ރިޕޯޓުރައީސްގެ އެންގެވުމާ މެންބަރުންތަކެއް ހިލާފުވީ ކީއްވެ؟

ރައީސްގެ އެންގެވުމާ މެންބަރުންތަކެއް ހިލާފުވީ ކީއްވެ؟

"ގިނަ އަދަދެއްގެ މެންބަރުންގެ ހިތްހަމަ ނުޖެހުން އަބްދުއްރަހީމަށް އެބަ ހުރި. ސަބަބަކީ އެ ބޭފުޅުން ގޮނޑިއަށް އަޔަ ނުދިނުމަށް އަބްދުއްރަހީމް މަސައްކަތް ކުރެއްވި ކަމަށް ފެންނަން އޮތުން. އެ ފަދަ 10 ވަރަކަށް މެންބަރުން އެބަ ތިއްބެވި،"

ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން އިއްޔެގެ ޖަލްސާ އަށް ވަޑައިގަންނަވަނީ. -- ފޮޓޯ: މިރާޝް ނާސިމް/ އަދަދު
ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން އިއްޔެގެ ޖަލްސާ އަށް ވަޑައިގަންނަވަނީ. -- ފޮޓޯ: މިރާޝް ނާސިމް/ އަދަދު

ސެޕްޓެމްބަރު 2023, ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓު އެޅި ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތަކާ އެކު އެވެ. ތާރީހީ މޮޅަކަށް ފަހު ޕީޕީއެމް/ޕީއެންސީ ޓެގުން ޕީޕީއެމް އުނިކޮށް ޕީއެންސީގެ ލީޑަރުގެ މަގާމަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.

ވެރިކަމާ ހަވާލުވެ އޭގެ ހަ މަސް ފަހުން އޮތް މަޖިލިސް އިންތިހާބު އެއަށްވުރެ ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރި އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ޕީއެންސީން ހޯދިއިރު މިއީ އެއް ޕާޓީއަކުން މިހާ ގިނަ އަދަދެއްގެ މެންބަރުން މަޖިލީހަށް ވަން ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ ރައީސްގެ މަގާމާއި ޕާލިމެންޓަރީ ގްރޫޕްގެ މަގާމުތަކަށް މެންބަރުން ހޮވުމުގެ ވާދަ ޕީއެންސީ ތެރޭގައި އޮންނާނެ ކަމަށް ބެލެވުނު ނަމަވެސް އެ ވާދަވެރިކަމެއް ނޯންނާނެ ގޮތަށް ކަންކަން ރައީސް ތަރުތީބު ކުރެއްވި އެވެ. އެއީ 75 މެންބަރުން ތިއްބެވި ޕީޖީ ބަދަހިކޮށް ބޭއްވުމުގެ ނިޔަތުގައި ކުރެއްވި ކަމެއް ކަމަށްވެ އެވެ.

Advertisement

އެ ބަދަހިކަން ދެމެހެއްޓުމަށް އައި ފުރަތަމަ އިރުޝާދަކީ މެންބަރުންނާ ސީދާ އެމަނިކުފާނު މުއާމަލާތް ކުރައްވާނެކަން އެންގެވުމެވެ. އެމަނިކުފާނޭ ވިދާޅުވެ ކަންކަމުގައި ދާނެ ބަޔަކު ނުތިބޭނެކަން ފުރަތަމަ ދުވަހު ވެސް އެންގެވި އެވެ. ކިތަންމެ ޑިމޮކްރަސީއާ ބީރައްޓެހި ނަމަވެސް މަޖިލީހުގެ ކަންކަން ނިމޭނީ މުލީއާގެއާ ހަމައިންކަން އެހެން ސީދާ ނުދެންނެވި ނަމަވެސް ސާފުކޮށް ބަޔާންކުރެއްވި އެވެ. އަދި ހަމަ އެކަން ޕީއެންސީގެ މުޅި ލީޑަޝިޕާއި މަޖިލީހަށް އިންތިހާބުވި މެންބަރުން ތަރުޖަމާ ކުރެއްވީ އެއީ ޕާޓީގެ ރައީސްގެ އިރުޝާދުގެ ގޮތުގަ އެވެ.

އެ އިރުޝާދުގެ މަތިން މަޖިލީހުގެ ރިޔާސަތަށް ވެސް ދެ ނަމެއް ހުށަހެޅުއްވި އެވެ. އިތުރު ނަމެއް އެ ބަހުސަށް ތިލަ ނުވެ އެވެ. އޮތީ މުލީއާގެއިން ފޮނުވި ދެ ނަމެވެ. މަޖިލިސް ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުالله އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. އެކަމަކު, އިއްޔެ ތަޅުމުގައި ނެގި ސިއްރު ވޯޓުގައި މުލީއާގޭގެ އެންގެވުމާ މެންބަރުންތަކެއް ހަމަ ޔަގީނުން ވެސް ހިލާފުވެއްޖެ އެވެ.

ސިއްރުގެ ވޯޓުގެ ނަތީޖާ ހީކުރިގޮތާ ހިލާފަށް

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގައި 75 މެންބަރުން އެބަތިއްބެވި އެވެ. އެ ޕާޓީއާއެކު މަސައްކަތް ކުރާ ޕާޓީތަކަށް ނިސްބަތްވާ ހަތަރު މެންބަރުންނާ އެކު ސަރުކާރުން އަންގާ ގޮތަށް ވޯޓު އަޅަން 79 މެންބަރުން ތިއްބަވަ އެވެ. މިނިވަން ދެ މެންބަރަކާއި އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނާއެކު 93 މެންބަރުން އިއްޔެ ހުވާ ކުރެއްވި އެވެ.

ރިޔާސަތުގައި އިންނެވި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ނުލައި އިއްޔެ ތަޅުމުގައި ނެގި ވޯޓުގައި 92 މެންބަރުން ބައިވެރިވަވަޑައިގެންނެވި އެވެ. އެ ވޯޓުގެ ނަތީޖާއިން އާންމުންނަށް ހައިރާން ކަމެއް ގެނެވި އެވެ. ސަބަބަކީ، ޕީއެންސީގައި ތިބި، އަދި އެ ކޯލިޝަންގައި ތިބި މެންބަރުންގެ އަދަދަށް ވުރެ މަދުން، ވޯޓުލިބިގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުވެވަޑައިގަތުމެވެ. އޭނާ އަށް ލިބިވަޑައިގަތީ 71 ވޯޓެވެ. ޕީއެންސީގެ މެންބަރުންގެ އަދަދަށް އެކަނި ބެލިޔަސް ހަތަރު ވޯޓު އަބްދުއްރަހީމް އަށް ލިބިވަޑައިނުގެންނެވި އެވެ. އަބްދުއްރަހީމްގެ ވޯޓު އެމަނިކުފާނަށް ދެއްވާނެ ކަމަށް ބަލައިފިނަމަ ފަސް ވޯޓު މަދުވެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މަޖިލީހުގެ އިދާރާ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މަޖިލީހުގެ އިދާރާ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ރައީސް އިންތިހާބު ކުރަން ނެގި ސިއްރު ވޯޓުގައި، ހަތް ކަރުދާސްކޮޅު ބާތިލުވި އެވެ. އެމްޑީޕީން ހުށަހެޅި މެންބަރު އިބްރާހިމް ނާޒިލަށް 14 ވޯޓު ލިބިވަޑައިގެންނެވި އެވެ.

އެއާ ހިލާފަށް މަޖިލީހުގެ ނައިބު ރައީސް ކަމަށް ނާޒިމް އިންތިހާބުކުރީ 80 ވޯޓުންނެވެ. އެމްޑީޕީން ހުށަހެޅި މެންބަރު އަހްމަދު ދީދީއަށް ލިބިވަޑައިގެންނެވީ އެ ޕާޓީގެ މެންބަރުން ތިއްބެވި އަދަދަށް, 12 ވޯޓެވެ.

ސިއްރު ވޯޓެއް ކަމުން މެންބަރުން ވޯޓު ދިން ގޮތް އެނގެން ނެތް ނަމަވެސް ނަންބަރުތަކުން ދައްކަނީ މުލީއާގޭގެ އެންގެވުމާ ފުރަތަމަ ދުވަހު ވެސް މެންބަރުންތަކެއް ހިލާފުވި ކަމެވެ. ރިޔާސަތަށް ރައީސް ހުށަހެޅުއްވި އަބްދުއްރަހީމްއާ މެދު ހިޔާލު ތަފާތުވުންތަކެއް، ނުރުހުންތަކެއް ހުރި ކަމެވެ.

ޕާޓީން ބުނަނީ ވޯޓު ލިބޭނެ އަދަދު އެނގޭ ކަމަށް

އަބްދުއްރަހީމްއަށް ޕީއެންސީގެ ހުރިހާ މެންބަރުން ވޯޓު ނުދެއްވި ނަމަވެސް މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ސީދާ ރައީސުލްޖުމުްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އެވެ. އަބްދުއްރަހީމްގެ ނަން އެމަނިކުފާނު ހުށަހެޅުއްވީ މުލިއާގޭގައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ހުވާ ކުރެއްވި ހުރިހާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގެ ތެރޭގަ އެވެ.

މަޖިލީހުގެ ހުވާ ކުރެއްވުމަށްފަހު ޕީއެންސީ ޕީޖީ ގުރޫޕުން ފުރަތަމަ ފަހަރަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވި ގޮތުން ޕީއެންސީގެ ޕީޖީ ތެރޭގައި އަބްދުއްރަހީމަށް މުތުލަގަށް ތާއީދު ނެތްކަން ލީޑާޝިޕަށް ކުރިން އެނގިފައި އޮތްކަން މި ވާހަކަތަކުން ދޭހަވެ އެވެ.

"އެ އަދަދު އެއީ ހަމަ އަޅުގަނޑުމެން ބަލައިގެން ތިބި އަދަދު އިނގޭތޯ ފުރަތަމަ ހަމަ، އަޅުގަނޑުމެން ގަސްދުކޮށްފައި އޮތް ގޮތަށް ހަމަ ވޯޓުގެ ކަންކަން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ހިތްހަމަނުޖެހުންތަކެއް ހުރި

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ ފުރިހަމަ ތާއިދު އަބްދުރަހީމަށް ނެތީ ކީއްވެ ހެއްޔެވެ؟

"ގިނަ އަދަދެއްގެ މެންބަރުންގެ ހިތްހަމަ ނުޖެހުން އަބްދުއްރަހީމަށް އެބަ ހުރި. ސަބަބަކީ އެ ބޭފުޅުން ގޮނޑިއަށް އަޔަ ނުދިނުމަށް އަބްދުއްރަހީމް މަސައްކަތް ކުރެއްވި ކަމަށް ފެންނަން އޮތުން. އެ ފަދަ 10 ވަރަކަށް މެންބަރުން އެބަ ތިއްބެވި،" ޕީއެންސީގެ އެތެރޭގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ވެރިކަންކުރާ ޕާޓީއަށް އަށް ނިސްބަތްވާ މަޖިލީހުގެ މެންބަރަކު ވިދާޅުވީ ނާޒިމަށް ގިނަ ވޯޓުތަކެއް ލިބިވަޑައިގަތް މައިގަނޑު ސަބަބަކީ މެންބަރުންނާއެކު އޭނާ އޮންނަ ގުޅުން ރަނގަޅުވުމެވެ.

"އެހެން ޕާޓީތަކުގެ މެންބަރުންނާ ވެސް ނާޒިމުގެ ގުޅުން ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވި ގޮތުން އަބްދުއްރަހީމުގެ ވޯޓުގައި ބާތިލުވި ވޯޓުތަކަކީ ގަސްދުގައި ބާތިލުކޮށްފައިވާ ވޯޓުތަކެކެވެ. މެންބަރުން ފާހަގަ ޖަހާފައިވަނީ ގަސްދުގައި ވޯޓުތައް ބާތިލުކޮށްލުމުގެ ނިޔަތް އޮވެގެންކަން އެ ކަރުދާސްތަކުން އެނގޭކަން އެ މެންބަރުން ވިދާޅުވި އެވެ.

"އެއީ އަބްދުއްރަހީމްއާމެދު އޮތް ހިތްހަމަ ނުޖެހުން،" މެންބަރަކު ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ އަށް ފަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ
މަޖިލީހުގެ އިއްޔެގެ ޖަލްސާ އަށް ފަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ އިއްޔެގެ ޖަލްސާ އަށް ފަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ވޯޓު ނުދިނުމަކީ މެސެޖެއް

ޕީޕީއެމް/ޕީއެންސީގެ ޓެގުން ޕީޕީއެމް ނެއްޓުނު ނަމަވެސް މި ވެރިކަމުގައި އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑާޝިޕްގައި ތިއްބެވީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. ވެރިކަމުގައި ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރެވެ. މަޖިލީހުގެ ރިޔާސަތުގައި އޭރުގެ ރައީސް އަބްދުالله ޔާމީންގެ އެއް އިރެއްގެ ސިޔާސީ މިތުރުން ކަމަށްވާ އަބްދުއްރަހީމް އާއި ނާޒިމް އެވެ.

ޕީޖީ ގްރޫޕް ލީޑުކުރައްވަން ތިއްބެވި އިނގުރައިދޫ މެންބަރު ފަލާހު, ބާރަށު މެންބަރު ޝުޖާއު, މަހިބަދޫ މެންބަރު އަހްމަދު ތޯރިގު, ވިލިމާލެ މެންބަރު މުހައްމަދު އިސްމާއީލް އަދި ހުޅުދޫ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އަކީ އޭރުގެ މަޖިލީހުގައި ޕީޕީއެމްގެ މައި ތަނބުތަކެވެ.

ދެ ފަހަރު ދެ ޕާޓީއަކުން ވެރިކަމާއި މަޖިލިސް ކޮންޓްރޯލް ކުރިޔަސް އެއް ފިކުރެކެވެ. އެއް ފަލްސަފާއެކެވެ. އެއް ސިޔާސަތުތަކެކެވެ. އޭރު އޮތް ސަރުކާރުގެ އަމަލުތަކާ ހިތްހަމަނުޖެހި ސަރުކާރާ ދެކޮޅަށް ޕާލިމެންޓަރީ ގްރޫޕުން ނުކުތުން ވެގެންދިޔައީ އިދިކޮޅުގެ މަސައްކަތަށް ލިބުނު އާބާރަކަށެވެ. އެ ބާރުމިނުގައި ގޮސް ޔާމީންގެ ވެރިކަން ބަދަލުކުރި އެވެ.

އޭރާއި މިހާރުގެ ތަފާތަކީ ޕާޓީ އާއި ސަރުކާރުގައި ވެސް ސާފު އެއް ލީޑަރަކު ހުންނެވުމެވެ. އެއީ މި މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ހިފެހެއްޓޭނެ ސަބަބެއްގެ ގޮތުގައި އެ ޕާޓީގެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

މިދިޔަ ދެ ވެރިކަމުގައި ވެސް ފެނުނީ ސަރުކާރާ ދެކޮޅަށް އަމިއްލަ ޕާޓީގެ ތެރެއިން ތެދުވި މަންޒަރެވެ. ކުދިކުދި ހިޔާލު ތަފާތުވުންތައް އުފަންވެ, އެންމެފަހުން ގޮސް އިންތިހާބުތައް އެ ދެ ސަރުކާރަށް ގެއްލުނީ އަމިއްލަ ޕާޓީތަކުގެ ތެރެއިން ހިލުނު މައްސަލަތައް ހައްލު ނުކުރެވިގެންނެވެ.

ސިޔާސީ ގޮތުން އިއްޔެގެ ވޯޓަކީ މެސެޖެކެވެ. ރާއްޖޭގެ ސިޔާސީ ހަގީގަތުގެ ކުރިމައްޗަށް އިއްޔެގެ އެ ވޯޓުގެ ނަތީޖާ ވައްޓައިލުމުން، ފުރާނައިލަ ދެނީ ކިރިޔާ ވެސް ކަސިޔާރެއް އަތުވެއްޖެނަމަ އޮތް ނާޒުކު ކަމާއި ގޮންޖެހުމެވެ.

ކުރިއަށް އޮތީ ވެސް ތަދު ދުވަސްތަކެވެ. އެ ހަގީގަތް، ދެކެން ހިތާއި ލޯ، ބޭނުން ނުވިޔަސް، ނަގައި ބޮޑުވަމުން ދަނީ އެ ނުރައްކަލެވެ. އެއީ ނުވެ ނުދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނާއިރު، އެ ބާނީގައި އެތައް ކަމެއް ހިނގައި، ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. އެފަދަ ހާލަތެއްގައި، ފުރަތަމަ ދުވަހު މިފެނުނު "ނުކިޔަމަންތެރިކަން" ލާހިކު ގޮތަކަށް ދާނެ ކަމަކަށް ނުފެނެ އެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox