މި މަހު 22 ވަނަ ދުވަހު ބާއްވަން ނިންމާފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގައި ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވާން މަސައްކަތްކުރާ މި އިންތިހާބު، މިހާރު ކުރިއަށްދާ ގޮތަށް ދާނަމަ ބަލައިނުގަންނާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ވިދާޅުވެފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމުގެ ޝަކުވާތަކާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުނުކޮށް، އެ އެސޯސިއޭޝަންގެ އިންތިހާބު ނުބާއްވަން ތޮލާލް ވަނީ މީގެ ކުރިން ވެސް އަންގައިފަ އެވެ.
އެކަމަކު، ސްޕޯޓްސް ކޮމިޝަނަރުގެ އެ އެންގުމަށް ބޯލެނބުމެއް ނެތި، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އެ ޖަމިއްޔާގެ އިންތިހާބުގައި ވޯޓު ލެވޭނެ ލިސްޓު ގެޒެޓް ކުރުމަށް ފަހު، އެ އަށް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ހުޅުވާލައިފަ އެވެ.
އެ ގޮތުން، އިންތިހާބުގެ ވޯޓު ލެވޭ މީހުންގެ ލިސްޓާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެ ކަމެއް ލިޔުމުން 18 މާރިޗު 2024 ވާ ހޯމަ ދުވަހު (މާދަމާ)ގެ 12:00 ގެ ކުރިން މި އެސޯސިއޭޝަނަށް ގޮސް ހުށަހެޅުމެއް، އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ.
ސިއްރުކޮށްފައި އޮތް ބީޑީސީން ވޯޓު ލެވޭ މީހުންގެ އަދަދު ވަނީ ހިއްސާކޮށްފައި!
ބެޑްމިންޓަން އެސޯސިއޭޝަނުން އެންމެ ފުރަތަމަ ވޯޓު ލެވޭ ފަރާތްތައް ހާމަކުރިއިރު، ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކުން ލަނީ ކިތައް ވޯޓު ކަމެއް ހާމަކޮށްފައިނުވެ އެވެ. އެކަމަކު، ޝަކުވާ ހުށަހަޅަން ފުރުސަތު ދޭން، އިއްޔެ ގެޒެޓްކުރި އިއުލާނުގައި ވަނީ ބީޑީސީ މެމްބަރުންގެ އަދަދު ހާމަކޮށްފަ އެވެ.
އެ ގޮތުން، މި ފަހަރުގެ އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ރުހުން ދީފައިވަނީ، ދެ ބީޑީސީ އަށެވެ. އެއީ، ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އާއި އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އެވެ. ހޮޅުދޫން 109 މެމްބަރުން ތިބިިއިރު، އައްޑޫން ތިބީ، 118 މެމްބަރުން ކަމަށް ބީއޭއެމް އިން ހާމަކޮށްފައިވެ އެވެ.
މި އިންތިހާބުގައި އެސޯސިއޭޓް މެމްބަރުންގެ ގޮތުގައި ވޯޓު ލެވޭ ދެ ކްލަބަކީ، ކްލަބް ސްޓެޓިކް އާއި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ އެވެ. މިދިޔަ ހަތަރު އަހަރު އެންމެ ރަނގަޅަށް ގަވާއިދު މުބާރާތްތަކުގައި ވާދަކުރި ރިވައިވަލް ސްޕޯޓްސް ކްލަބަށް ފުރުސަތު ނުދޭތީ އެކަމާ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.
އިންޑިވިޖުއަލް މެމްބަރުންގެ ގޮތުގައި އިންތިހާބުގައި ވޯޓު ލެވެނީ 80 ފަރާތަކަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ގަވާއިދު އޮންނަ ގޮތުން، އެސޯސިއޭޝަނުގައި ރަޖިސްޓްރީކުރާ ބީޑީސީތަކުން އިންތިހާބަށް ވޯޓުލާއިރު، ކޮންމެ 10 މެމްބަރަކަށް 15 ވޯޓު ލެވެ އެވެ. ބީޑީސީތަކަށް މެމްބަރުން ނެގުމުގައި ވަކި އަދަދެއް ބަޔާންކުރާ ވަކި އުސޫލެއް ނެތެވެ. ބީޑީސީ އަކީ ފުރިހަމަ މެމްބަރެއް ކަމަށްވާތީ، ވަކި ފީއެއް ދައްކަން ވެސް ލާޒިމެއް ނުކުރެ އެވެ. އެކަމަކު، 18000 ރުފިޔާ އަހަރަކު ދައްކަން ޖެހޭ، ބެޑްމިންޓަން ކްލަބްތަކަށް އެންމެ ގިނަ ވެގެން ވެސް ހިމެނެނީ، 15 މެމްބަރުންނެވެ. އެ އަށް ވުރެ އިތުރެއް ނުކުރެވޭއިރު އިންތިހާބުގައި ލެވެނީ 20 ވޯޓު އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ ގޮތަށް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ބާރުދީފައި އޮންނަ، ބީޑީސީ ތަކަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމެއް ވެސް ނެތި/ ރާއްޖޭގެ އެއްވެސް ރަސްމީ މުއައްސަސާއެއްގައި ރަޖިސްޓްރީ ނުކުރާ، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ބޭނުންވާ ގޮތަކަށް ކަންކަން ނުފޫޒު ފޯރުވޭ ގޮތަށް އޮތް ކޮމިޓީ އެކެވެ. ގިނަ ފަހަރު ބީޑީސީތައް ހިންގަން ފުރުސަތު ދެނީ ވެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބާރު ހިންގޭ ގޮތަށް އޮންނަ ރަށްތަކަށެވެ. އެއީ، އިންތިހާބަކާ ދިމާކޮށް، އެ ބީޑީސީތަކެއްގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތެއް ބަލައިފަ އެވެ.
ބެޑްމިންޓަން ކްލަބްތަކަށް ނުލިބޭ ފަދަ ހައްގުތަކެއް، ބީޑީސީތަކަށް ދީފައި އޮންނަ އޮތުމުގައި ވެސް ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް ކަންކަން ފަހިވެފައި އޮތް ކަމަކީ ވެސް ކަންބޮޑުވުމެކެވެ. މިއީ ގުޑް ގަވަރްނަންސް އާ މުޅިން ހިލާފު އަމަލެއްގެ ގޮތުގައި، ކުޅިވަރު އެޑްމިނިސްޓްރޭޓަރުން ވެސް ފާހަގަކުރެ އެވެ.












