ލިސްބަން (މެއި 22) – ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހިމަނައިގެން، ޔޫރޯއަށް ޕޯޗުގަލް އިން ނެގި ސްކޮޑް އިއުލާންކޮށްފި އެވެ.
މި އަހަރުގެ ޔޫރޯއަކީ ރޮނާލްޑޯ ،39، ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅޭ ބައިނަލްއަޤްވާމީ 11 ވަނަ މުބާރާތެވެ. ރޮނާލްޑޯ އަންނަނީ، 2004 ވަނަ އަހަރުން ފެށިގެން ގަވާއިދުން ހުރިހާ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅެމުންނެވެ. މި އަހަރުގެ ޔޫރޯ އަކީ ރޮނާލްޑޯގެ ހަ ވަނަ މުބާރާތެވެ.
މިހާރު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާ ރޮނާލްޑޯ އަކީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ ޢެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލްގެ ގައުމީ ޓީމަށް 206 މެޗުން 128 ލަނޑު ޖަހައިފަ އެވެ.
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ރޮނާލްޑޯއަކީ އަދިވެސް "ކޮލިޓީ" ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯގެ ގޯލު ޖެހުމުގެ ހުނަރު ޕޯޗުގަލްގެ ޓީމަށް ވަރަށް މުހިންމު ކަމަށެވެ.
ރޮނާލްޑޯ ޕޯޗުގަލްގެ ޓީމަށް ކުޅުނު ފުރަތަމަ މުބާޜާތަކީ 2004 ވަނަ އަހަރު އެ ގައުމުގައި އޮތް ޔޫރޯއެވެ. އެ މުބާރާތުގެ ފައިނަލަށް ޕޯޗުގަލް ދަތުރުކުރިއެވެ.
ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދފައިވާ ރޮނާލްޑޯގެ ވަނީ ޕޯޗުގަލްގެ ޓީމާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ އަދި 2019/2018 ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
އަންނަ މަހު ޖަރުމަންގައި ފަށާ ޔޫރޯއަށް މާޓިނޭޒް ނެގި ސްކޮޑުގައި ރޮނާލްޑޯއާ އެކު ޖުމްލަ ހަތް ފޯވަޑުން ވަނީ ހިމަނައިފަ އެވެ.
މާޓިނޭޒް ނެގި ސްކޮޑުގައި ޕޯޓޯއަށް ކުޅެމުންދާ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ،41، ވަނީ ހިމަނައިފައެވެ.
ޔޫރޯގެ ގުރޫޕް އެފްގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. މި ގުރޫޕްގައި ދެން އޮތީ ތުރުކީ އަދި ޖޯޖިއާއެވެ.
ޔޫރޯއަށް ނެގި ޕޯޗުގަލްގެ ސްކޮޑް:
ގޯލްކީޕަރުން:
ޑިއޯގޯ ކޮސްޓާ (ޕޯޓޯ)، ހޯސޭ ސާ (ވުލްވްސް)، ރުއީ ޕެޓްރީސިއޯ (ރޯމާ)
ޑިފެންޑަރުން:
އެންޓޯނިއޯ ސިލްވާ (ބެންފީކާ)، ޑަނީލޯ ޕެރެއިރާ (ޕީއެސްޖީ)، ޑިއޯގޯ ޑަލޯ (މެންޗެސްޓާ ޔުނައިޓަޑް)، ގޮންސާލޯ އިނާސިއޯ (ސްޕޯޓިން)، ޖޮއާއޯ ކަންސެލޯ (ބާސެލޯނާ)، ނެލްސަން ސެމޭޑޯ (ވުލްވްސް)، ނޫނޯ މެންޑޭސް (ޕީއެސްޖީ)، ޕެޕޭ (ޕޯޓޯ)، ރުބެން ޑިއާސް (މެންޗެސްޓާ ސިޓީ)
މިޑްފީލްޑަރުން:
ބްރޫނޯ ފެނާންޑޭސް (މެންޗެސްޓާ ޔުނައިޓަޑް)، ޖޮއާއޯ ނެވޭސް (ބެންފީކާ)، ޖޮއާއޯ ޕަލީނިއާ (ފުލަމް)، އޮޓާވިއޯ މޮންޓެއިރޯ (އަލް ނަސްރު)، ރުބެން ނެވެސް (އަލް ހިލާލް)، ވިޓީނިއާ (ޕީއެސްޖީ)
ފޯވަޑުން:
ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ކްރިސްޓިއާނޯ ރޮނާލްޑޯ (އަލް ނަސްރު)، ޑިއޯގޯ ޔޮޓާ (ލިވަޕޫލް)، ފްރަންޗިސްކޯ ކޮންސެސާއޯ (ޕޯޓޯ)، ގޮންޒާލޯ ރާމޮސް (ޕީއެސްޖީ)، ޖޮއާއޯ ފެލިކްސް (ބާސެލޯނާ)، ޕެޑްރޯ ނެޓޯ (ވުލްވްސް)، ރަފައެލް ލެއާއޯ (އޭސީ މިލާން)












