ކަޒަކްސްތާނުގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ކުއަންޑިކް ބިޝިމްބަޔޭވް 44, އޭނާގެ އަނބިމީހާ ސަލްޓަނަޓް ނޫކެނޯވާ، 31 މަރާލިކަން ސާބިތުވެ 24 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
ކަޒަކަސްތާން ސުޕްރީމް ކޯޓުގައި ހަތް ހަފުތާއަށް ދިގު ދެމިގެންދިޔަ މި ޝަރީއަތް ލައިވްކޮށް ދައްކާފައި ވާއިރު، ބިޝިމްބަޔޭވް މައްޗަށް ނޫކެނޯވާއަށް އަނިޔާކުރިކަން ވެސް ވަނީ ސާބިތުވެފަ އެވެ.
ނޫކެނޯވާއަށް އަނިޔާކޮށް ބިޝިމްބަޔޭވް މަރާލީ އޭނާގެ އާއިލާގެ ރެސްޓޯރެންޓެއްގަ އެވެ. ނޫކެނޯވާއަށް އަނިޔާކުރާ މަންޒަރު ރެސްޓޯރެންޓުގެ ސީސީޓީވީ ފުޓޭޖުން ވަނީ ފެނިފަ އެވެ.

މިދިޔަ އަހަރު ހިނގި މި ހާދިސާގައި ނޫކެނޯވާ މަރުވެފައިވާއިރު، އެމްބިއުލާންސެއް ވެސް އެތަނަށް ގެނެސްފައި ވަނީ 12 ގަޑިއިރުވި ފަހުންނެވެ.
މި ހާދިސާއާ ގުޅިގެން ކަޒަކްސްތާނުގެ ރައީސް ކަސީން ޖޮމާޓް ވަނީ އެ ގައުމުގައި އަންހެނުންނަށް އޮތް ހައްގުތައް ކަށަވަރު ކުރަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، ހައްގުތަކަށް އަރައިގަންނަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ކަޒަކްސްތާނުގެ އިކޮނޮމިކް މިނިސްޓަރުކަން ބިޝިމްބަޔޭވް އަދާކުރީ މެއި، 6، 2016 އިން ފެށިގެން ޑިސެމްބަރު، 28، 2016 ގެ ނިޔަލަށެވެ. އޭނާ މަގާމުން ވަކިކުރީ ކޮރަޕްޝަންގެ ތުހުމަތުގަ އެވެ.










