ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގައި ރައީސްގެ މަގާމަށް ގައުމީ ބެޑްމިންޓަން ޓީމުގެ، މުހައްމަދު އަޖުފާން ރަޝީދު ކުރިމަތިލިއިރު، ނައިބު ރައީސަކަށް މި ވަގުތު އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރަމުން އަންނަ މޫސާ ނާޝިދު (މޫސަ) ކުރިމަތިލައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، މޫސަ އަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަ އާއި އެސޯސިއޭޝަނުގެ ހިންގުމުގައި ހުރި މައްސަލަތަކުގެ ވާހަކަ އަންނަނީ އެކި ޕްލެޓްފޯމްތަކުގައި ދައްކަމުންނެވެ. އެ ފަދަ މައްސަލަތަކެއް އަސާސީ ގަވާއިދުގައި ހުރުމުން، އެކަންކަން ހައްލުކޮށްގެން، އިންތިހާބެއް ބޭއްވުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ އަންގައިފަ އެވެ. އެ އަށް ބާރު ދޭން މިއަދު ބައްދަލުވުމެއް ވެސް ބޭއްވި އެވެ.
އެކަމަކު، އެ ހުރިހާ ކަމެއް އެހެން އޮއްވައި، ބެޑްމިންޓަން އެސޯސިއޭޝަންގެ އިއުލާނެއް ވަނީ ގެޒެޓްކޮށްފަ އެވެ. އެއީ އިންތިހާބަށް ކުރިމަތިލާފައިވާ މީހުންތައް ހާމަކުރުމަށް ކުރި އިއުލާނެކެވެ. އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލި މެމްބަރުންގެ މުއްދަތު ހަމަވީ، މިއަދު މެންދުރު ފަހު، 14:00 ގެ ނިޔަލަށެވެ.
އެ ގޮތުން، އެސޯސިއޭޝަންގެ ރައީސް ކަމަށް ކުރިމަތިލާފައިވަނީ ގައުމީ ޗެމްޕިއަންކަން، ނުވަ ފަހަރަށް ހޯދާފައިވާ އަޖުފާން އެވެ. އަޖުފާން އަކީ މި ވަގުތު ވެސް ގައުމީ ބެޑްމިންޓަން ސްކޮޑު މެމްބަރެކެވެ. ރިޓަޔާކުރި ކަމެއް މީޑިއާގައި ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ.
އަޖުފާންގެ ނަން ވަނީ ނައިބު ރައީސެއްގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ވެސް ހިމަނައިފަ އެވެ.
ރައީސަކަށް ދެން ވާދަކުރަނީ، އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، އިޝްފާން މުހައްމަދު (އިއްޕަ) އެވެ. ދެން ނައިބަކަށް އިއްޕައާ އެކު އެއް ޓީމެއްގައި ހިމެނިގެން ނައިބު ރައީސަކަށް ވާދަކުރަނީ، ކުޅަދާނަ އަމްޕަޔަރު، އަހުމަދު ޝިހާމް (ޕުޗު) އެވެ.
ދެން، ނައިބު ރައީސްގެ މަގާމަށް ވާދަކުރަނީ، މޫސަ އާއި އަޖުފާން އެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މޫސަގެ ތިން ވަނަ ދައުރު ވަނީ މިދިޔަަ މަހުގެ 24 އަށް ހަމަވެފަ އެވެ.
މި ފަހަރުގެ އިންތިހާބުގައި، ހިންގާ ކޮމީޓީގެ ދެން ހުރި މަގާމުތަކަށް ވާދަކުރަނީ، ހަޒާންދާރުގެ މަގާމަށް، ޝިފާއު އަބްދުﷲ އާއި މުހައްމަދު ނަސީރު، އެގްޒެކްޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްސީލްކުރާ މެމްބަރުގެ މަގާމަށް، ހުސެއިން އާތިފް އާއި އަހުމަދު ރިޔާޒް، އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރުގެ މަގާމަށް، އިބްރާހިމް ޒިޔާއު މުހައްމަދު އާއި އަހުމަދު ސިރާޖު، އެގްޒެކްޓިވް ކޮމިޓީގެ ފަރުދީ މެމްބަރުގެ މަގާމަށް، މުހައްމަދު ސައީދު އާއި މިންނާ ރަޝީދު އަދި އަންހެން މެމްބަރުން ތަމްސީލުކުރާ މެމްބަރަކަށް އައިޝަތު ޔުމްނާ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ މި މަހު 22 ވަނަ ދުވަހުގެރޭ 21:30 ގައި އައްޑޫ އިކުއޭޓްރަލް ވިލެޖުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީގެ ފަރާތުން ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމަށްޓަކައި ހުރިހާ ކެޑިޑޭޓުން މާދަމާ (19 މާޗް) ގެ 14:00 އަށް ބެޑްމިންޓަން އެސޯސިއޭޝަނަށް އައުމަށް އެދިފައިވެ އެވެ.












