ހޮންކޮން ސަރުކާރަށް ފާޑުކީ ހަ މީހުން އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން ހައްޔަރުކޮށްފި އެވެ.
ހޮންކޮންގެ ނެޝަނަލް ސެކިއުރިޓީ ފުލުހުން މިއަދު ބުނީ ހަ މީހުން ހައްޔަރުކުރީ ސޯޝަލް މީޑިއާގައި އެ ގައުމުގެ ސަަރުކާރަށް ފާޑުކިޔައި ފިތުނަ އުފެއްދިކަމުގެ ތުހުމަތުގައި ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނެއް ހިމެނޭއިރު، ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ އަންހެން މީހާ ވަނީ އަނެއް ފަސް މީހުން ލައްވައި މިދިޔަ އެޕްރިލް މަހުން ފެށިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރުކާރާ މެދު ފިތުނަ އުފައްދާ ޕޯސްޓްތަކެއް ކުރުވާފަ އެވެ.

ނަމަވެސް އެ ސޯޝަލް މީޑިއާ ޕޭޖާ ބެހޭ އެއްވެސް މައުލޫމާތެއް ހޮންކޮން ފުލުހުން ހާމަ ކޮށްފައި ނުވާއިރު، ހޮންކޮންގެ ބައެއް ނޫސްތަކުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާއަކީ އެކްޓިވިސްޓެއް ކަމަށެވެ.
ހޮންކޮންގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގައި ބުނާގޮތުން އެ ގައުމުގެ ސަރުކާރާމެދު ފިތުނަ އުފައްދައި ސޯޝަލް މީޑިއާގެ އިތުރުން އެހެނިހެން ޕްލެޓްފޯމުގައި ވާހަކަ ދެއްކުމަކީ ގާނޫނީ ކުށެކެވެ.
މިގޮތުން ހައްޔަރުކުރި ހަ މީހުންނަކީ އާ ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުން ކަމަށްވާއިރު، އެ ގާނޫނާ ދެކޮޅަށް އެ ގައުމުގައި ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.
މި ހަރުކަށި ގާނޫނުގެ ދަށުން ކުރާ ދައުވާތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި މި ގާނޫނުގެ ސަބަބުން ހޮންކޮން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.










