ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ލ. އަތޮޅުގެ ފައިނަލަށް ގަމާއި އިސްދޫ ދަތުރުކުރިއިރު، ގއ. އަތޮޅުގެ ފައިނަލުގައި ކަނޑުހުޅުދޫ އާއި ގެމަނަފުށީގެ ކުރިމަތިލާން ޖެހިއްޖެ އެވެ.
ލ. އަތޮޅުު ސެމީގެ މެޗުތަކުގައި ރޭ، އެންމެ ފަހުގެ ޗެމްޕިއަން، ގަމުން ވަނީ 4-0 އިން މާމެންދޫ ބަލިކޮށްފަ އެވެ. އަނެއް ސެމީގައި އިސްދޫ އިން ވަނީ މާވަށް އަތުން 3-0 އިން މޮޅުވެފަ އެވެ.
ގަމު ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖެންނެ) އާއި އަހުމަދު ހަލީމް (އައްމަޑޭ) ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އިސްދޫ އިން، މާވަށް ބަލިކުރިއިރު، ލަނޑުތައް ޖަހާފައިވަނީ، އަލީ ހުމޭޒް، އަލީ މީސާގް އީސާ އަދި ހުސެއިން އަފްހާން އެވެ.
މިއީ، ގަމާއި އިސްދޫން ލ. ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އިސްދޫ އަތުން ގަން ކުރި ހޯދީ 4-0 އިންނެވެ.

ގަމާއި މާމެންދޫ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ގއ. ސެމީގައި ރޭ، މިދިޔަ އަހަރު ފައިނަލުގައި ކުުޅުނު ނިލަންދޫ އަތުން ކަނޑުހުޅުދޫ މޮޅުވީ 3-0 އިންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އަހުނަފު ޒާހިރު އާއި މުހައްމަދު ޒައިން ނިޔާޒް އެވެ. އަނެއް ގޯލަކީ ނިލަންދޫގެ މައުފޫޒު އާދަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އަނެއް ސެމީގައި ރޭ ގެމަނަފުށްޓާއި ދެއްވަދޫ މެޗު އެއްވަރުވެ، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗު 1-1 އިން އެއްވަރުވިއިރު، ގެމަނަފުށީގެ ލަނޑު ޖެހީ، އަލީ ޝާޒް ހަބީބް އެވެ. އަދި ދެއްވަދޫން ލަނޑު ޖެހީ، ލަމާން ޒުހައިރު އެވެ.
ގެމަނަފުށިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ދެއްވަދޫ އަށް ތިން ޕެނަލްޓީ ތެރެއިން އެއް ޕެނަލްޓީ އެވެ. ގެމަނަފުށީ ޓީމަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ، މުހައްމަދު އިރުޝާމް އަބްދުﷲ، އަހުމަދު ޝާމް، ހުސެއިން ތައިމް އަދި އިބްރާހިމް ސަހާފް އާދަމް އެވެ. ދެއްވަދޫގެ ޕެނަލްޓީ ކާމިޔާބުކުރީ، ލަމާން ޒުހައިރު އެވެ.
ރޭ ވަނީ ޅ. އަތޮޅުގެ ދެ މެޗެއް ވެސް ކުޅެފަ އެވެ. ކުރެންދޫން ވަނީ 4-3 އިން އޮޅުވެލިފުށި ބަލިކޮށްފަ އެެވެ. އަނެއް ކޮޅުން ހިންނަވަރާއި ނައިފަރު ވަނީ 3-3 އިން އެއްވަރުވެފަ އެެވެ.
ކުރެންދޫގެ ލަނޑުތައް ޖެހީ، މުހައްމަދު ނަބީހު ދެ ލަނޑާއި މުހައްމަދު އަންވަރު އަދި ހުސެއިން ފާއިޒް އެވެ. އޮޅުވެލިފުށީގެ ގޯލުތައް ޖެހީ، އަހުމަދު ސުހައިލް، އިޔާޒް އިލްޔާސް އަދި އިމްރާން މުހައްމަދު އެވެ. ނައިފަރަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ، އަބްދުﷲ ރަމީޒް އަހުމަދު، މަޖުދާން ސޯލިހު އަދި ހުސެއިން ފައިސަލް (ފައިޓޯ) އެވެ. ހިންނަވަރުގެ ގޯލުތައް ޖެހީ، އަހުމަދު އަޝްރަފް ދެ ގޯލާއި އަހުމަދު ސުޖާއު އަލީ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅޭނީ ކ. އަތޮޅުގެ ހަތަރު މެޗާއި މ. އަތޮޅުގެ ހަތަރު މެޗެވެ. މިއީ ގްރޫޕްގެ ފަހު މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
ކ. ގާފަރު - ކ. ހުރާ : 20:00 (ގްރައުންޑް 1)
ކ. ކާށިދޫ - ކ. ހިންމަފުށި : 20:00 (ގްރައުންޑް 2)
ކ. ގުޅި - ކ. ގުރައިދޫ : 21:00 (ގްރައުންޑް 1)
ކ. ދިއްފުށި - ކ. މާފުށި : 21:00 (ގްރައުންޑް 2)
މ. މުލައް - މ. ރަތްމަންދޫ : 22:00 (ގްރައުންޑް 1)
މ. މަޑުއްވަރީ - މ. ވޭވަށް : 22:00 (ގްރައުންޑް 2)
މ. ނާލާފުށި - މ. ކޮޅުފުށި : 23:00 (ގްރައުންޑް 1)
މ. ދިއްގަރު - މ. މުލި : 23:00 (ގްރައުންޑް 2)












