ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާއަދާކުރާ ފުލުހުންނަށް ކުރިން ދެމުން އައި ގިނަ އެލަވަންސްތައް އުވާލައި އަންނަ މަހުން ފެށިގެން އައު އޮނިގަނޑެއްގެ ދަށުން ފުލުހުންނަށް އެލަވަންސްތައް ދޭ ގޮތަށް ފުލުހުންގެ ވަޒީފާގެ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.
ކުރިން އަމަލުކުރަން އައި ގަވާއިދުގެ ދަށުން ފުލުހުންނަށް ހަތް އެލަވަންސެއް ލިބެ އެވެ. އެއީ ސާވިސް އެލަވަންސާއި ނަން ޕްރެކްޓިސިން އެލަވަންސާއި ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސްގެ އިތުރުން ޔުނީފޯމް އެލަވަންސާއި ލިވިން އެލަވަންސާއި ޕްރޮފެޝަނަލް އެލަވަންސާއި ޓެކްނިކަލް އެލަވަންސެވެ.
އައު ގަވާއިދުގެ ދަށުން ދެން ފުލުހުންނަށް ލިބޭނީ މަގާމުގެ އެލަވަންސާއި ސާވިސް އެލަވަންސާއި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިރާ އާއި ކުރާ މަސައްކަތަށް ބިނާކޮށް އަލަށް ތައާރަފުކުރާ ޕޮލިސް އެލަވަންސް އެވެ. ޕޮލިސް އެލަވަންސް ބެހެނީ ހަތަރު ފަންތިއަކަށެވެ.
މަގާމުގެ އެލަވަންސް
ފުލުހުންގެ މަގާމުގެ އެލަވަންސް ނުވަތަ ޖޮބް އެލަވަންސަކީ ކަނޑައެޅިފައިވާ އަސާސީ މުސާރައިގެ އިތުރުން ދާއިމީކޮށް ލިބޭ އެލަވަންސެކެވެ. މި އެލަވަންސް ބެހޭ ގިންތިތަކަކީ އެއްވަނަ ހަރުފަތާއި ދެވަނަ ހަރުފަތެވެ. މި އެލަވަންސް ލިބޭ މިންވަރު އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްގައި ބަޔާންކޮށްފައި އޮންނާނެ އެވެ.

ޕޮލިސް އެލަވަންސް
މުޅިން އަލަށް ތައާރަފުކުރާ ޕޮލިސް އެލަވަންސް ހަތަރު ފަންތިއަށް ބަހާލާފައި ވަނީ ދަންފަޅި ޑިއުޓީ (ޝިފްޓް ޑިއުޓީ) އާއި ސީދާ ރައްޔިތުންނާ ބައްދަލުވެގެން ހިދުމަތް ދިނުމާއި ފްރަންޓްލައިންގެ ހާއްސަ ދާއިރާތަކުގައި މަސައްކަތް ކުރުން ފަދަ ކަންކަމަށް ރިއާޔަތްކޮށެވެ. އެއީ:
- ޕޮލިސް އެލަވަންސް ލެވަލް 1 - ދަންފަޅި ޑިއުޓީ އަދާކުރާ ފުލުހުންނަށް މަހަކު 700ރ.
- ޕޮލިސް އެލަވަންސް ލެވަލް 2 - ފްރަންޓްލައިންގެ ދާއިރާގައި އަމަލީ ގޮތުން ބައިވެރިވާ ފުލުހުންނާއި އެ މީހުންގެ ސުޕަވައިޒަރުންނަށް މަހަކު 700ރ.
- ޕޮލިސް އެލަވަންސް ލެވަލް 3 - ފްރަންޓްލައިނުގައި ސީދާ ރައްޔިތުންނާ ބައްދަލުވާ ފުލުހުންނާއި އެ މީހުންގެ ސުޕަވައިޒަރުންނަށް މަހަކު 1000ރ.
- ޕޮލިސް އެލަވަންސް ލެވަލް 4 - ފްރަންޓްލައިންގެ ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރާ ފުލުހުންނަށް މަހަކު 1500ރ.
ޕޮލިސް އެލަވަންސް ލެވަލް 2 ލިބޭ ފުލުހަކަށް ޕޮލިސް އެލަވަންސް ލެވަލް 3 ނުލިބެ އެވެ. އަދި ފްރަންޓްލައިންގެ ހާއްސާ ދާއިރާއެއްގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލީ ގޮތުން ބައިވެރިނުވާ ފުލުހުންނަށް އެލަވަންސް ނުލިބެ އެވެ.
ޕޮލިސް ސާވިސް އެލަވަންސް
މިއީ ކުރިން ދެމުން އައި ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސްގެ ބަދަލުގައި ތައާރަފުކޮށްފައިވާ އެލަވަންސެކެވެ. މިއީ ފުލުހުންގެ ހިދުމަތުގައި އަހަރު ދުވަސް ހޭދަކުރާ ފަހުން ލިބެން ފަށާ އެލަވަންސެކެވެ. މި އެލަވަންސް ލިބޭ ގޮތަކީ ހިދުމަތުގެ:
- އެއް ވަނަ އަހަރުން ފެށިގެން ހަތަރު ވަނަ އަހަރުގެ ނިޔަލަށް - މަހަކު 250ރ.
- ފަސް ވަނަ އަހަރުން ފެށިގެން 10 ވަނަ އަހަރުގެ ނިޔަލަށް - މަހަކު 1000ރ.
- 10 ވަނަ އަހަރުން ފެށިގެން 15 ވަނަ އަހަރުގެ ނިޔަލަށް - މަހަކު 1500ރ.
- 15 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް - މަހަކު 2000ރ.
- 20 ވަނަ އަހަރުން ފެށިގެން 25 ވަނަ އަހަރުގެ ނިޔަލަށް - މަހަކު 2500ރ.
- 25 ވަނަ އަހަރުން ފެށިގެން - 3000ރ.
ފުލުހުންގެ އެލަވަންސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި މިވަނީ މާޗު މަހުން ފެށިގެން ފުލުހުންގެ މުސާރަތައް 35 ޕަސެންޓު ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް މިހެން ވިދާޅުވީ "އަހާ"ގެ ނަމުގައި މިދިޔަ ފެބްރުއަރީގައި ބޭއްވި ފޯރަމްގެ ތެރެއިންނެވެ.












