ފަހު ސިކުންތު ކޮޅު ތެރޭގައި ގޯލު ޖަހައި، 3-2 އިން ތ. ތިމަރަފުށި ބަލިކޮށް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަމުން، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި އެވެ.
މިއީ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޗެރިޓީ ޝީލްޑް މެޗެއް ބޭއްވި ދެ ވަނަ ފަހަރެެވެ. ދެ ފަހަރު ވެސް ޝީލްޑް މެޗުން، ތިމަރަފުށި މި ވަނީ ބަލިވެފަ އެވެ. މިދިޔަ ފަހަރު، ގ. ގާފަރު އަތުން ތިމަރަފުށި ބަލިވީ 3-0 އިންނެވެ.
މިރޭގެ ޗެރިޓީ ޝީލްޑް މެޗުން، މޮޅުވި ގަމަށް ލިބުނު 25،000 ރުފިޔާ ވަނީ ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް ހަދިޔާކޮށްފަ އެވެ. މި ފައިސާ ފަލަސްތީނާ ހަމައަށް ފޯރުކޮށްދޭން ހަވާލުކޮށްފައިވަނީ، "އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)"އާ އެވެ
ގަމަކީ ގޯލްޑަން ފުޓްސަލް ޗެލެންޖާއި ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ޓީމެވެ.
ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ގަމުން ވަނީ ފުރަތަމަ ހާުފުގެ ފަހުކޮޅުގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، އަލީ ޝާމިސް (ތޮއްޕޭ) ދިން ބޯޅައަކުން ހުސެއިން ނާޝިދު (ނާއްޓޯ) އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން، މާގިނައިރެއް ނުވެ، އާދަމް ނާސިހު (އާދަންނާ) ވަނީ ގޯލެއް ޖަހައި ތިމަރަފުށްޓަށް އެއްވަރުކޮށްދީފަ އެވެ. އޭރިއާތެރެއިން ހުސްކޮށްލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.
ތިމަރަފުށިން އެއްވަރުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ. އައްމަޑޭ އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެެވެ. އޭގެ ފަހުން، އައްމަޑޭ އާއި ތޮއްޕޭ ޖެހި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ތިމަރަފުށިން މެޗު ނިމެން މިނިޓަކަށް ވެފައި ހުއްޓައި، ކުރި ރަނގަޅު އެޓޭކެއްގައި ވަނީ ގޯލެއް ޖަހައި، އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އިސްމާއިލް މުނީޒް އެވެ.
ނަތީޖާ ހަމަހަމަވެފައި ވަނިކޮށް، ތިމަރަފުށިން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޭރިއާބޭރުން ފައުލެއް ކުރުމުން ރެފްރީ ވަނީ ހިލޭ ޖެހުމެއް ދީފަ އެވެ. މި ޖެހުން ލިބުމާ އެކު، ގަމުން ވަނީ އެ ވަގުތު ބެންޗުގައި އިން އައްމަޑޭ ކުޅެން އަރުވައިފަ އެވެ. އައްމަޑޭ ވަނީ އެ ހިލޭ ޖެހުމުން، ގޯލުގެ ކައިރީ ކަނަށް ބޯޅަ ވައްދާލައި ގަން މޮޅުކޮށްދީފަ އެވެ.
މި ފަހަރުގެ، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 މުބާރާތް ފަށާނީ މާދަމާ ރޭ އެވެ. "ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" މުބާރާތުގަައި 129 ޓީމު ވާދަކުރާނެ އެވެ. އެ ގޮތުން، 320 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅުން ޓީމުތައް ވާދަކުރާނެ އެވެ. މީގެ ކުރިން، ވ އަތޮޅާއި ނ. އަތޮޅުން މެޗުތަކެއް ނުފެނުނު ނަމަވެސް ކުރިއަށް އޮތް މުބާރާތުގައި އެ އަތޮޅުތަކުގެ މެޗުތައް ވެސް ކުރިއަށްދާނެ އެވެ.












