މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ސ. އަތޮޅު ޗެމްޕިއަންކަން ހިތަދޫން ހޯދިއިރު، ބ. އަތޮޅު ލީގު ބުުރުގެ މެޗުން ތުޅާދޫ އަތުން 2-1 އިން އޭދަފުށި މޮޅުވެއްޖެ އެވެ.
ސ. އަތޮޅުގައި މި ފަހަރު ވާދަކުރި ހަތަރު ޓީމު ވެސް ލީގު ބުރު ނިމުނުއިރު އޮތީ ޕޮއިންޓާއި ފައިދާގޯލުން އެއްވަރުވެފަ އެވެ. ފައިނަލަށް ދިޔަ ދެ ޓީމު ކަނޑައެޅީ ޖެހި ގޯލުގެ ފަރަގުންނެވެ. އެ ގޮތުން ފައިނަލުގައި، ހިތަދޫ އާއި ފޭދޫ ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން، ހިތަދޫ މޮޅުވީ، 7-6 އިންނެވެ.
މި މެޗުގައި ހިތަދޫގެ ގޯލުތައް ޖަހައިދިނީ ހާޒިމް ފައުޒީ، މުހައްމަދު ރަފާހު އަބްދުﷲ އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ފޭދޫގެ ލަނޑުތައް ޖެހީ، ހަސަން ލައުހު ދެ ގޯލާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
ޕެނަލްޓީގައި، ފޭދޫން ދެ ޕެނަލްޓީ ނާކާމިޔާބުވިއިރު، ހިތަދޫ އަތުން އެއް ޕެނަލްޓީ ނާކާމިޔާބުވި އެވެ. ހިތަދޫން ޕެނަލްޓީތައް ކާމިޔާބުކުރީ، ހާޒިމްގެ އިތުުރުން މުހައްމަދު ދާނިޝް އިބްރާހިމް، މުހައްމަދު ސޮބާހު އަދި މުހައްމަދު އިންޝާލް އެވެ. ފޭދޫން ޕެނަލްޓީތައް ކާމިޔާބުކުރީ ފޭދޫ އިއްބެ، ޔޫސުފް ސިދާމް އަދި އަލީ ނާފިއު (ކަޅޭ) އެވެ.
އައްޑޫގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ، ހާޒިމް އެވެ.
ތުޅާދޫގެ މައްޗަށް އޭދަފުށިން ކާމިޔާބު ހޯދިއިރު، އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ތުޅާދޫގެ ލަނޑު ޖެހީ، އިބްރާހިމް ރަފާހު އެވެ. ބ. އަތޮޅު ފައިނަލުގައި ވެސް ކުޅެން ޖެހެނީ މި ދެ ޓީމެވެ.

ފެދިދޫ އާއި ކެޔޮދޫ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައި ވެސް ވ. އަތޮޅުގެ ފުރަތަމަ މެޗެއް ރޭ ކުޅުނުއިރު، ދިޔައީ ފޯރިގަދަކޮށެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ކެޔޮދޫން ހަތަރު ގޯލު ޖެހިއިރު، ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު، މެޗު ނިމުނީ، ފެލިދޫ އަތުން 5-2 އިން ކެޔޮދޫ މޮޅުވެގެންނެވެ.
ކެޔޮދޫ ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދު ރަޝީދު (އައްމަޑޭ) ހެޓްރިކެއްގެ އިތުރުން، އިބްރާހިމް ފުއާދު އަދި އަރީން އަބްދުﷲ އިބްރާހިމް އެވެ. ފެލިދޫގެ ލަނޑުތައް ޖެހީ މުހައްމަދު ފައިޒާން ފަޒީން އާއި އަބޫބަކުރު އިބްރާހިމް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
ތ. އޮމަދޫ - ތ. ތިމަރަފުށި : 20:00 (ގްރައުންޑް 1) - އަތޮޅު ފައިނަލް
ގދ. ވާދޫ - ގދ. ތިނަދޫ : 20:00 (ގްރައުންޑް 2) - އަތޮޅު ފައިނަލް
ޅ. ހިންނަވަރު - ޅ. އޮޅުވެލިފުށި : 21:00 (ގްރައުންޑް 1)
ޅ. ކުރެންދޫ - ޅ. ނައިފަރު : 21:00 (ގްރައުންޑް 2)
މ. މުލައް - މ. ރަތްމަންދޫ : 22:00 (ގްރައުންޑް 1)
ގއ. ކަނޑުހުޅުދޫ - ގއ. ގެމަނަފުށި (ގްރައުންޑް 1) - އަތޮޅު ފައިނަލް












