ހެއިޓީގެ ބޮޑުވަޒީރު އެރިއެލް ހެންރީއަށް އެ ގައުމުގެ ގޭންގުތަކުން ކުރިމަތި ކުރުވި ޕްރެޝެރާއެކު، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހެންރީ އިސްތިއުފާ ދެއްވަން ނިންމެވީ ކެރީބިއަން ގައުމުތައް މެދުގައި އިއްޔެ ޖަމައިކާގައި ހެއިޓީގެ ހާލަތާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެވެ.
ހެއިޓީގައި ގޭންގުތަކުގެ ބާރު ގަދަވެފައިވާއިރު، ދާދި ފަހުން އެ ގައުމުގެ މައި ޖަލު ފަޅާލައި އެތައް ހާސް ގައިދީންނެއްވެސް ވަނީ ފިލާފަ އެވެ. އަދި ގޭންގުތަކުން ބުނަމުން ދިޔައީ ހަމަނުޖެހުން ހުއްޓާލާނީ ހެންރީ މަގާމުން އިސްތިއުފާ ދިނުމުން ކަމަށެވެ.

ހެއިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، އެ ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކެންޔާއިން ވަނީ 1،000 ސިފައިންވެސް ފޮނުވާފަ އެވެ. އަދި އަވަށްޓެރި އެހެން ގައުމުތަކުން އަންނަނީ އެ ގައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހެއިޓީގެ ރައީސް ޖޮވެނެލް މޮއިޒް 2021 ގައި އަވަހާރަ ކޮށްލުމާ ގުޅިގެން އެ ގައުމުގެ ރައީސަކު މިހާތަނަށް އިންތިހާބު ކުރެވިފައެއް ނުވެ އެވެ. ހެއިޓީގެ އިންތިހާބު މިދިޔަ ފެބްރުއަރީ މަހު ބާއްވަން ތާވަލު ކުރި ނަމަވެސް އިންތިހާބުވެސް މިހާތަނަށް ނުބޭއްވެ އެވެ.








