ރިޕޯޓުއާސަންދައިގައި ޔޫއޭއީ އާއި ތައިލެންޑަށް؟ މާލިއްޔަތަށް ނުތަކާނެ!

އާސަންދައިގައި ޔޫއޭއީ އާއި ތައިލެންޑަށް؟ މާލިއްޔަތަށް ނުތަކާނެ!

ޔޫއޭއީ އާއި ތައިލެންޑަކީ މެޑިކަލް ދާއިރާގައި މޮޅު ފަރުވާ ލިބޭ ނަމަވެސް އަގު ބޮޑު ދެ ގައުމު. ސުވާލަކީ އާސަންދައިގެ މެނޭޖުމަންޓުން އިންޑިއާގެ އެހެން ސްޓޭޓަކަށް ވެސް މި ހިދުމަތް ފުޅާކުރަން ދެކޮޅު ހަދަމުންދާއިރު ރައީސްގެ ސިޔާސަތު ދެކޮޅުޖެހޭނެތޯ؟

އާސަންދައިގައި ޔޫއޭއީ އާއި ތައިލެންޑަށް؟ މާލިއްޔަތަށް ނުތަކާނެ!

ޗައިނާ ދަތުރަށް ފަހު އަނބުރާ ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާސަންދަ ސްކީމު ސިއްހީ ފަރުވާގެ "ފެންވަރު ރަނގަޅު" ޔޫއޭއީ އާއި ތައިލެންޑަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ދުވަހު ރައީސް ދެއްކެވީ އެ ގައުމުތަކުން ހަމައެކަނި ބޭސްފަރުވާ ދޭ ވާހަކައެއް ނޫނެވެ. ވިދާޅުވީ ހުރުމުގެ ހަރަދާ އެކީ މި ގައުމުތަކުގައި ހުންނަ ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކުން ދިވެހިން ހޯދާ ފަރުވާ އާސަންދައިން ކަވާކުރާނެ ކަމަށެވެ.

"އޭރުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން، މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީވަންދެކަށް ދާނީ، މިހާރު އެދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ އަދި ބެންކޮކުގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް، އެކޮމޮޑޭޝަން އެކްސްޕެންސަސް ލިބިގެން، އާސަންދައިން ކަވާ ވެގެން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް މިކަންކަން އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ ފަހަރުގައި ދިވެހިންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށް ވެދާނެ އެވެ. ނޫނީ އިންޑިއާއާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ދަނޑިވަޅުގައި އެ ގައުމަށް ނުސީދާކޮށް އަމާޒުކުރި ބަހުގެ ހަމަލާއަކަށް ވެސް ވެދާނެ އެވެ. ރައީސް ކޮންމެ މަގުސަދެއްގައި މި ވާހަކަ ދެއްކެވި ނަމަވެސް މިކަމުގައި ކަންބޮޑުވުން ބޮޑެވެ. ސަބަބަކީ އާސަންދައިގެ ހަރަދުތައް މިހާރު ވެސް ބޮއްސުންލައިގެން ގޮސް އޮބިނޯވެގެން އުޅެނިކޮށް، އިތުރު ހަރަދުތަކެއް ކުރަން ރާވާތީ އެވެ.

އާސަންދަައިގައި އެހެން ގައުމުތައް ހިމަނަން މެނޭޖުމަންޓުގެ ތާއީދެއް ނެތް

ތައިލެންޑާއި ޔޫއޭއީ އާއި މެލޭޝިއާ ފަދަ، ޖީބު ތަނަވަސް، ދިވެހިން ބޭސްފަރުވާ ކުރާ ގައުމުތައް އާސަންދައިގައި ހިމެނުމަކީ އެ ސްކީމު ފެށުނީއްސުރެން ބައެއް ދިވެހީން ދެކޭ ހުވަފެނެކެވެ. ދޭތެރެއަކުން ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ސައްލާތައް ކުރެ އެވެ. އާންމުކޮށް މިފަދަ ކަންކަމުގައި ރައްޔިތުން ކަންބޮޑުވެ، އާންމު މީހާއަށް ވެސް މަތީ ފެންވަރުގެ ބޭސް ފަރުވާ ލިބެން ޖެހޭ ކަމަށް ދައުވާ ކުރަނީ މަޖިލިސް މެމްބަރުންގެ ބޭސްފަރުވާއާ ގުޅޭ ހަބަރުތައް ދައުރުވާ ދުވަސްވަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދުދީދީ، އާސަންދައިގެ މެނޭޖުމަންޓާ މި ސުވާލު ކުރެއްވި އެވެ. އޭނާ އެއްސެވީ، އިންޑިއާ އާއި ލަންކާއަށް އާސަންދަ ލިމިޓުވެފައި ހުންނާތީ މީހުން ޝަކުވާ ކުރާކަން ފާހަގަކުރައްވަމުން، ބެންކޮކް (ތައިލެންޑު) ކަވަރުނުކުރަނީ ކީއްވެގެންތޯ އެވެ. އަދި މުސްތަގުބަލުގައި ބެންކޮކް ނޫނީ މެލޭޝިއާ ފަދަ ގައުމުތަކަށް އާސަންދަ އިތުރުކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ އޭނާގެ ސުވާލުގައި އެއްސެވި އެވެ.

ޖަވާބުގައި އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ އިންޑިއާ، ލަންކާއިން ބޭރަށް އާސަންދަ އެހެން ގައުމަކަށް ގެންދިއުމުގެ ވިސްނުމެތް ނެތް ކަމަށެވެ. އެ ވިސްނުން ނުގެންގުޅުއްވާ ސަބަބެއް ކަމަށް ވިދާޅުވީ އެ ދެ ގައުމާއި ބެންކޮކް ތަންތަނާ ހުރި އަގުގެ ތަފާތުތަކެވެ. އަގަށް އަންނާނެ ބަދަލާ މެދު ޒީނިޔާގެ ކަންބޮޑުވުން ހުރި ވަރަކީ، އިންޑިއާގެ އިތުރު ސްޓޭޓަކަށް އާސަންދަ ހިދުމަތް ފުޅާކުރަން ވެސް ތާއީދެއް ނެތްކަމަށް އޭނާ އެ ދުވަހު ވިދާޅުވުމެވެ.

"ދެން އަގުގެ ތަފާތު ހަމަ ވަރަށް ބޮޑު. މިހާރު ވެސް އަދި އިންޑިއާ، ސްރީލަންކާއަށް އެކަނި ފޮނުވާއިރު ވެސް މި ދައްކަނީ ހަމަ ސްކީމްގެ ކޮސްޓު ބޮޑުވެގެންދާ ވާހަ ކަ ދެއްތޯ. އެކަމަކު މި ބެންކޮކް ތަންތަނަށް އަދި ހަމަ އަގުގެ ތަފާތު ހުރޭ ވަރަށް ބޮޑަށް. ޓިކެޓް އެކަނި ބަލާލިޔަސް ހަމަ ކޮސްޓުގެ ޑިފަރެންސެއް އާދޭ. އެހެންވީމާ، އިތުރު އެހެން ގައުމަކަށް އިންޑިއާގެ ވެސް އިތުރު ސްޓޭޓުތައް ވެސް އަޅުގަނޑުމެން ނުލަން. މިސާލަކަށް ބޮމްބޭ ކަހަލަ ތަންތާނގައި ހަމަ އަގުބޮޑުވީމަ ހަމަ ނުލާ އަދި ބަހައްޓާފައި އެ ހުރީ،" ޒީނިޔާ ވިދާޅުވި އެވެ.

އާސަންދައިގެ އެންމެ ދުވަސްވީ އެއް މުވައްޒަފު އަދި ފެށުނީއްސުރެން އެ ކުންފުނީގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން އަންނަ ޒީނިޔާގެ ވާހަކައިން ސާފު ވަނީ އެ ސްކީމު އެހެން ގައުމުތަކަށް ފުޅާކުރުމަކީ މިހާރު ހުރި މައްސަލަތައް ހައްލުނުކޮށް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމެވެ.

އާސަންދަ ސްކީމުން ބޭރުގެ ހޮސްޕިޓަލުތަކަށް އަހަރަކު 100 މިލިއަން ހަރަދުކުރޭ

އާސަންދަ ކުންފުނިން މިދިޔަ އަހަރު "އަދަދު" އާ ހިއްސާކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2017 އިން 2022 އަށް ހޭދަވީ ހަ އަހަރުގެ ތެރޭގައި އާސަންދަ ސްކީމުން ބޭރުގެ ހޮސްޕިޓަލުތަކަށް އެއް ބިލިއަން ރުފިޔާއާ ގާތަށް ހަރަދުކޮށްފައިވެ އެވެ. އެ ފައިސާގެ ތެރެއިން 99 ޕަސެންޓު ފައިސާއަކީ އިންޑިއާ ހޮސްޕިޓަލުތަކުން ފަރުވާ ހޯދި ދިވެހިންގެ ބޭސްފަރުވާއަށް ހަރަދުވީ ފައިސާ އެވެ.

އިންޑިއާގެ ހޮސްޕިޓަލްތަކަށް ހަރަދުކުރި ފައިސާ 2017-2022

  • 2017: 100.6 މިލިޔަން ރުފިޔާ
  • 2018: 199.5 މިލިޔަން ރުފިޔާ
  • 2019: 244.6 މިލިޔަން ރުފިޔާ
  • 2020: 104.3 މިލިޔަން ރުފިޔާ
  • 2021: 203.5 މިލިޔަން ރުފިޔާ
  • 2022: 96.8 މިލިޔަން ރުފިޔާ

އިންޑިއާގެ ހޮސްޕިޓަލްތަކުން މީހުން ބޭސްކުރަން އާސަންދައިން ހަރަދުކުރި ފައިސާގެ ބޮޑު ބައެއް ގޮސްފައި ވަނީ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށެވެ. އިންޑިއާގެ ހޮސްޕިޓަލްތަކަށް އާސަންދައިން އެންމެ ބޮޑު ހަރަދެއް ހިނގި، 2019 ގައި އެ ހޮސްޕިޓަލަށް އެކަނި 104.7 މިލިޔަން ރުފިޔާ ހަރަދުވި އެވެ. އަމްރިތާ ހޮސްޕިޓަލަށް އެންމެ މަދުން ހަރަދުކުރި 2017 ގައި ވެސް 33.1 މިލިޔަން ރުފިޔާ އެ ހޮސްޕިޓަލަށް ދައްކާފައިވެ އެވެ.

އިންޑިއާގެ ހޮސްޕިޓަލުތަކުން ކުރާ ބޭސްފަރުވާގެ ހަރަދު އެކި އަހަރުތަކުގައި އެކި ވަރަށް ހުރި ނަމަވެސް ހަރަދު ހިނގި ގޮތުގެ ޓްރެންޑުން ފާހަގަވަނީ ބޭސްފަރުވާއަށް ލަންކާއަށް ދިވެހިން މިހާރު ނުދާ ކަމެވެ. ހާއްސަކޮށް ކޮވިޑުގެ ފަހުން އެ ގައުމުގެ ހޮސްޕިޓަލުތަކުން ބޭސްފަރުވާ ކުރަން ހިނގި ހަރަދު ވަރަށް ބޮޑަށް މަދުކަން ފާހަގަކުރެވެ އެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ ކޮވިޑުގައި ލިބުނު ގެއްލުންތަކުން ލަންކާ އަރައިނުގަނެވި، އިނދަޖެހި، ތެލާއި ޒަރޫރީ ބޭސް ނުލިބި އޮންނަން ޖެހުނު ދުވަސްވަރަކާ ދިމާވުމެވެ.

ސްރީލަންކާގެ ހޮސްޕިޓަލްތަކަށް ހަރަދުކުރި ފައިސާ 2017-2022

  • 2017: 2.6 މިލިޔަން ރުފިޔާ
  • 2018: 1.8 މިލިޔަން ރުފިޔާ
  • 2019: 2.9 މިލިޔަން ރުފިޔާ
  • 2020: 1.3 މިލިޔަން ރުފިޔާ
  • 2021: 410،458.ރ.
  • 2022: 183،655ރ.

އާސަންދައިން ބޭރުގެ ހޮސްޕިޓާތަކަށް ހަރަދުވީ ފައިސާއަކީ އަތޮޅު ތެރޭގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅަން ހަރަދުވާނެ ކަމަށް ސަރުކާރުން ބުނާ 15.2 މިލިއަން ޑޮލަރު (234 މިލިއަން ރުފިޔާ) އިން އަގުކުރާނަމަ، ހަތަރު ރަށެއްގައި، ބަލި މީހުން ބައިތިއްބާނެ އެކޮމޮޑޭޝަނާ އެކީ، ހޮސްޕިޓަލު ތަރައްގީކުރެވޭނެހާ ފައިސާ އެވެ. ރާއްޖޭގައި މި ވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލް ކަމުގައިވާ ޓްރީޓޮޕު އަޅަން އަމިއްލަ ފަރާތަކުން އިންވެސްޓުކުރި 110 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ގެ ދެބައިކުޅަ އެއްބަޔެވެ.

އާސަންދައިން ހޮސްޕިޓަލުތަކަށް ހަރަދުކުރި ފައިސާގެ ތެރެއަށް އިންޑިއާ އާއި ލަންކާއަށް މީހުން ފޮނުވަން ހިނގި ހަރަދާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަަން (އެންސްޕާ) އިން އެ މީހުންނާއެކީ ދިޔަ އެހީތެރިންގެ ޓިކެޓާއި އެކޮމޮޑޭޝަން ފަދަ ކަންކަމަށް ހިނގި ހަރަދު އެއްކުރުމުން، ދައުލަތުން މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްގެން އެޅި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން ދައުލަތުން ހަރަދުކުރި 2.2 ބިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބަޔާ އެއްވަރުވާނެ ކަން ކަށަވަރެވެ.

ތައިލެންޑާއި ޔޫއޭއީގައި ބޭސްފަރުވާ ހަރަދުތައް ހުރީ ކިހިނެއް؟

ތައިލެންޑާއި ޔޫއޭއީއަކީ މެޑިކަލް ޓޫރިޒަމުގައި ފުންނާބު އުސް ދެ ގައުމެވެ. ތައިލެންޑަކީ ޔޫރަޕާއި އެމެރިކާއަށް ވުރެ ހެޔޮ އަގުގައި އެ ފެންވަރުގެ ފަރުވާ ލިބޭ ކަމަށް ނަން މަޝްހޫރު މެޑިކަލް ޓޫރިޒަމުގެ މަންޒިލެކެވެ. ޔޫއޭއީއަކީ ވެސް ދުނިޔޭގެ ނަން މަޝްހޫރު މެޑިކަލް ބްރޭންޑުތަކުން ގާއިމުވެފައިވާ، އެ ސަރަހައްދުގައި ވެސް އެންމެ މޮޅު ބޭސްފަރުވާ ލިބޭ ގައުމެވެ.

އެ ދެ ގައުމު އަޅައި ބަލައިއިރު ޔޫއޭއީ އާއި ތައިލެންޑުގައި ވެސް، ހާއްސަކޮށް އެތަންތަނުގައި ހުންނަ ޕްރައިވެޓު ހޮސްޕިޓަލުތަކުގެ އަގުތައް ވަރަށް ބޮޑުކަން ފާހަގަކުރެވެ އެވެ. އަދި އެކޮމޮޑޭޝަންތަކުގެ އެވަރެޖު އަގުތައް ވެސް ތައިލެންޑަށް ވުރެ ބޮޑެވެ. މި ދެ ގައުމުގައި ވެސް ބޭސް ފަރުވާގެ އެވަރެޖު އަގު އިންޑިއާއަށް ވުރެ ބޮޑުކަން ފާހަގަކުރެވެ އެވެ. ނަމަވެސް ތައިލެންޑާއި އިންޑިއާގައި އެކޮމޮޑޭޝަން އަގުތައް ހުރީ ދާދި އެއްވަރެއްގަ އެވެ.

ކެންސަރު ފަރުވާތައް

  • އިންޑިއާ - އެވަރެޖުކޮށް 6300 ޑޮލަރު
  • ތައިލެންޑް - އެވަރެޖުކޮށް 22562 ޑޮލަރު
  • ޔޫއޭއީ - އެވަރެޖުކޮށް މަހަކު 8700 ޑޮލަރު

އެންޖިއޯޕްލާސްޓީ

  • އިންޑިއާ - އެވަރެޖުކޮށް 6200 ޑޮލަރު
  • ތައިލެންޑް - އެވަރެޖުކޮށް 10938 ޑޮލަރު
  • ޔޫއޭއީ - އެވަރެޖުކޮށް 8580 ޑޮލަރު

އައިވީއެފް ޓްރީޓުމަންޓު

  • އިންޑިއާ - އެވަރެޖުކޮށް 6500 ޑޮލަރު
  • ތައިލެންޑް - އެވަރެޖުކޮށް 3750 އިން 15625 ޑޮލަރާ ދެމެދު
  • ޔޫއޭއީ - އެވަރެޖުކޮށް 6800 ޑޮލަރު

އާސަންދަ ލިބެނީ ރާއްޖެއިން ލިބެން ނެތް ފަރުވާތަކަށް އެކަންޏެވެ. އެގޮތުން އިންޑިއާއިން ދިވެހިން އާންމުކޮށް ފަރުވާ ހޯދަނީ ކެންސަރުގެ ބޮޑެތި އޮޕަރޭޝަންތަކާއި އޯޕަން ހާޓު ސާޖަރީ އާއި އެމްޕިއުޓޭޝަނާއި ޕްރޮސްތެޓިކްސް ފަދަ ފަރުވާތަކެވެ. ތިރީގައި މިވަނީ އިންޑިއާ އާއި ތައިލެންޑާއި ޔޫއޭއީގައި ބައެއް ކަހަލަ ފަރުވާތަކުގެ އަގުތަކެވެ. މި ޗާޓުގައި ހިމަނާފައި ވަނީ ރާއްޖެއިން ނުލިބޭ ނޫނީ އިމަޖެންސީގައި ކުރެވޭ ފަރުވާތަކެވެ.

ފުރަތަމަ ހައްލުކުރަންވީ އާސަންދައިގައި ހުރި މައްސަލަތައް

ދައުލަތުގެ ހަރަދުތަކުގެ މައްޗަށް އަލިއަޅުވާލާ ވޯލްޑު ބޭންކުން މާޗު، 2022 ގައި އާންމުކުރި ޕަބްލިކް އެކްސްޕެންޑިޗާ ރިވިއުގައި ފާހަކޮށްފައިވާ ގޮތުގައި 2014 އިން 2019 އަށް ހިނގި ފަސް އަހަރުގެ ތެރޭގައި އެ ސްކީމަށް ކުރާ ހަރަދު އަންނަނީ އަހަރަކު އެވަރެޖުކޮށް 18 ޕަސެންޓުން އިތުރުވެފައިވެ އެވެ. މިހާރު ވެސް އެތަނުގެ މެނޭޖުމަންޓުން ހިއްސާ ކުރަމުންދަނީ ގެންދަނީ މިހާރު މި އޮތް ގޮތަށް އެ ސްކީމުގައި މިހާރު ހުރި މައްސަލަތައް ހައްލުނުކޮށް އެ ސްކީމު ކުރިއަށް ނުގެންދެވޭނެ ކަމުގެ ކަންބޮޑުވުމެވެ.

އާސަންދަ ސްކީމުގެ އެންމެ ބޮޑު މައްސަލައަކީ ކޮންމެ އަހަރެއްގައި ބަޖެޓު ކުރާ އަދަދު ފަހަނައަޅައި ގޮސް، ބަޖެޓު އިތުރުކުރަން ޖެހުމެވެ. މިކަން ހައްލުކުރަން އާސަންދަ އިސްލާހުކުރަން އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ކޮށްފައި ހުރި ނަމަވެސް، މިއަދާ ހަމައަށް މި މައްސަލައަށް އެއްވެސް ވަރެއްގެ ހައްލެއް ނުލިބި އާސަންދަ ސްކީމަށް ކުރާ ހަރަދު ވަނީ 2.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2012 ގައި އެ ސްކީމަށް ހަރަދު ކުރި 199 މިލިއަން ރުފިޔާއަށް ވުރެ 1000 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ.

އާސަންދައިގެ 2012 އިން 2022 އަށް ހިނގި ހަރަރު

  • ފާމަސީތަކަށް - 3.4 ބިލިއަން ރުފިޔާ
  • ހޮސްޕިޓަލުތައް - 1.8 ބިލިއަން ރުފިޔާ
  • ކްލިނިކުތައް - 616.9 މިލިއަން ރުފިޔާ
  • ލޮލުގެ ފަރުވާ (އޮޕްޓިކަލްސް) - 298.6 މިލިއަން ރުފިޔާ
  • ޕްރޮސްތެޓިކްސް - 60.1 މިލިއަން ރުފިޔާ
  • ޖުމުލަ - 6.2 ބިލިއަން ރުފިޔާ

މި ނޫހުން ކުރިން ހޯދާފައިވާ މައުލޫމާތުން އެނގެނީ އާސަންދަ ސްކީމުގައި 2012 ފަށައި ހިނގި ފުރަތަމަ ދިހަ އަހަރުގެ ތެރޭގައި ދައުލަތުން 6.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި ފައިސާގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފައިސާ ހަރަދުވީ ބޭސް ގަތުމަށެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގީ ހޮސްޕިޓަލުތަކާއި ކްލިނިކުތަކަށެވެ. މިއީ ދަރަމަވަންތަ ހޮސްޕިޓަލުގެ ތިން ހޮސްޕިޓަލް އަޅާފައި، އަދި ކުޑަ ހޮސްޕިޓަލެއް އެޅޭނެހާ ފައިސާ އެވެ.

ސަރުކާރުން ވަނީ މި އަހަރު ވެސް މި ސްކީމުގެ ހަރަދުތައް ކުޑަކުރަން މަސައްކަތްތަކެއް ފަށާފަ އެވެ. އެކަމަކު އެކަންކަން ތަންފީޒު ނުވަނީސް ސަރުކާރުން މިދައްކަނީ އަނެއްކާ ވެސް ހަރަދުތަކެއް ކުރަން އުޅޭ ވާހަކަ އެވެ. ހުރި މައްސަލަތައް ހައްލުނުކޮށެވެ. މޮޅު ބޭސް ފަރުވާ ދިވެހިންނަށް ލިބޭނެ މަގުފަހިވިޔަސް، ތައިލެންޑާއި ޔޫއޭއީއަށް ފޮނުވޭ މިންވަރަށް ބަޖެޓު ތަނަވަހެއް ނޫނެވެ.

އިންޑިއާ އާއި ލަންކާ ނޫން ގައުމުތަކަށް ހިދުމަތް ފުޅާކުރާ ވާހަކަ ދެއްކުމުގެ ކުރިން، ސަރުކާރުން ފުރަތަމަ ހައްލުކުރަންވީ އެ ސްކީމުގައި ހުރި މައްސަލަތަކެވެ. ތަރައްގީ ކުރަންވީ ރާއްޖޭގައި ހުރި ހޮސްޕިޓަލުތަކެވެ. ދައްކަންވީ ރާއްޖޭގައި ހިދުމަތްތައް ފުޅާކޮށް މި ގައުމުތަކުން މީހުން ރާއްޖެ ގެންނަ ވާހަކަ އެވެ. މަސައްކަތް ކުރަންވީ އެ މަގަށެވެ. ކުރަހަންވީ އެ ލަނޑުދަނޑިއަށް ވާސިލުވެވޭނެ މަގުޗާޓެކެވެ. ސަރުކާރުގެ ހުރިހާ ވަސީލަތެއް ފޯކަސް ކުރަންވީ އެކަމަށެވެ. އޭރުން އެއްވެސް ގައުމަކަށް ގެންދާ ވާހަކަ ދައްކާކަށް ނުޖެހޭނެ އެވެ. އެއްވެސް ގައުމަކަށް ބަރޯސާވާން ޖެހިދާނެ ކަމަށް ހިތަށް ވެސް ނާރާނެ އެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox