ބީއެމްއެލް އިސްލާމިކްއިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ރޭ ތައާރަފު ކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ މި ކްރެޑިޓް ފަރުމާކުރީ ބުކިންޑޮޓްކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުން ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ކަމަށެވެ.
އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މި ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފުކުރި ކާޑެކެވެ.
އޭގެއިތުރުން މި ކާޑު ބޭނުންކޮށްގެން ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭއިރު، ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖޭއިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް ރިވޯޑް ޕްއިންޓްސް ބޭނުންކުރެވެ އެވެ.

ބީއެމްއެލްއިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފްކުރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑުތަކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި، ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.
"ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުން ކްރެޑިޓް ކާޑު ތައާރަފްކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ހަސަން ކަލާމް ބުންޏެވެ.
މި ކާޑަކީ ބޭންކުން ދޫކުރާ އެހެން ކާޑުތަކާ އެއްގޮތަށް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ކާޑެކެވެ.
ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ދޫކުރާނީ ސްޓޭންޑަޑް، ގޯލްޑް، އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައި ކަމަށް އެ ބޭންކުން ބުނެ އެވެ.










