އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑަލްޓަން، މަންމައިންގެ ދުވަހު އާންމުކުރި އެޑިޓެޑް ފޮޓޯއާ ގުޅިގެން ފާޑު ކިޔަނިކޮށް، އެންމެ ފަހުން އޭނާ ބޭރުން ފެނިއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓުކުރި ފަހުން ފުރަތަމަ ފަހަރަށް ވޭލްސްގެ ޕްރިންސަސް ކޭޓް ބޭރުން ފެނިފައިވަނީ ފިރިކަލުން ވިލިއަމްއާއެކު ގެ ކައިރި ފިހާރައަކުން ވިޔަފާރި ކުރަނިކޮށެވެ.
ކެޓްއަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އޭނާގެ ބަލި ހާލަތާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގައި، އެކަން ސިއްރު ކުރުމަށް، ފޮޓޯއެއް އެޑިޓުކޮށްގެން އާންމު ކުރުމުންނެވެ.
އެ ފޮޓޯ އާންމު ކުރުމަށްފަހު ފާޑު ކިޔުން އަމާޒުވާން ފެށުމުން ކޭޓް ވަނީ ދޭޭތެރެއަކުން ފޮޓޯ އެޑިޓުކޮށްގެން ލާ ކަމަށް ބުނެ ސަމާސާ ކުރައްވައިފަ އެވެ. އަދި ފޮޓޯއާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކަށް ކޭޓް ވަނީ މައާފަށް ވެސް އެދިވަޑައިގަތެވެ.
ދާދި ފަހުން ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ކޭޓް ސާޖަރީއެއް ހަދާފައި ވާއިރު، އެކަމަނާގެ ބަލި ހާލަތާ ގުޅޭ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މިއާއެކު، އެކި ފަރާތްތަކުން އަންނަނީ ކޭޓްއާ ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ.
ސާޖަރީއަށް ފަހު ކޭޓް އެއްކޮށް ރަނގަޅުވެގެން ރޯޔަލް ޑިއުޓީސް އަދާކުރަން ފަށާނީ އޭޕްރިލް 17، ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޝާހީ އާއިލާއާ ގުޅޭ ގޮތުން އަބަދުވެސް ތަފާތު އެކި ހަބަރުތައް ފެތުރޭއިރު، ރަސްގެފާނު ޗާލްސްގެ ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން އަވަހާރަވެފައިވާ ކަމަށް ބުނެވެސް ދޮގު ހަބަރުތައް އަންނަނީ ފަތުރަމުންނެވެ.








