އުރީދޫގެ ދެ ކަސްޓަމަރަކަށް ގަތަރުގެ "ދޯހާ މެރެތަން"ގައި ދުވުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް ފަށައިފި އެވެ.
މިމަހުގެ 16 ވަނަ ދުވަހު ގަތަރުގައި އޮންނަ ދޯހާ މެރެތަންގައި ބައިވެރިވެވޭނީ އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއްއަހަރު ދުވަސް ހޭދަކޮށްފައިވާ ކަސްޓަމަރުންނަށެވެ.
އެގޮތުން އެންމެ ލަސްވެގެން ފެބްރުއަރީ 1، 2023 އިން ފެށިގެން އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި ތިބި މީހުންނަށް މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
ލަކީ ޑްރޯގައި ބައިވެރިވުމުގެ އިތުރު ޝަރުތުތައް
- ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ދުވެފައިވުން، ނުވަތަ މެރެތަންއެއް ދުވުމުގެ ސިއްހީ ގާބިލްކަން ހުރުން، ނުވަތަ މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
- ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން.
- ފެބުރުއަރީ 10، ގެ 00:00ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން.
އުރީދޫ ވެބްސައިޓު މެދުވެރިކޮށް ފެބުރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން ފެބުރުއަރީ 10، ގެ ނިޔަލަށް މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ދެ ފަރާތް ފެބުރުއަރީ 11، ގައި އިއުލާނު ކުރާނެ އެެވެ.
ދޯހާ މެރެތަންއާ ގުޅޭ އިތުރު މައިލޫމާތު މި ލިންކުން ލިބޭނެ އެވެ.










