ބޮސްނިއާގައި 1995ގައި އެތައް ހާސް މުސްލިމުންނެއް މަރާލައި، ހިންގި ގަތުލުއާންމުގެ ހަނދާން އާކުރާ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް 11 ޖުލައި ހަމަޖައްސަން، އދ. އާންމު މަޖިލީހުގައި މެއި 23, 2024 ގައި ނެގި ވޯޓުގައި އިސްލާމީ ގިނަ ގައުމުތަކުން ވޯޓުލީ އެ ގަރާރާ ދެކޮޅަށް ކަމަށް ބުނެ ހަގީގަތް އޮޅުވާލުމަށް ސަރުކާރުން މިއަދު މަސައްކަތްކޮށްފި އެވެ.
އެ ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކު އެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ. ރާއްޖެއިން ވީ "އެބްސްޓެއިން" އެވެ. އެއީ ވަކި ގޮތަކަށް ވޯޓު ނުދިނުމެވެ.
މިކަމާ ގުޅިގެން ސަރުކާރަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު ވެސް ރަސްމީ ބަހެއް ނުބުނެ ތިބީ އެވެ. "އަދަދު" ނޫހުން ފޮރިން މިނިސްޓްރީ އަށް ތަކުރާރުކޮށް ގުޅުމުން ވެސް ރަސްމީ ޖަވާބެއް ނުދީ، އަދި ރައްޔިތުންގެ ކަންބޮޑުވުން އޮއްސަމުން ދިޔައިރު، ބަޔާނެއް ވެސް ނުނެރެ ތިބުމަށް ފަހު، ފެނިގެން ދިޔައީ ހަގީގަތާ ދުރު ވިސްނުމެއް ފެތުރުމަށް މަސައްކަތް ކުރިތަނެވެ.
ސަރުކާރުގެ ތަރުޖަމާނު އަދި ސަރުކާރުގެ އެހެން އޮފިޝަލަކު ވެސް ރަސްމީކޮށް ކާކުކަން އެނގޭ ގޮތަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި ބައެއް ނޫސްތަކަށް މައުލޫމާތު ދީފައި ވަނީ ކާކުކަން ނޭނގޭ ގޮތަށެވެ. އެހެންވެ، ބައެއް ނޫސްތަކުގައި ސަރުކާރުގެ އޮފިޝަލަކާ ހަވާލާ ދީ ރިޕޯޓުކޮށްފައި ވަނީ ބޮސްނިއާގެ ގަރާރުގައި ރާއްޖެއިން ވޯޓުލީ އިސްލާމީ ގައުމުތަކުގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ.
"އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވެސް މި ގަރާރަށް ވަކިކޮޅަކަށް ވޯޓު ދީފައި ނުވަނީ މިކަމުގައި މިހާރު އުފެދިފައިވާ ސަރަހައްދީ ވާދަވެރިވުމުގެ ތެރެއަށް ވަދެ ބަސްބުނަން ބޭނުންނުވާތީ،" ސަރުކާރުގެ އޮފީޝަލަކު މިހާރު ނޫހަށް ބުނެފައިވެ އެވެ.

ސަރުކާރުން ބުނި ކަމަށް ދައުރު ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ނުޖެހުނީ، އިސްލާމީ ގިނަ ގައުމުތައް ހިމެނޭ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ވިސްނުމާ އެއްގޮތަށެވެ.
އެ ނެރޭޓިވް ސެޓު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ، ގަރާރުގެ ވޯޓުގައި ބައިވެރި ނުވާ ގައުމުތައް ހިމަނައިގެން، އެ ގަރާރަށް ތާއިދު ނެތްކަން ދައްކަމުންނެވެ. މިއީ މިފަދަ ވޯޓުތަކުގައި ނަތީޖާ ގުނާ ގޮތެއް، އަދި ހަމައެއް ވެސް ނޫނެވެ. މި ނެރޭޓިވް އަކީ ހަގީގަތް ފޮރުވައިލުމުގެ ހުއްޖަތެކެވެ.
އޯއައިސީގައި ހިމެނޭ 57 ގައުމުގެ ތެރެއިން ބޮސްނިއާ ގަރާރުގެ ވޯޓުގައި ބައިވެރިވީ 48 ގައުމަކުންނެވެ. އެ ވޯޓުގައި ބައިވެރި ނުވަނީ އދ. ގެ އާންމު މަޖިލީހުގައި ނުހިމެނޭ ފަލަސްތީނުގެ އިތުރުން، އައިއޯސީގެ އިތުރު އަށް ގައުމެކެވެ.
އެ ގަރާރު ފާސްކުރަން އައިއޯސީގެ 26 ގައުމަކުން ވޯޓު ދިން އިރު، އެއީ ވޯޓުގައި ބައިވެރިވި 54 ޕަސެންޓެވެ. އެހެންވެ، އައިއޯސީގެ ގިނަ ގައުމުތަކުން ގަރާރަށް ތާއިދުކުރިކަން ވޯޓުން އެބަ އެނގެ އެވެ.
ރާއްޖެ ހިމެނޭހެން ވަކި ކޮޅަކަށް ވޯޓު ނުދިނީ 19 ގައުމަކުންނެވެ. އަދި ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ބުނެ "ނޯ" ބަޓަންއަށް ފިތީ ތިން ގައުމަކުންނެވެ. ޖުމުލަ އެ 22 ގައުމާއި، ވޯޓުގައި ބައިވެރި ނުވި 8 ގައުމާއެކު، ބޮސްނިއާ ގަރާރަށް އައިއޯސީގެ އަޣުލަބިއްޔަތު ނެތްކަމުގެ ނެރޭޓިވް، ސައްތައިން ސައްތަ މުސްލިމް މި ދިވެހިރާއްޖޭގެ ސަރުކާރުން ފެތުރުމަށް މަސައްކަތް ކުރިކަން މިވަނީ ހާމަވެފަ އެވެ.
ހަގީގަތް މިއޮތީ އެވެ. އިސްލާމީ އުންމަތުގައި މުސްލިމުންގެ އާބާދީގެ ގޮތުންނާއި ބާރުގެ ގޮތުން ބޮޑެތި ގައުމުތަކުން ވޯޓު ދީފައިވަނީ ބޮސްނިއާގެ ގަތުލުއާންމު ފާހަގަކުރުމާ އެއްކޮޅަށެވެ. އޭގެ ތެރޭގައި މުސްލިމުންގެ އެންމެ ބޮޑެތި އާބާދީތައް ކަމަށްވާ އިންޑޮނޭޝިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނު ވެސް ހިމެނެ އެވެ. މެލޭޝިއާ، ގަތަރު، މިސްރުން ވެސް ތާއިދު ކުރި އެވެ.
"އިސްލާމީ އުއްމަތުގެ އެންމެ އިސް ބޭފުޅާ" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި، ރަޖަބް ތައްޔިބު އުރުދުޣާންގެ ތުރުކީ ސަރުކާރުން ވެސް ވޯޓު ދީފައިވަނީ ގަރާރާ ފާސްކުރުމަށެވެ. އިސްލާމީ އުއްމަތުގެ އެންމެ އިސް ގައުމުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ، އަދި ދެ ހަރަމްފުޅު ހުރި، ސައުދީ އަރަބިއާއިން ވޯޓު ދީފައި ވަނީ ގަރާރާ އެއްކޮޅަށެވެ.
ނަމަވެސް، މި ސަރުކާރުން އެންމެ ގާތް ހާރިޖީ ގުޅުމެއް ބާއްވާ ޗައިނާ އިން ވޯޓު ދިނީ ބޮސްނިއާ ގަރާރު ފާސް ކުރުމާ ދެކޮޅަށެވެ. ރާއްޖެ އެކޭ އެއްގޮތަށް އަވަށްޓެރި އިންޑިއާއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ.
ބޮސްނިއާގެ މުސްލިމުން މެރި ހާދިސާއަކީ ގަތުލުއާންމެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ވއިން އޮތީ ބަލައިގަނެފަ އެވެ. ޖުލައި 11، 1995 ގައި ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގައި 8،372 މުސްލިމުން މަރައިލި އެވެ. އެކަން ކުރީ 1992 ވަނަ އަހަރު ފެށި ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުންނެވެ.
ރާއްޖެ ކިތަންމެ ކުޑަޔަސް، އެ ގަތުލްއާއްމު ކުށްވެރިކޮށް ދިވެހިން އަޑުއުފުލި އެވެ. ދިވެހި ސަރުކާރު ވެސް އޭރު އަޑުއުފުލި އެވެ.
ބޮސްނިއާ ގަރާރަށް އިސްލާމީ ބޮޑެތި ގައުމުތަކުގެ ވިސްނުމާ އިދިކީލިކޮށް ރާއްޖޭން ވޯޓު ނުދިން ހަގީގީ ސަބަބާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ތިލަވަމުން ދާއިރު، ސަރުކާރުން އެ ދަނީ ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ފަތުރަމުންނެވެ.
ހަގީގަތަކީ ވޯޓުގައި ބައިވެރިވި އައިއޯސީގެ ގިނަ ގައުމުތަކުން އެ ގަރާރު ފާސްކުރަން ވޯޓު ދީފައި ވުމެވެ. އެ ގަރާރު ފާސްކުރަން އެމެރިކާ އާއި އިނގިރޭސި ވިލާތުން ވޯޓު ދިން އިރު، އެ ހިތްވަރު ރާއްޖޭގައި ނެތި، އަދި އެ ގަރާރަށް އިސްލާމީ ގައުމުތަކުގެ އަގުލަބިއްޔަތު ނެތްކަން ދައްކަން ދިވެހި ސަރުކާރުން މަސައްކަތް ކުރުމަކީ ލަދުވެތި ކަމެކެވެ.













