އައިންދޯވަން (ފެބްރުއަރީ 21) - ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި ރޭ ޕީއެސްވީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ޕީއެސްވީގެ ދަނޑުގައި ކުޅުނު މެޗުގެ 24 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ޕީއެސްވީ އަށް ކުރިން ކުޅުނު ޑޮންޔެލް މާވެލް އެވެ.
ޕީއެސްވީ އަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 56 ވަނަ މިނިޓުގައި އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ލޫކް ޑެޔޮންގް އެވެ.
މި މެޗު އެއްވަރުވުމުން، އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނުކުންނައިރު ޑޯޓްމަންޑަށް ލިބޭ ފައިދާ ބޮޑެވެ.
އެކަމަކު މި މެޗު އެއްވަރުވުމުން، ޕީއެސްވީގެ ކޯޗު ޕީޓާ ބޯޒް ހުރީ ހިތްހަމަނުޖެހިފައެވެ. އެންމެ ބޮޑު ސަބަބަކީ މި މެޗުގައި ލިބުނު ފުރުސަތުތައް ޕީއެސްވީ އިން ބޭކާރުކޮށްލުމެވެ.
"ދެވަނަ ހާފުގައި އަހަރަމެންނަށް ގިނަ ފުރުސަތުތަކެއް ލިބުނު. އެކަމަކު ވަރަށް ދެރަ އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނީމަ،" ބޯޒް ބުންޏެވެ.
ޑޯޓްމަންޑްގެ ކޯޗު އެޑިން ޓެރްޒިކް ބުނީ މެޗުގެ ނަތީޖާއާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.
"އަހަންނަށް އެނގޭ މި މެޗު ފަސޭހަނުވާނެކަން. އެއީ ޕީއެސްވީ އަކީ މޮޅު ޓީމެއް. އަނެއްކާ އެ ޓީމު އަމިއްލަ ދަނޑުގައި ކުޅުނީ. އެހެންވީމަ މިއީ ގޯސް ނަތީޖާއެއް ނޫން،" ޓެރްޒިކް ބުންޏެވެ. -












