ދިވެހީންނަކީ ކަންނެތް ބައެއް ކަމަށް ކްރިސްޓޮފާ ސިފަކުރީ ކީއްވެ؟

ދިވެހީންނަކީ ކަންނެތް ބައެއް ކަމަށް ކްރިސްޓޮފާ ސިފަކުރީ ކީއްވެ؟

ދިވެހިންނަކީ ކޮންތަނަކުން އައި ކޮންބައެއްތޯ މިއީ ލިޔެވިފައިވާ އެއްވެސް ބަޔާނަކުން ސާބިތުވާ ކަމެއް ނޫނެވެ. ސާބިތުވާން އޮތީ މި ރާއްޖޭގެ ގަދީމީ ކަމާއި ދޮށިކަމެވެ. ވަށައިގެން ތިބި ބޮޑެތި ބާރުތަކެއްގެ މެދުގައި މި ކުޑަކުޑަ ރާއްޖެ އޮވެގެން އެބައި މީހުންގެ އަމިއްލަ ވެރިކަމެއް ކުރާތާ ދެ ސާސްކަފަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެކަން ތާރީހު ހެކިދެ އެވެ. 

ރާއްޖޭގެ ދޮށީ ކަމަށް ބަލާއިރު ދުނިޔޭގެ ސަފުގައި ރާއްޖެ މިއޮތީ އެންމެ އެކަށޭނަ ގިންތީގައިތޯ ވިސްނަވާށެވެ. ޖަވާބަކަށް ވަނީ ނޫނެކޭ ނަމަ އޭގެ ސަބަބުތަކާމެދު ވިސްނަވާށެވެ. މީސްކޮޅު މަދުކަމާއި ވަސީލަތްތަކުގެ މަދުކަމުގެ ވާހަކަ އެއީ ސަބަބެއް ގޮތުގައި ދައްކައިގެން އެތައް ޒަމާނެއް ވެއަތުވި ފަހުން އެނގުނީ ތަރައްގީވެ ކުރިއަރައި ދިއުމަށް އާބާދީއަކީ ހަމައެކަނި ރުކުން ނޫންކަމެވެ. ދެން އެހެންވިއްޔާ ތަރައްގީގެ ސަފުގައި ލިބިފައި މިއޮތް ދެރަވަރު މަގާމުގެ ސަބަބަކީ ކޮބައިތޯ އެވެ.

ދެރަވަރު މަގާމޭ މި ދެންނެވީ އެހެން ދަންނަވާން ވެގެންނެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ވަރަށް ދަށެވެ. ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ބޭނުންވާ އެންމެ އާދައިގެ ތަކެއްޗަކީވެސް ބޭރުން އެތެރެކުރެވޭ ތަކެއްޗެވެ. ދިވެހިންނަށް ފުދޭ މިންވަރަށް ދިވެހިރާއްޖޭގައި އުފައްދައިގެން ބޭނުންކުރާ ޒަރޫރީ އެއްވެސް އެއްޗެއް ނެތެވެ. އެ ސަބަބަށްޓަކައި ރާއްޖެ އަބަދު ވެސް އޮންނަން ޖެހެނީ އެހެން ގައުމުތަކަށް ބަރޯސާ ވެގެންނެވެ. ތަރައްގީގެ ސަފުގައި އޮތީ ދެރަވަރު މަގާމެކޭ މި ދެންނެވީ މިކަންކަން މިމަގުން ހުރުމުންނެވެ. 

Advertisement

ދިވެހިރާއްޖޭގެ ޗާޓު ކުރަހަން މީލާދީން 1834 ވަނަ އަހަރު ދިވެހިރާއްޖެއަށް އައި މީހުންނަކީ ރޮބަޓް މޮރަސްބީ އާއި ލެފްޓެނަންޓް ވިލްމަޓް ކްރިސްޓޮފާ އެވެ. މި ދެ މީހުން އައީ އޭރު ބޮމްބޭގައި އޮތް ސަރުކާރުން ފޮނުވީމަ އެވެ. އެ ރަށުގައި އޭރު ހިންގަމުން ދާނީ އިނގިރޭސީންގެ ސަރުކާރެވެ. އެ ދުވަސްވަރު އިންޑިއާގެ ސަބް ކޮންޓިނެންޓް އޮތީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގަ އެވެ. މޮރަސްބީ އާއި ކްރިސްޓޮފާ ރާއްޖޭގައި ހޭދަ ކުރެއްވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރަށާއި ދެކުނަށް ދަތުރުކޮށް އެތައް ބަޔަކާ ބައްދަލުކޮށް ދިވެހިންގެ ކަންކަން ހުރި ގޮތް ލޮލުން ދެކި ތަޖުރިބާކުރި އެވެ. މީގެ ތެރެއިން ވިލްމަޓް ކްރިސްޓޮފަ އެނބުރި ގޮސް ރާއްޖެއާބެހޭ ގޮތުން ވަރަށް ތަފުސީލީ މަޒުމޫނެއް ލިޔުނެވެ. އޭނާ ދުށް ތަނާއި އޭނާއަށް އިވުނު އަޑުގެ ފުރިހަމަ ބަޔާނެކެވެ. މި ވާހަކަތަކުގެ ތެރެއިން ދިވެހިންގެ އުޅުމާބެހޭ ގޮތުން އޭނާ ބައެއް ތަފްސީލުތައް ލިޔެފައި ވެއެވެ. 

"ދިވެހިން ކައި އުޅެނީ ރެޔާ ދުވާލު ތިން އިރު އެވެ. ފުރަތަމަ ކެއުން ނިދާ ހޭލާތާ ކުޑައިރުކޮޅެއް ފަހުންނެވެ. ދެން އެއަށްވުރެ ހަ ގަޑިއިރު ފަހުންނެވެ. ތިން ވަނައަށް ކާނީ ނިދާން އޮށޯތުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ."

"ކެއުމުގެ މައިގަނޑަކީ ހަނޑުލާއި މަހެވެ. ދެން އެކި ވައްތަރުވައްތަރަށް ބަނބުކޭލުގައި ތައްޔާރުކުރާ ކާނާ އެވެ. ދެން ކާށްޓާއި ގަބުޅި އާއި ދިވެހި ރުކުގެ ހަކުރެވެ. ތަރުކާރީ އާއި މޭވާ ލިބެނީ މަދުމަދުންނެވެ. ހަނޑޫ ފިޔަވައި އެހެން ހުރިހާ ކާނާއެއް އުފައްދަނީ އެ ރަށްތަކުގަ އެވެ. މިބުނި ހުރިހާ ޒާތެއް އެއްކޮށްގެން ކައްކާއިރު އޭގެތެރޭގައި އެންމެ ގިނަ ވާނީ ދިވެހި ރުކުގައި ގަންނަ ތަކެތީން އެކި ފުރާވަރުގެ ވައްތަރުތަކުން ތައްޔާރުކުރާ ހަދާ ތަކެއްޗެވެ." 

މި ބަޔާނުން ސާބިތުވީ ކަމަކީ އެޒަމާނުގައި ދިވެހިން އުޅުނީ ބޭރުން ގެނެވޭ ތަކެއްޗަށް ބަރޯސާވެގެން ނޫންކަމެވެ. ދިވެހިރާއްޖެއަކީ އަމިއްލަ ވެރިކަމެއް ކުރަމުން, މިނިވަން ގައުމެއްގެ ގޮތުގައި އޮވެ އަމިއްލަ އުފެއްދުންތެރިކަމުން ދިރިއުޅޭ ރައްޔިތެއް އުޅޭ ގައުމެއް ކަމެވެ.

މި ވާހަކަ މިހެން ބުނުމަށްފަހު ދެން ކްރިސްޓޮފާ ބުނެފައި އޮތީ "އާންމުކޮށް ބަލާއިރު ދިވެހިންނަކީ ކަންނެތް ބައެކެވެ. އަދި މަސައްކަތް ކުރާ ހިތްނުވާ ބައެކެވެ." މި ބުނުމަށް ފަހު ދެން ބުނެފައި އޮތީ ދިވެހިން ދަތުރުކުރާނޭ އޮޑިފަހަރު އެމީހުން އަމިއްލައަށް ބަންނަ ވާހަކައާއި އެ އުޅަނދުތައް އެހެލުމާއި ބޭލުމުގައި އެންމެން އެއްބައިވެ ފޯރިޔާއެކު އުޅޭ ވާހަކަ އެވެ. ވިޔަފާރިވެރިން ފިޔަވައި އެހެން މީހުން އާމްދަނީ ހޯދައި އުޅެނީ ބުރަ މަސައްކަތްކޮށްގެން ކަމަށް ކްރިސްޓޮފާ ބުނެ އެވެ. އޭގެ ތެރޭގައި މަސް ބޭނުމާއި ކާށި ހޮވުމާއި ރާބޭލުމާއި ފޭރާން ވިޔުމާއި ބޮލިހިލުން ހިމެނެ އެވެ. ބޮނބިތަޅައި ރޯނު ވެށުމަކީ ގޭގެ ހުރިހާ ކަމެއް އިންތިޒާމުކުރަމުން އަންހެނުން ކުރާ މަސައްކަތެކެވެ. ކާށިތެޔޮ ހޭނުމާއި ކަފަތެޅުމާއި ރިހާކުރު ބޯކުރުމާއި ދިވެހި ހަކުރު ހެދުމަކީވެސް އަންހެނުންނަށް ހާއްސަ މަސައްކަތްތަކެވެ. މިހުރިހާ މަސައްކަތެެއް ކޮށްއުޅުނު ދިވެހިންނަކީ ކަންނެތް ބައެއް ކަމަށް ބުނުމަކީ އިންސާފެއްތޯ އެވެ. 

ކްރިސްޓޮފާގެ މަޒުމޫނުގެ އެތަން މިތަނުގައި ތަކުރާރުކޮށް ދިވެހިންގެ ކަންނެތްކަމުގެ ވާހަކަ ބުނެފައި އޮތްއިރު, އޭނާގެ އެ ސިފަކުރުން ބިނާކުރި ސަބަބުތަކަށްވެސް ކޮންމެވެސް ވަރަކަށް އަލިއަޅުވާލާފައިވެ އެވެ. އޭނާ ލިޔެފައި ވެއެވެ. "މިބައިމީހުން ކުރިއަށް ދާން ބޭނުންވާ މިންވަރު ވެސް އަހަރުމެންނަކަށް ނޭނގެ އެވެ. އެނގޭވަރަކީ ގަދަ މަސައްކަތް ނުކޮށް ލިބުނު އެއްޗަކުން ފުދިގެންތިބޭކަމެވެ. ދިވެހިންނަކީ އަހަރުމެންނަށް ފެންނަ ގޮތުގައި މަސައްކަތްކޮށްގެން ކުރިއަށް ދިއުމުގެ އެދުން ވަރަށްވެސް ކުޑަ ބައެކެވެ. އެ ރާއްޖޭގައި އުފެދޭ ތަކެއްޗާމެދު ފަރުވާ ބަހައްޓައިގެން އެތަކެތި ގިނަކޮށްގެން ކުރިއަށް ގެންދިއުމުގެ ހިޔާލު އެބައިމީހުން އެއްގޮތަކަށްވެސް ނުކުރެ އެވެ. މި ބާވަތުގެ ކަންތަކާމެދު ފެންނަނީ ކަންނެތްކަމާއި މޮޔަކަމާހެދި ލިބުނު އެއްޗަކުން ފުއްދާލައިގެން ތިބޭކަމެވެ."

އަސްލު މައްސަލަ މިއޮތީ އެވެ. ކްރިސްޓޮފާ އަށް ފެނުނު ރާއްޖޭގައި ވަސީލަތްތައް އެބައޮތެވެ. އެހެން ނަމަވެސް އެތަކެތިން ދިވެހިންގެ އަމިއްލަ ބޭނުންމަށް ނެރޭ ނަފާ, ގައުމުގެ އިގުތިސާދަށް ނަފާވާނޭ ގޮތަށް ބޭނުންކުރުމުގެ ވިސްނުމެއް ދިވެހިންގެ ކިބައިގައި ނެތީ އެވެ. އެކަން އޭނާ ސިފަކުރީ ދިވެހިންގެ ކަންނެތް ކަމުގެ ގޮތުގަ އެވެ.

އެހެންނަމަވެސް އެއީ ހަގީގަތްތޯ އެވެ. ރާއްޖޭގައި އުފެދޭ ތަކެތިން ކްރިސްޓޮފާ އެ ބުނާ ފަދަ ނަފާ ނެރެވޭ ވަރަށް ދިވެހި ސިކުނޑިތައް އޭރު ތަރައްގީވެފައި ނެތީ އެވެ. ސިޔާސީ ގޮތުން އެ ޖާގަވެސް ނެތީ އެވެ. އެކަން ކްރިސްޓޮފާއަށް ނޭނގި އޮތުން އެކަށީގެންވާކަން އޭނާގެ މަޒުމޫނުގައި, ދިވެހިން އޭނާއާ ވާހަކަ ދައްކައި މައުލޫމާތު ދޭ މިންވަރު މަދުކަމަށް ބުނެފައި އޮތުމުން އެނގެ އެވެ. މިޒަމާނަށް ހޭލައި ދިވެހި ސިކުނޑިތައް ތަރައްގީވީއިރު އެޒަމާނުގެ އެ ވަސީލަތްތައް ހުސްވެއްޖެ އެވެ. ފަހުރުވެރިވި ދިވެހި ރުކަކީ މިހާރު ދިވެހިންނަށްވެސް ތަދު އެއްޗަކަށް ވެއްޖެ އެވެ. އެ ޒަމާނުގައި އެ ވަސީލަތް އޮތްއިރު އޭގެ ބޭނުންކުރެވޭނޭ މަގު ދިވެހިންނަށް ދައްކާފައެއް ނެތެވެ. 

އެތަން މިތަނުން ކިޔުނު ތަކެތިން އަޅުގަނޑުގެ ހަނދާނަށް މިވަގުތު އަންނަ ވާހަކައަކީ އަލްއުސްތާޒު އަހުމަދު ކާމިލުދީދީ ވިދާޅުވެފައި އޮތް ވާހަކަފުޅެކެވެ. އެމަނިކުފާނު ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގެން ކިޔަވައިދެއްވަން ފެށްޓެވުމުން ލިބިވަޑައިގެންނެވި ނަސޭހަތަކީ "ކަލޭ ދެނަހުރީމުހޭ ކިޔެވުމާއި މުއްސަނދިވުމަކީ ދިވެއްސަކަށް ފަހިކޮށްދޭން ހެޔޮވެސް ނުވާނެ ދެކަންތަކޭ. ކަލެއަށް ކިޔަވައިދިނީ ތިޔަކަހަލަ ގޯސް ހަދާކަށް ނޫނޭ" އެވެ. 

އެއީ 1916 ވަނަ އަހަރެވެ. އެހެންވީމާ ވިހި ވަނަ ގަރުނަށް ފެށުނުއިރުވެސް ވެރިންނާއި ބޮޑުންގެ ވިސްނުމަކީ މިއީ އެވެ. އެހެންވީއިރު 1800 ގައި އެ ވިސްނުން ހުންނާނީ ކޮން ދަރަޖައެއްގައިތޯ ވިސްނަވާށެވެ. ދިވެހިންގެ ވިސްނުން ގައިދުވެފައި އޮތީ ކްރިސްޓޮފާ ބުނެފައި އެ އޮތް ތިން ކެއުމުގެ ތެރޭގަ އެވެ. މާފަހުން އޭގެ ތެރެއަށް ނުވަގަޑިއާއި ހަވީރުގެ ސައިވެސް އިތުރުކޮށްލައިގެން ދިވެހިން މިއުޅެނީ ކެއުމުން އަރައިނުގަނެވިގެންނެވެ. 

ހަމަ މިބުނި ދުވަސްވަރު, އަޅުގަނޑުމެންގެ ލޮބުވެތި އަދީބު, ހުސައިން ސަލާހުއްދީންވެސް ދިވެހިން ފާހަގަކުރެއްވީ ކަންނެތް ބައެއްގެ ގޮތުގަ އެވެ. ވިދާޅުވީ ދިވެހީންގެ ހުރީ ކަންނެތެއްކަމަކު އަޖައިބުވާފަދަ ކަންނެތްކަމެއް ކަމުގަ އެވެ. ޅެމުގައި ސިފަކުރައްވާފައިވާ ގޮތުން އެގޮތުގައި ސޮހޮލުވެފައި ދިވެހިން ތިއްބާ ވަންހަ ނިމިދަނީ އެވެ. ހުސައިން ސަލާހުއްދީންގެ މި ޅެމުގައި ދިވެހިންގެ ކަންނެތްކަމުގެ މައްޗަށް އެކި ގޮތްގޮތުން ބައްލަވާލައްވާފައި ވެއެވެ. އަތްފައި ނުހަލުވައި ކާން ލިބޭނަމަ ރަނގަޅުކަމަށް ދެކި ތިބި ބައެއް ކަމަށް ސިފަ ކުރެއްވި އެވެ. އެހެންނަަމަވެސް ހަމަ އެގޮތަށް ކިތަންމެ ޅެމަކާއި ލިޔުއްވުމެއްގައި ދިވެހިންގެ މުރާލިކަމުގެ ވާހަކަވެސް ގެންނަވާފައި އެބައޮތެވެ. އެހެންވިމާ ސަލާހުއްދީންގެ މި ޅެން ސިފަ ކުރެވެނީ ޖުމުލަކޮށް ހުރިހާ ދިވެހިންނަށް އަމާޒުކުރެއްވުމުގެ ބަދަލުގައި ވަކި ބަޔަކަށް އަމާޒުކޮށް ހައްދަވާފައިވާ ޅެމެއް ކަމުގަ އެވެ. 

ކްރިސްޓޮފާގެ މަޒުމޫނުން އަޅުގަނޑުމެންނަށް ސިފަވާ އޭރުގެ ރާއްޖެ މާ ފުދުންތެރި އެވެ. ދިވެހިންގެ ކަންކަން ހަމަޖެއްސީ ދިވެހިންގެ މަސައްކަތުންނެވެ. ބޭރުން ގެންނަ ތަކެއްޗަކީ މަދު އެއްޗެކެވެ. އެތަކެތި ލިބުން ހުއްޓުނު ނަމަވެސް އެ ޒަމާނުގައި އަޅުގަނޑުމެންގެ ރާއްޖެއަކަށް މާބޮޑު ދެރައެއް ނެތެވެ. އެތަކެތި ދިނުން ހުއްޓާލާނޭކަމަށް ބުނެ އަޅުގަނޑުމެންނަށް ބިރު ދެއްކޭނޭ ގައުމެއްވެސް އޭރަކު ނެތެވެ. 

ރާއްޖެ ކުރިއަރަންޖެހޭ މިންވަރާ ގާތަށްވެސް ކުރިއަރައި ނުދާކަން އަޅުގަނޑުމެން އެންމެންނަށް އެނގެ އެވެ. އެ ހާލަތު ބަދަލުކުރުމަށް މިއަދު އަޅުގަނޑުމެން އަމިއްލައަށް މަސައްކަތްތަކެއް ކުރެވެން އެބަހުއްޓެވެ. އެންމެ އަސާސީ ކަމެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ދިވެހި ރާއްޖޭގައި އުފެއްދޭތޯ ބަލަންވީ އެވެ. ހަނޑުލާއި ފުށަކީ އަސާސީ ކާނާއަށް ވެފައި އޮތް އޮތުންވެސް ބަދަލުވާންވީ އެވެ. މިކަހަލަ އިންގިލާބީ ބަދަލުތައް އެއް ދުވަހަކުން ދެ ދުވަހަކުން ނުގެނެވޭނޭކަން އަޅުގަނޑަށްވެސް އެނގެ އެވެ. އެހެންނަމަވެސް ހިތު ނިޔަތްގަނެ މަސައްކަތް ފަށައިފިނަމަ އަޅުގަނޑުމެންނަކީވެސް "ކަންނެތްކަމުން" އަރައިގެންފައިވާ, އުފެއްދުންތެރި ގައުމަކަށް ވެވިދާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox