. (ދިހަ މިލިއަން ތިން ލައްކަ ސައްބީސް ހާސް ރުފިޔާ) އެވެ.
ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ އަދަދު 51.6 މިލިއަން ރުފިޔާ ފަހަނައަޅައި ދާނެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ރިކޯޑު އަދަދަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.
ވަކިވަކި މިނިސްޓްރީތަކުން އާރުޓީއައިއަށް ޖަވާބު ދެމުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރި ނަމަވެސް ހުރިހާ މިނިސްޓްރީތަކުން އެ މައުލޫމާތު ނުލިބޭތީ އެ އަދަދު ކަށަވަރު ކުރެވިފައި ނުވެ އެވެ.













