ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓު ދޭން ފެށުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ހާމަކުރައްވައިފި އެވެ.
އެގޮތުން ކ އަތޮޅާ، އއ އަތޮޅާ، އދ އަތޮޅުގެ އިތުރުން ވ އަތޮޅުގައި ހިދުމަތް ދޭ ރަށްތަކުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި އެ މަސައްކަތް ފަށައި ފަށައި، އެ ރަށްތަކުގައި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަދި މި ހިދުމަތް އިތުރު ރަށްތަކަށް ފުޅާކުރާނެ ކަމަށް ވެސް އޭނާ ހަމަކުރެއްވި އެވެ.
އެގޮތުން، 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯއިން ހޯދާފައިވާ ކާމިޔާބީތައް އޭނާ ފާހަގަކުރެއްްވި އެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ ސިކްސްތު ޕަވާ ޕްރޮޖެކްޓުގެ ތެރެއިން ގްރޭޓަރ މާލެ ސަރަހައްދަށް އިތުރުކުރާ ޖަނަރޭޓަރުތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުން ވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވެގެންދާނެކަން އޭނާ ހާމަކުރެއްވި އެވެ.
ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، ހިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ދައުލަތުގެ ކުންފުންޏަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފެއްދި ސްޓެލްކޯ އެވެ. އެންމެ 14 ކިލޯވޮޓުގެ އިންޖީނަކުން މަސައްކަތް ފެށި ކުންފުނީގެ ހިދުމަތް ފުޅާވަމުން އައިސް މިއަދު މާލޭ ސަރަހައްދުގައި އެކަނި ވެސް 122 މެގަވޮޓު އުފެއްދުމުގެ ގާބިލިއްޔަތުކަން ސްޓެލްކޯގައި އެބަހުއްޓެވެ.









