ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ގޯލްޑަން ފުޓްސަލް ޗެލެންޖް"ގެ މި އަހަރުގެ މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިރޭ ފަށަން ހަމަޖެހިފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 އަކީ ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މީގެ ކުރިން ދެ އަހަރެއްގައި މި މުބާރާތް ބާއްވާފައިވާއިރު މިއީ އުރީދޫން މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި ޖެހިޖެހިގެން މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ.
މިއަދު ފަށާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" މުބާރާތުގަައި 129 ޓީމު ވާދަކުރާނެ އެވެ. އެ ގޮތުން، 320 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅުން ޓީމުތައް ވާދަކުރާނެ އެވެ.
މީގެ ކުރިން، ވ އަތޮޅާއި ނ. އަތޮޅުން މެޗުތަކެއް ނުފެނުނު ނަމަވެސް ކުރިއަށް އޮތް މުބާރާތުގައި އެ އަތޮޅުތަކުގެ މެޗުތައް ވެސް ކުރިއަށްދާނެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުން އޮތީ ޗެރިޓީ ޝީލްޑް މެޗަކުންނެވެ. އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ ތ. ތިމަރަފުށްޓާއި ލ. ގަން އެވެ. އެ މެޗު ފަށަން ނިންމާފައިވަނީ ކުލަ ގަދަ ރަސްމިއްޔާތަކަށް ފަހު މިރޭ 20:30 ގައި، ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް، އެއް ނަމްބަރު ދަނޑުގަ އެވެ.













