މިއަދަށް ފަހު ރައީސް އޮފީހުގައި ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދުން ނޫސްވެެރިންނަށް މަނާކޮށްފި އެވެ.
މިއީ މިފަދަ އެންގުމެއް ރައީސް އޮފީހުން ނޫސްވެރިންނަށް އެންގި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހަށް ފޯނު ވެއްދުން މިއަދަށްފަހު މަނާވާނެކަން ނޫސްވެރިންނަށް އެ އޮފީގުން އެންގީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކުރިއިރު، ފޯނަކީ އެފަދަ ބައްދަލުވުންތަކުގައި ދޭ މައުލޫމާތާ ގުޅިގެން ފޮލޯއަޕް ސުވާލު ކުރުމަށް ކުރަންޖެހޭ ކުރު ދިރާސާތައް ކުރުމަށް މުހިންމު އާލާތެކެވެ.
މިހާރުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވަނީ ނޫސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވަން މި ތާވަލު ކުރީ ތިން މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.













