ހޫނުގަދަވުމުގެ ސަބަބުން ކޮރަލް ބްލީޗިން ނުވަތަ ގާ ހުދުވުމުގެ މައްސަލަތައް ދިމާވާތީ ބިން ހިއްކުން ފަދަ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އެންގި އެންގުމަށް ތަބާވާން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީން ގޮވާލައިފި އެވެ.
މަޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާ ހުދުވުމުގެ މައްސަލަތައް ކުރިމަތިވާތީ އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން އެޅި ފިޔަވަޅުތަކަށް އެ ޖަމިއްޔާއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ.
"މި ޖަމިއްޔާއިން ގޮވާލަނީ މި ޖަމިއްޔާގެ މެންބަރުން އަދި ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުން އެ ފިޔަވަޅުތަކަށް ތަބާވެ ފުރިހަމަ އެއްބާރުލުން ދިނުމަށް. އެ ފިޔަވަޅުތަކުގެ ސަބަބުން ގާ ހުދުވުމުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރެވޭނެ ކަމަށް މި ޖަަމިއްޔާއިން ދެކޭ،" އެ ބަޔާނުގައިވެ އެވެ.
ގާ ހުދުވުމުގެ ހާދިސާތައް ދިމާވާތީ އީޕީއޭއިން ނިންމީ، ބިންހިއްކުމާއި ފަޅުކޮނުމާއި ގޮނޑުދޮށަށް ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުމާއި ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން މަނާކޮށްފަ އެވެ.
"ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވީ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއް،" އީޕީއޭއިން ބުނެފައިވެ އެވެ.

މަޓީއަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ އިންޑަސްޓްރީ އުފަން ކުރުވި ބައެއް ބޭފުޅުން ހިންގަވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި ރާއްޖޭގައި ހިންގާ ބޮޑެތި ހުރިހާ ރިސޯޓެއް ކަހަލަ ގޮތަކަށް ބައިވެރިވެ އެވެ. އެ ޖަމިއްޔާގެ ޗެއާމަނަކީ މުހައްމަދު އުމަރު މަނިކެވެ.











