ސާފް ކްލަބް ޗެމްޕިއަންޝިޕް: ހުވަފެން ހަގީގަތަކަށް ހަދާ އަހަރު؟

މި ސީޒަނުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޮޑިޝާ އެފްސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި ސީޒަނުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޮޑިޝާ އެފްސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސާފް ކްލަބް ޗެމްޕިއަންޝިޕް ބާއްވަން ވާހަކަ ދައްކައި، މަޝްވަރާ ކުރަން ފެށިތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމަކު، މިހާތަނަށް އެ މުބާރާތް އަދި އެންމެ ފަހަރަކު ވެސް ބޭއްވިފައިނުވެ އެވެ. އެކި ފަހަރު މަތިން އެކި ލެވަލްގައި މަޝްވަރާކުރި، އެ މުބާރާތް، މި އަހަރު، ޖުލައި ނޫނީ އޮގަސްޓްގައި ފެށޭތޯ ސާފުން ގިނަ މަސައްކަތްކެއް ކުރަމުން އަންނަ ކަމަށް ސަރަހައްދުގެ އެކި މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

އެންމެ ފުރަތަމަ ސާފް ކްލަބް ޗެމްޕިއަންޝިޕެއްގެ ވާހަކަ ދެކެވުނީ، 2009 ވަނަ އަހަރު އެވެ.

އެކަމަކު، ސާފް އިން އެންމެ ފުރަތަމަ ރަސްމީކޮށް ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަން އިއުލާނުކުރީ 2011 ވަނަ އަހަރު އެވެ. އެ ފަަހަރު، ނިންމީ ސާފްގެ ފުރަތަމަ ކްލަބް މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށެވެ. އެކަަމަކު، އެކި ސަބަބުތަކާ ހުރެ އެ ފަހަރު އެ މުބާރާތް ނުބޭއްވި ޖެހުނީ ފަސްކުރާށެވެ.

ދެ ވަނަ ފަހަރަށް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ ދެކެވުނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އެ ފަހަރު ނިންމީ 2014 ވަނަ އަހަރު ސްރީ ލަންކާގައި ފުރަތަމަ ކްލަބް ޗެމްޕިއަންޝިޕް ހޯސްޓް ކުރާގޮތަށެވެ. އެ ފަހަރު، މުބާރާތް ނުބޭއްވުނު އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސަރަހައްދުގެ ގަދަބާރު އިންޑިއާ އިން މުބާރާތް ކުރިއަށް ގެންދަން މާ ބޮޑު ޝައުގުވެރިކަމެއް ނުގެންގުޅޭތީ އެވެ.

އޭގެ ފަހުން 2016، 2017 އަދި 2018 ވަަނަ އަހަރު ވެސް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ އެކި ފަހަރު މަތިން ދެކެވުނު ނަމަވެސް އޮތީ ރަސްމީކޮށް އެ މުބާރާތް ނުފެށި އެވެ.

އެންމެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭގައި އުރީދޫ ސާފް ޗެމްޕިއަންޝިޕް ނިންމާލުމަށް ފަހު ހޮޓެލް ޖެންގައި ބޭއްވި ސާފްގެ އާންމު ޖަލްސާގައި ވަނީ 2022 އަހަރު ބާއްވާނެ މުބާރާތްތަކާ މެދު މަޝްވަރާކޮށްފަ އެވެ. ސާފްގެ ހިންގާ ކޮމިޓީން ފަސް މުބާރާތެއް 2022 އަށް ޝެޑިއުލްކުރިއިރު، އޭގެ ތެރޭގައި ކްލަބް ޗެމްޕިއަންޝިޕް ވެސް ހިމެނި އެވެ.

އަދި ކްލަބް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް 2022 ވަނަ އަހަރު ބޭއްވުން ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ. އެކަމަކު، އެ އަހަރު ވެސް އެކަންނުވި އެވެ.

އެންމެ ފަހުން، މިދިޔަ އަހަރު، ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ހަވާސާގައި ބޭއްވި، ސާފްގެ އާންމު ޖަލްސާގައި ނިންމާފައިވަނީ، މި އަހަރު ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ ކަންކަން ވަރުގަދަ އަށް ކުރުމަށެވެ.

ސާފްގެ ރައީސްކަން ކުރަމުން އަންނަ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ކާޒީ ސަލާހުއްދީން، ދާދި ފަހުން ބަންގްލަދޭޝް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކްލަބް ޗެމްޕިއަންޝިޕްގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"(ސާފް ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ) ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމަށް މި ބަލަނީ،" ކާޒީ ވިދާޅުވި އެވެ.

އެ ގޮތުން، ލަސްވެގެން މި އަހަރު އޮގަސްޓް މަހު ސާފް ކްލަބް ޗެމްޕިއަންޝިޕް ފެށޭތޯ ކުރެވެން ހުރި މަސައްކަތެއް ކުރަން ވަނީ ނިންމައިފަ އެވެ.

މާޒިޔާ އާއި ބަޝުންދަރާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި ވަގުތަށް ރޭވިފައިވާ ސާފް ކްލަބް ޗެމްޕިއަންޝިޕްގެ ފޯމެޓް

އިންޑިއާ އަށް ސާފް ކްލަބް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުން ދެ ސްލޮޓް ދޭނެ އެވެ. އެއީ، ސުޕަ ލީގުގެ އެއް ވަނަ އާއި ދެ ވަނަ ޓީމަށެެވެ. އެއީ ސަރަަހައްދުގެ ރޭންކިން ކުރީގައި އިންޑިއާ އޮތުމުންނެވެ.

އަށް ޓީމުގެ މެދުގައި ކުޅޭ ކްލަބް ޗެމްޕިއަންޝިޕްގެ ބާކީ ހަ ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ގައުމަކަށް އެއް ސްލޮޓްގެ އުސޫލުންނެވެ. އެއީ، އެ ގައުމުގެ ލީގު ޗެމްޕިއަނުންނަށް ދޭ ޖާގަ އެވެ. ރާއްޖޭން ނަމަ އެ ފުރުސަތު އޮންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ.

އެކަމަކު، މިދިޔަ ޑިސެމްބަރު މަހު ތެރޭގައި ޕާކިސްތާންގެ މީޑިއާ އިން ރިޕޯޓްކޮށްފައިވަނީ، އެ ގައުުމުގެ ކްލަބް ފުޓްބޯޅަ އޮތް ހާލަތުން، ސާފް ކްލަބް ޗެމްޕިއަންޝިޕްގައި އެ ޓީމު ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސާފުން ވިސްނާފައި އޮތް އެއް ގޮތަކީ، ހަތް މަހަށް ދިގުދެމިގެންދާ ގޮތަށް މުބާރާތް، ހޯމް އެންޑް އަވޭ ފޯމެޓަށް ކުރިއަށްގެންދިއުމަށެވެ. މީގެ ކުރިން، ސެންޓްރަލައިޒް ވެނިއުއެއްގައި ހުރިހާ މެޗެއް ކުޅޭ ގޮތަށް ވިސްނުން ގެންގުޅުނު ނަމަވެސް، މުބާރާތުގެ ފޯރިގަދަ ކުރުމަށް ހޯމް އެންޑް އަވޭ ފޯމެޓަށް މުބާރާތް ގެންދަން ފަހުން ވިސްނީ އެވެ.

ސީޒަނަކަށް ދެމިގެންދާ މުބާރާތެއް ގޮތަށް، ކްލަބް ޗެމްޕިއަންޝިޕް ގެންދިއުމަށާއި މި މުބާރާތް އިސްތިހާރު ކުރަން، ބޭރުގެ ވަރުގަދަ އެޖެންސީއަކާ ހަވާލުކުރަން ސާފުން ބޭނުންވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ސްޕޮންސަރުންގެ ކަންކަން ހަމަޖެހިގެންދާ ގޮތާއި އެހެނިހެން ކަންކަމަށް ބެލުމަށް ފަހު، ސާފް ކްލަބް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ނޮކައުޓް ސިސްޓަމަށް ކުރިއަށްގެންދިއުމުގެ ހިޔާލެއް ވެސް އެބައޮތެވެ. އެހެންކަމުން، ފައިނަލް ފޯމެޓަކާ ހަމައަށް ވަރަށް އަވަހަށް ދާން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފަހަރު މުބާރާތް ބޭއްވުމުގެ ފުރުސަތު އޮތީ ކިހިނެއް؟

މީގެ ކުރިން، ސާފް ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެކި ގައުމުތަކުން އެކި ހިޔާލު ހުށަހެޅުމާއި ރަނގަޅު ސްޕޮންސަޝިޕް ޑީލްތަކެއް ނުލިބޭތީ މުބާރާތް ކުރިއަށް ނުދަނީ އެވެ. އެކަމަކު، މި ފަހަރު މުބާރާތް ބޭއްވޭތޯ، އެހެން ފަހަރުތަަކަށް ވުރެ ވަރުގަދަ އަށް އިންޑިއާ އިން ވެސް މަސައްކަތް ކުރާތީ، މުބާރާތް ފެށިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިންޑިއާގެ ނޫސްތަކުން ވެސް ރިޕޯޓްކުރެ އެވެ.

އަނެއްކޮޅުން، އަންނަ ސީޒަނުން ފެށިގެން އޭއެފްސީ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގެ ފޯމެޓް ބަދަލުވާއިރު، ސާފްގައި ހިމެނޭ ގައުމުތަކުގެ ކްލަބްތަކަށް ލިބޭ ފުރުސަތު ކުޑަވެ އެވެ. އެހެންވެ، ފުރުސަތު އިތުރުކުރަން އޮތް ހައްލަކީ، ކްލަބް ޗެމްޕިއަންޝިޕް އެވެ.

އޭއެފްސީން އަންނަ ސީޒަނުން ފެށިގެން ކްލަބް ފުޓްބޯޅަ ބަދަލުކުރަނީ ތިން ފަންތީގެ މުބާރާތްތަކަކަށެވެ. އެއީ، އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް، އޭއެފްސީ ޗެމްޕިއަންސް ލީގު 2 އަދި އޭއެފްސީ ޗެލެންޖާސް ލީގު އެވެ. ޗެލެންޖާސް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ.

އިންޑިއާ ފިޔަވާ ދެކުނު އޭޝިއާ (ސާފް)ގެ ހުރިހާ ޓީމަކަށް ވެސް ފުރުސަތު ލިބެނީ މި ލީގުގެ ޕްލޭއޮފް ބުރުންނެވެ.

އިންޑިއާ އަށް އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ގްރޫޕް ސްޓޭޖުން އެއް ޖާގަ އަދި ޕްލޭއޮފް ބުރުން އެއް ޖާގަ ލިބޭނެ އެވެ. އެއީ، އިންޑިއާގެ ލީގު ވަރުގަދަވެފައި، ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުގެ ކްލަބްތަކުން އޭއެފްސީ މުބާރާތްތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، ލިބިފައިވާ ރޭންކިން ޕޮއިންޓް ގިނަވުމުންނެވެ.

މިދިޔަ އަހަރުތަކުގައި ސާފް ކްލަބް ޗެމްޕިއަންޝިޕް ފަށަން މާ ބޮޑު މަސައްކަތެއް ނުކުރެވުނީ، އޭއެފްސީ ކަޕްގައި ގްރޫޕް ސްޓޭޖު ރޭވިފައި އޮންނަނީ ދެކުނު އޭޝިއާގެ ހުރިހާ ޓީމެއް އެއް ގްރޫޕަކަށް ދާ ގޮތަށް ކަމަށްވާތީ އެވެ. އެ ގްރޫޕް ވެފައިވަނީ ސަރަހައްދުގެ ކްލަބް ފުޓްބޯޅަ މުބާރާތަކަށެެވެ.

އެކަމަކު، އެ ފޯމެޓް އޭއެފްސީން ބަދަލުކުރުމާ އެކު، ދެން ސަރަހައްދުގެ ކްލަބް ފުޓްބޯޅައިގެ ވާދަވެރިކަން ބޮޑުކުރަން މުބާރާތެއްގެ ސިފައިގައި ކުރިއަށްދިއުން ނޫން ގޮތެއް ނެތެވެ. އެހެންވެ، މި އަހަރު ސާފް ކްލަބް ޗެމްޕިއަންޝިޕަށް ކުރާ އިންތިޒާރު ނިމުމަކަށް އައުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox