ފައިސާ ހަމަނުޖެހޭތީ މުއައްސަސާތަކުގެ ބަޖެޓު ކަނޑަނީ

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ބަޖެޓު ކަނޑަމުން ދަނީ ޑެފިސިޓަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން  -- ފޮޓޯ: މަޖިލިސް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ބަޖެޓު ކަނޑަމުން ދަނީ ޑެފިސިޓަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން -- ފޮޓޯ: މަޖިލިސް

މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ ނުލިބިގެން ކަމަށް ބުނެ، މިނިވަން މުއައްސަސާތަކާއި އިދާރާތަކުގެ ބަޖެޓު އުނިކުރަން ފަށައިފި އެވެ.

މި މައްސަލައިގައި "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން ވަނީ ބައެއް މުއައްސަސާތަކުގެ ބަޖެޓުން ބައެއް އުނިކުރަން ނިންމައި، އެ ނިންމުން އިދާރާތަކާއި މުއައްސަސާތަކުގެ ވެރިންނާ މުއާމަލާތްކޮށްފަ އެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ފިނޭންސުން 100 އަށް ވުރެ ގިނަ އިދާރާތަކުގެ ކަމާބެހޭ މީހުން ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމެއްގައި، މި އަހަރަށް ފާސްކޮށްފައިވާ ޑެފިސިޓު ބޮޑު ބަޖެޓަށް ފައިސާ ހަމަަޖެއްސުމަށް ދަތިވާތީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ބަޖެޓުތަކުން އުނިކުރަމުން ގެންނާނެ ކަމަށް އަންގާފައިވެ އެވެ.

މި ނޫހަށް ވަނީ މިގޮތަށް އެންގި އެންގުމެއްގެ ސިޓީއެއް ލިބިފަ އެވެ. އެ ސިޓީގައި ވަނީ 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ޑެފެސިޓް ބޮޑު އަދި ފިނޭންސިން ހަމަޖެއްސުމަށް ދަތި ބަޖެޓެއްކަމަށާއި، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުއައްސަސާތަކުގެ ބަޖެޓުން ބައެއް އުނިކުރަން ނިންމީ ކަމަށެވެ.

ބަޖެޓުން ބޮޑު އަދަދެއް ކަނޑާފައިވާ މުއައްސަސާތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކޮމް ހިމެނެ އެވެ.

ބަޖެޓުން ބައެއް އުނިކުރި މައްސަލައިގައި މީޑިއާ ކައުންސިލުގެ ރައީސް އަހަމަދު މުސްތަފާ މިއަދު "އަދަދު" އަށް ވިދާޅުވީ، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އެ ކައުންސިލުގެ ބަޖެޓުން ފައިސާ އުނިކުރުމަށް ސިޓީއެއް ލިބުނު ކަމަށެވެ. އަދި، ސީދާ އަދަދު ހާމަނުކުރި ނަމަވެސް ވަރަށް ބޮޑު އަދަދެއް އުނިކޮށްފައިވާކަން ކަށަވަރުކޮށްދެއްވި އެވެ.

ހަމަ އެގޮތަށް، ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާ މި ނޫހަށް ވިދާޅުވީ އެ މުއައްސަސާގެ ބަޖެޓުންވެސް ބޮޑު ބައެއް އުނިކޮށްފައިވާއިރު، އޭގެ ސަބަބުން ބައެއް މަޝްރޫއުތަކަށް ބުރޫ އެރުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

މިކަމުގެ ތަފުސީލުދެއްވަމުން ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ "އަދަދު" އަށް ވިދާޅުވީ، ބްރޯޑްކޮމްގެ ބަޖެޓުގައި އެކި ކަންކަމަށް ކަނޑައަޅާފައިވާ އަދަދުތަކުން އުނިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ތަމްރީނާއި، ރަށްރަށް ކުރާ ދަތުރުތަކުގެ ހަރަދު އަދި ކޮންސަލްޓެންސީއާ ރިސާޗް ހިމެނޭކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓްރެއިނިންއަށް ކަނޑައަޅާފަ އިން އެމައުންޓް ކަނޑާލާފަ މިވަނީ. އަދި ހަމަ ކޮންސަލްޓެންސީ، ރިސާޗް. މީގެ އިތުރުން ރަށްރަށުގެ ބްރޯޑްކާސްޓިން ފެންވަރު ބެލުމަށް އަޅުގަނޑުމެން ކޮންމެ އަހަރަކު އެބަ ދަތަރުކުރަން. އެއީ މެންޑޭޓްގަ ހިމެނޭ ކަމެއް. އެކަމަށް އިން އެމައުންޓް ވެސް އުނިކޮށްފަ މިވަނީ،" ޒީނިޔާ މައުލޫމާތު ދެއްވި އެވެ.

މި އަހަރުގެ ބަޖެޓު ދިރާސާކުރުން ކުރިއަށް ދިޔައިރު ވެސް މިނިވަން މުއައްސަސާތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ޒިންމާ އަދާކުރުމަށް ބަޖެޓުން ނުފުދުމެވެ. އެގޮތުން ބަޖެޓު ކޮމިޓީން އޭރު ބައެއް މުއައްސަސާތަކަށް ބަޖެޓު ބޮޑުކޮށްދިނެވެ.

އޭރު ބަޖެޓު އިތުރުކުރި އެހެން އޮފީސްތަކާއި މިންވަރު

  • މީރާ: 2.2 މިލިއަން ރުފިޔާ
  • އެމްޕްލޯއިމަންޓު ޓްރައިބިއުނަލް: 2.1 މިލިއަން ރުފިޔާ
  • ބްރޯޑްކާސްޓިން ކޮމިޝަން: 351،070ރ.
  • ޓެކްސް އެޕީލް ޓްރައިބިއުނަލް: 1.8 މިލިއަން ރުފިޔާ
  • ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން: 825,000ރ.
  • އިސްލާމިކް ޔުނިވާސިޓީ: 5 މިލިއަން ރުފިޔާ
  • ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ: 900،000ރ.
  • ޗިލްޑިރަންސް އޮމްބަޑްސްޕާސަންސް އޮފީސް: 400,000ރ.

ބަޖެޓަށް މަޖިލީހުގެ ބަޖެޓު ކޮމިޓީން ގެނައި ބަދަލުތަކާއެކު 306 މިލިއަން ރުފިޔާ އިތުރުވެ، ޖުމުލަ ބަޖެޓު 49.5 ބިލިއަން ރުފިޔާއިން 49.8 ބިލިއަން ރުފިޔާ އަށް އޭރު އިތުރުވި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި އަހަރުގެ ކުރީކޮޅު ބަޖެޓު ޑެފިސިޓު ފޫބައްދަން ބޭނުންވާ 15 ބިލިއަން ރުފިޔާ ދޭނެ ބަޔަކު ހޯދަން އާންމު އިއުލާނެއް ކޮށްފަ އެވެ. އެކަމަކު މިހާތަނަށް އެގޮތަށް އެއްވެސް ފައިސާއެއް ނަގާފައިވާ ކަމަކަށް ފިނޭންސުގެ ލޯނާއި ފައިނޭންސިން ލިސްޓަކުން ނުދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox