ލިވަޕޫލް (ފެބްރުއަރީ 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން 2-0 އިން އެވަޓަން ބަލިކޮށް، ކުރިއަށް ޖެހިލައިފައި އޮއްވައި، ލިވަޕޫލުން ކުޅުނު މެޗުން ބާންލީގެ މައްޗަށް 3-1 އިން ކުރިހޯދައި އަލުން އެއް ވަނަ އަށް އަރައިފި އެވެ.
ލީގުގައި ފުރަަަތަމަ މެޗުގައި މިިއަދު ސިޓީން ކުޅުނުއިރު، އެ ޓީމު މޮޅުވުމުން ވަނީ އެއް ވަނަ އަށް އަރައިފަ އެވެ. އެކަމަކު، ލިވަޕޫލް ވެސް ކުޅުނު މެޗު ކާމިޔާބު ކުރުމާ އެކު، ސިޓީ ދެ ވަނަ އަށް ވެއްޓުނީ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ، 24 މެޗުން 54 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 23 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ. މެޗު ހަމަކުރާއިރު، އެއް ވަނަ އަށް އެރުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެ ޓީމުން ކުޅުނު މެޗުގައި ލަނޑުތައް ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، މި މެޗުގައި ސިޓީގެ ދެ ލަނޑު ވެސް ޖެހީ އަނިޔާއިން ރަނގަޅުވެ، ކުރީގެ ފޯމަށް އެޅެން މަސައްކަތް ކުރަމުން އަންނަ އާލިން ބްރައުޓް ހާލަންޑް އެވެ. ހާލަންޑް، ފުރަތަމަ ލަނޑު ޖެހީ، 71 ވަނަ މިނިޓްގައި ނޭތަން އަކޭ ދިން ބޯޅައަކުންނެވެ.

ސިޓީގެ ހާލަންޑް، ގޯލަަށް ބޯޅަ ފޮނުވާލަނީ: މި މެޗުގައި އޭނާ ވަނީ ދެ ގޯލު ޖަހައިދީފައި.
މެޗުގައި ބަދަލަކަށް ނުކުތް، ކެވިން ޑި ބްރޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ހާލަންޑް ދެ ވަނަ ލަނޑު ޖެހީ ޑި ބްރޭނާ ދިން ބޯޅައަކުންނެވެ. މި މެޗުގައި ހާލަންޑް ލަނޑު ޖެހިއިރު، އޭނާ ވަނީ މި ފަހުން ލަނޑެއް ނުޖަހައި، ދަނޑުމަތީގައި 419 މިނިޓް ހޭދަކޮށްފަ އެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ އަށް އެންމެ ދަށް ކޮށް މެޗުތަކެއް ދިޔަ ފަހަރެވެ.
ލިވަޕޫލަށް އަމިއްލަ ދަނޑުގައި ލީޑުނަގައިދިނީ، 31 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާންލީން އެއްވަރުކުރީ، ޑަރާ އޯޝެއާ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ލިވަޕޫލް މޮޅުކޮށްދިން ލަނޑުތައް ޖެހީ، ލުއިޒް ޑިއާޒް އާއި ޑާވިން ނޫނޭޒް ބޮލުންނެވެ.
ބާންލީގެ ޑޭވިޑް ޑަޓްރޯ ފޮފާނާ އަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެއިން އެއް ބޯޅައެއްގެ ވެސް ބޭނުމެއް ނުހިފުނެވެ. އެ ގޮތުން، ހުސްކޮށް އަރައި، ފޮފާނާ ޖެހި ބޯޅައެއް، ލިވަޕޫލް ގޯލު ބެލެހެއްޓި ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލްގެ އެއް ނަމްބަރު ކީޕަރު، އެލިސަން ބެކާ މި މެޗުގައި ނުކުޅުނީ، ބަލިވެ އުޅޭތީ އެވެ. އެލިސަންގެ އިތުރުން ޖޯ ގޯމޭޒަށް ވެސް ދިމާވީ އެ މައްސަލަ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ 2-1 އިން ބްރައިޓަން ބަލިކޮށް ހަތަރަކަށް ޖެހިލައިފަ އެވެ. ފުލަމް އިން އަމިއްލަ ދަނޑުގައި 3-1 އިން ބޯންމައުތު ބަލިކުރިއިރު، ލޫޓަން ޓައުން ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް މޮޅުވީ 3-1 އިންނެވެ. ވުލްވްސް އަތުން 2-0 އިން ބްރެންޓްފޯޑް ވަނީ މޮޅުވެފަ އެވެ.












