ގެމްބިއާގައި އަންހެނުން ހިތާނު ކުރަން ފެށުމުގެ ހުއްދަ ދީފާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
މި ބިރު ބޮޑުވެފައި ވަނީ ގެމްބިއާގެ ގާނޫނު ހަދާ މަޖިލީހަށް އެކަމާ ގުޅޭ ބިލެއް ހުށަހަޅާފައިވާތީ އެވެ. އެ ބިލް މިހާރު އޮތީ ދިރާސާކުރުމަށް ކޮމިޓީ މަރުހަލާގަ އެވެ.
ކޮމިޓީން ނިންމާ ގޮތަކާއެކު އެ މައްސަލައިގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވާނެ އެވެ.

މި ބިލާ ދެކޮޅަށް ގެމްބިއާގައި އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ. ނަމަވެސް ބިލު ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިނަމަ، އެ ގައުމުގެ ރައީސް އެޑަމާ ބަރޯ ބިލް ތަސްދީގު ކުރައްވާނެ ކަމަށް ބެލެވެ އެވެ.
މި ބިލު ފާސްކޮށްފިނަމަ ގެމްބިއާ ވެގެންދާނީ އަންހެނުން ހިތާނު ކުރުން މަނާ ކުރުމަށްފަހު، އެ ނިންމުން އަނބުރާ ހުއްދަކުރާ ފުރަތަމަ ގައުމަށެވެ.
އދ. އިން އަންދާޒާ ކުރާ ގޮތުގައި ގެމްބިއާގައި 15 އަހަރާއި 49 އަހަރާ ދެމެދުގެ ދެބައިކުޅަ އެއްބައި އަންހެނުން ވަނީ ހިތާނު ކޮށްފަ އެވެ.
ގެމްބިއާގައި ގާނޫނެއްގެ ދަށުން އަންހެނުން ހިތާނު ކުރުން 2015 ގައި މަނާ ކޮށްފައިވާއިރު، އެ ގާނޫނުގެ ދަށުން މިހާތަނަށް ދައުވާ ކުރީ އެންމެ ދެ މައްސަލައެއްގަ އެވެ.








