Advertisement

ހަރަދު ކުޑަކުރަން ފިޔަވަޅު އެޅިޔަސް، ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަން 600 މިލިއަން ރުފިޔާ!

24 ފެބުރުވަރީ 2024 - 09:45 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސިފައިންނާއި ފުލުހުންގެ ބަޔަކު ޑިއުޓީގައި. -- ފޮޓޯ: އަދަދު


ހަރަދު ކުޑަކުރަން ފިޔަވަޅު އެޅިޔަސް، ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަން 600 މިލިއަން ރުފިޔާ!

24 ފެބުރުވަރީ 2024 - 09:45 4

ދައުލަތުގެ މާލީ ހާލަތު ގޯސްވެ ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، ކުރިން ކަނޑައަޅާފައިވާ ގޮތަށް އަންނަ މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

"އަހާ"ގެ ނަމުގައި ސަލްޓަން ޕާކުގައި ބޭއްވި ރައީސް މުއިއްޒުގެ ފުރަތަމަ ޕަބްލިކް ފޯރަމުގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ މާޗު މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ފުރަތަމަ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރާނެ ކަމަށެވެ. ނަމަވެސް ފަހުން އެކަމުގެ ތަފްސީލުގައި އެ މަނިކުފާނު ވިދާޅުވީ ބޮޑުކުރާނީ ފުރަތަމަ އަހަރު 35 ޕަސެންޓު، ދެވަނަ އަހަރު 25 ޕަސެންޓު އަދި ދައުރުގެ ފަހު އަހަރު ބާކީ 40 ޕަސެންޓު ކަމަށެވެ.

މި ނިސްބަތްތަކުން މުސާރަ ބޮޑުކުރާއިރު ޖުމުލަ ހަރަދަށް އިތުރު ވަނީ ކިހާ ވަރެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

"އަދަދު" ނޫހުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި މިހާރު ކަނޑައަޅާފައިވާ ނިސްބަތުން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަން އަހަރަކަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެގޮތުން މި އަހަރުގެ ބާކީ މިއޮތް 10 މަސް ދުވަހަށް ވެސް އިތުރު 400 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ އެވެ.

ސިފައިންނާއި ފުލުހުންނަކީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން މިހާރު ވެސް މުސާރަ ހަރަދު އެންމެ ބޮޑު ދެ މުއައްސަސާ އެވެ.

ސިފައިންނަށް އަދި ފުލުހުންގެ މުސާރަ އާއި އަލަވަންސްގެ ގޮތުގައި އަހަރަކު އެއް ބިލިއަން ރުފިޔާ ހަރަދުވެ އެވެ.

2023 ގައި ސިފައިންގެ މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ހަރަދު

  • މުސާރަ އާއި އުޖޫރު - 370.2 މިލިއަން ރުފިޔާ
  • އެލަވަންސްތައް - 605.8 މިލިއަން ރުފިޔާ
  • ޕެންޝަނާއި މުސްކުޅި ކުރުމުގެ ފައިސާ - 25.4 މިލިއަން ރުފިޔާ
  • ޖުމުލަ: 1 ބިލިއަން ރުފިޔާ

2023 ގައި ފުލުހުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ހަރަދު

  • މުސާރަ އާއި އުޖޫރަ - 510.9 މިލިއަން ރުފިޔާ
  • އެލަވަންސްތައް - 731.7 މިލިއަން ރުފިޔާ
  • ޕެންޝަނާއި މުސްކުޅި ކުރުމުގެ ފައިސާ - 33.4 މިލިއަން ރުފިޔާ
  • ޖުމުލަ: 1.2 ބިލިއަން ރުފިޔާ

ސިފައިންނާއި ފުލުހުންނަށް މުސާރަ ބޮޑުކުރާއިރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި މި މަހުގެ 22 ވަނަ ދުވަހު ނެރުއްވި މާލިއްޔަތާބެހޭ ސާކިއުލާގައި ވަނީ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރުމަށް އަންގަވައިފަ އެވެ.

އޭގެތެރޭގައި އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުން، ދޭން ފަށާފައި ނުވާ އާ އެލަވަންސެއް އަހަރުގެ ތެރޭގައި ދޭން ނުފެށުން، ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް, ރޭންކަށް, މުސާރަ އަދި އިނާޔަތަށް ބަދަލު ނުގެނައުން، ރަސްމީ ގަޑީގެ ބޭރުން ކޮންމެހެންް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން ހިމެނެ އެވެ.

ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދުމަށާއި ރާއްޖެ ތެރޭގައި ކުރާ ވައިގެ އަދި ކަނޑު ދަތުރުތަކުގެ ތެރެއިން 35,000ރ. އަށްވުރެ އިތުރު ދަތުރުތަކަށް ވެސް އެ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ.