ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި ނުކުމެ، ތަށި ދިފާއުުކުރަން ކުރަން ޖެހޭ އެ މަސައްކަތުގައި ލ. ގަމުން ހިތްވަރުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު، އިސްމާއިލް ޝަރީފް (އިއްސެ) ބުނެފި އެވެ.
މި ދިޔަ އާދިއްތަ ދުވަހުގެރޭ ގަމުން ވަނީ ތ. ތިމަރަފުށި އަތުން 3-2 އިން މޮޅުވެ، ގޯލްޑަން ފުޓްސަލްގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ. ގަމަކީ، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓާއި ޝީލްޑް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ.
ތިމަރަފުށި އަތުން މޮޅުވި މެޗަށް ފަހު، އިއްސެ ބުނީ، މެޗުގައި ފިޓްނަސް މައްސަލަ ދެ ޓީމުން ވެސް ފެނުނު އެއް މައްސަލަ އަކީ ފިޓްނަސް ކަމަށެވެ. އެކަން ރަނގަޅުކުރަން ގަމުން މަސައްކަތް ކުރާނެ ކަމަށް އިއްސެ ވަނީ ބުނެފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން މުބާރާތަށް ނުކުންނައިރު، ޗެލެންޖެއް އެބައޮތް ކަމަށް އިއްސެ ވަނީ ބުނެފަ އެވެ.
"ކޮންމެ ގޮތެއް ވިޔަސް އެންމެ ބޮޑު އުނދަގުލަކަށް އަޅުގަނޑުމެންނަށް ދިމާވާނެ ކަމަކީ، ޗެމްޕިއަންގެ ގޮތުގައި (ތަށި) ދިފާއުކުރަން ނުކުތުން އެހެންވެއްޖެ ކަމަށްވިއްޔާ، އަޅުގަނޑުމެން އިތުރު މަސައްކަތެއް މިދިޔަ އަހަރަށް ވުރެ ހާޑްކޮށް ކުރަން ޖެހޭނެ. އެހެންވީމަ، އެކަންކަން ކުރަމުން މިދަނީ، ކޮންމެ ހެނެއް ވިޔަސް، ފަސޭހަވާނެެއެކޭ ނުބުނާނަން ރެޑީވެވޭ ގޮތަކުން (މެޗުތައް) އެނގޭނީ،" އިއްސެ ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ދިފާއުކުރި ހަމައެކަނި ޓީމަކީ، މި މުބާރާތް ތިން ފަހަރު ކާމިޔާބުކުރި ތިމަރަފުށްޓެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުން މި ފަހަރު ޒޯންތަކަށް ގެނައި ބަދަަލަކާ އެކު، މި އަހަރުން ފެށިގެން ގަމާއި ތިމަރަފުށި ހިމެނެނީ އެއް ޒޯނެއްގަ އެވެ. އެއީ، ޒޯން ހައެއްގަ އެވެ.
ރާއްޖޭގައި ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތްތައް އޮތުމުން އޭގެ ފައިދާ ފުޓްބޯޅަ އަށް ވެސް އެބައޮތް ކަމަށް އިއްސެ ގަބޫލުކުރެ އެވެ. އެކަމަކު، މީގެ ކުރަން ޖެހޭ މުހިންމު ކަމަކަށް އަޅާނުލެވި އޮތުމުން އޭގެ މައްސަލަތަކެއް ކުރިމަތިވާކަން އިއްސެގެ ވާހަކައިގައި ފާހަގަކުރި އެވެ.
"ފުޓްސަލް އަށް ވެސް ފުޓްބޯޅަ އަށް ވެސް ފައިދާ އެއް މިއީ. މައްސަލަ އަކީ މީގެ ރޭވުންތެރިކަމެއް ނެތީ. އެއް ޕްލޭޔަރުންތަކެއް ހުރިހާ ތަނެއްގައި ތެޅެން ޖެހުން މިއީ ރަނގަޅަށް ރެޑީ ނުވެވޭނެ ކަމެއް. މިއީ މީގެ ދެރަ ކަމަކީ،" އިއްސެ ބުންޏެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ގަން ހިމެނުނީ ލ އަތޮޅު ގްރޫޕް އެކެއްގަ އެވެ. މި ގްރޫޕުގައި ގަމުގެ އިތުރުން ދެން ހިމެނެނީ މާވައް، ކަލައިދޫ، މާބައިދޫ އަދި ދަނބިދޫ އެވެ. ލ. އަތޮޅުގެ ގްރޫޕް ދޭއްގައި ވާދަކުރާ ޓީމުތަކަކީ މާމެންދޫ، އިސްދޫ، ހިތަދޫ އަދި މުންޑޫ އެވެ.
ގަމުން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެރޭ 11 ޖަހާއިރު ނުކުންނާނީ މާވަށާ ދެކޮޅަށެެވެ.












