ޒުހޫރު ވަކިކުރުން: އެޗްޑީސީގެ ބޯޑުން "ރަބަރު ސްޓޭމްޕް" ޖަހަން ފުރުސަތު ނުދޭތީ ބޭލި ސިޔާސީ ރޯޅިއެއް

ޒުހޫރު އަދި ފަޒުލް. ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން ޒުހޫރު ވަކިކުރީ ސިޔާސީ ގޮތުން ކަމަށް ބައެއް ފަރާތްތަކުން ބުނޭ ---

ޒުހޫރު އަދި ފަޒުލް. ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން ޒުހޫރު ވަކިކުރީ ސިޔާސީ ގޮތުން ކަމަށް ބައެއް ފަރާތްތަކުން ބުނޭ ---

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުންނާއި ޗެއާމަން ކަމުން އަހުމަދު ޒުހޫރު ވަކިކުރީ މެނޭޖުމެންޓުން ބޭނުންވާ ބައެއް ކަންކަން ބޯޑުގައި އެޖެންޑާ ކުރަން ދެކޮޅު ހަދާތީ ކަމަށް އިތުބާރު ކުރެވޭ މަސްދަރުތަކުން ބުނެފި އެވެ.

ޒުހޫރު މަގާމުން ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން ހާމައެއް ނުކުރެ އެވެ. ސުވާލު ކުރުމުން ވެސް އެ އޮފީހުން ޖަވާބެއް ނުދިނެވެ.

މި ނޫހަށް މައުލޫމާތު ދިން އޮފިޝަލުން ވިދާޅުވި ގޮތުގައި ޒުހޫރާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުއާ ދެމެދު ފުރަތަމަ ދުވަހުން ފެށިގެން ވެސް މައްސަލަ ޖެހެން ފެށި އެވެ. ޒުހޫރު މަގާމުން ވަކިކުރުމުގެ މައިގަނޑު ސަބަބަކީ ފަޒުލް ހުށަހަޅާ ބައެއް ކަންކަން ބޯޑުގައި އެޖެންޑާ ނުކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

އެޖެންޑާ ކުރަން ޒުހޫރު ދެކޮޅު ހަދާފައި ވަނީ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ މަސްލަހަތު ފުށުއަރާ ބައެއް ކަންކަމުގެ އިތުރު ތަފްސީލު ހުށަނާޅާ ކަންކަން ކަމަށް "އަދަދު" ނޫހާ ވާހަކަ ދެއްކި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"އެމްޑީ އާއި ޗެއާމަންއާ ދެމެދު ކޮންމެ ދުވަހަކު ވެސް އެ ކަހަލަ ކޮންމެވެސް ކަމެއްގައި ފުށު އަރާނެ. ބޮޑަށް ފުށު އަރަނީ އެމްޑީގެ އަމިއްލަ މަސްލަހަތު ހުރި ކަންކަމުގައި ބޯޑުގެ ތެރެއިން ކުރަން އުޅޭ އުޅުމުގައި. ޗެއާމަންއަށް ނޫނެކޭތާ ބުނެވޭނީ،" އޮފިޝަލަކު ބުންޏެވެ.

އިއްޔެ މައްސަލަ ހޫނުވީ، އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި ހުޅުމާލޭން ބިމެއް ވިއްކައިލުމާ ގުޅޭ ކަންކަން އެޖެންޑާ ނުކުރުމުންނެވެ. އެ މުއާމަލާތުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކޮށް އެކަން ފާސްކުރަން ބޯޑަށް ގެނައުމުން ޒުހޫރު އިއްޔެ އެޖެންޑާ ނުކުރި ކަމަށްވެ އެވެ.

"އެގޮތަށް ހުރިކަންކަން ހަމަ އިއްޔެގެ ބޯޑު ބައްދަލުވުމުގައި ވެސް ހުރި. ހުރީމަ ޗެއާމަން އެޖެންޑާކުރަން އެއްބަހެއް ނުވި. އެހެންވެ، އެމްޑީ ކޯފާ އިސްކުރައްވައިގެން ސިޔާސީ ގޮތުން ކުރެއްވި ކަމަކަށް ބެލެވެނީ [ޒުހޫރު ވަކިކުރުމަކީ]،" އަދަދު ނޫހާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

"އެމްޑީ ބޭނުންވާ ކަމެއް ބޯޑުގެ އަތް އަނބުރާލާފައި ވެސް ކުރަން ވިސްނުން ހުރީ."

މި ކަންކަމާ ގުޅޭ ގޮތުން ޒުހޫރުގެ ބަހެއް ނޫހުގައި ޖެހުމަށް ބޭނުމެއް ނުވެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރީ ވަރަށް އިހުލާސްތެރި ކަމާއެކީގައި އެޗްޑީސީގެ އެންމެހާ ގަވާނެންސް ކަންކަން ހަރުދަނާކުރުމަށް،" ޔާމީންގެ ވެރިކަމުގައި މިނިސްޓަރުކަމުގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތައް ހިންގެވި ޒުހޫރު ވިދާޅުވި އެވެ.

މިކަމުގައި އެޗްޑީސީ އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މި ހަފްތާގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މަގާމުތަކަށް ގިނަ ބަދަލުތަކެއް ވަނީ ގެންނަން ފަށާފަ އެވެ. އެގޮތުން, ބައެއް މީހުން މަގާމުތަކުން ވަކިކުރުމާއި ބައެއް ފަރާތްތަކުގެ މަގާމުތައް ދަނީ ބަދަލުކުރަމުންނެވެ.

ޒުހޫރަކީ މިނިސްޓަރުކަމާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ކަމުގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ޕީޕީއެމްގެ ކުރީ ސަރުކާރުގައި ވެސް ގިނަ މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox