ލިވަޕޫލް (ފެބްރުއަރީ 9) - އަނިޔާއަކާ ހެދި އަހަރެއްހާ ދުވަަހަށް ފަހު ކުޅުމަށް އެނބުރި އައިތާ އެއް މެޗު ފަހުން، އަނެއްކާ ވެސް އަނިޔާގެ މައްސަލައެއް ކުރިމަތިވެ، ލިވަޕޫލްގެ މިޑްފީލްޑަރު، ތިއާގޯ އަލްކަންޓާރާ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ތިއާގޯ، 32، ގެ އުނަގަނޑަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރަށް ދިއުމަށް ފަހު، އެނބުރި އައީ މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
އެ މެޗުގައި ތިއާގޯ ކުޅެން އެރީ 85 ވަަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ މެޗަށް ފަހު، ތިއާގޯ ޓްރެއިނިން އަށް ނުކުތްއިރު ފައިގެ މަސްގަނޑަށް އަނިޔާވެފައިވާތީ، އަނެއްކާ ވެސް ޓެސްޓްތަކެއް ހެދިއިރު، އޭނާ ފަރުވާ އަށް މަޑުކުރަން ޖެހޭކަން ވަނީ އެނގިފަ އެވެ.
މި ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި ތިއާގޯ އަށް އާ އެއްބަސްވުމެއް ދިނުމާ މެދު ކްލަބުން ގޮތެއް ނުނިންމައި އޮތީ ވެސް އޭނާ އަށް ދިމާވާ އަނިޔާގެ މައްސަލަތަކާ ހެދި އެވެ.
ބަޔާން މިއުނިކް ދޫކޮށް 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ތިއާގޯ، މިހާތަނަށް އެ ޓީމަށް 98 މެޗު ކުޅެދީފައިވެ އެވެ. ތިއާގޯ ވަނި ލިވަޕޫލާ އެކު، އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
އަނިޔާގެ މައްސަލައަކާ ހެދި މި ވަގުތު ލިވަޕޫލްގެ މިސްރު ފޯވާޑް، މުހައްމަދު ސަލާހު ވެސް ހުރީ ކުޅުމާ ދުރުގަ އެވެ. އޭނާ އަށް އަނިޔާވީ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރަށް ކުޅެނިކޮށެވެ. އޭޝިއަން ކަޕް ކުޅެން ދިޔަ ޖަޕާންގެ ވަޓަރޫ އެންޑޯ ވަނީ އެނބުރި ލިވަޕޫލް ޓީމާ ގުޅިފަ އެވެ.












